މުއިއްޒު އާއި އިހްސާނަށް ކޮރަޕްޝަނުން އެތައް މިލިއަނެއް ލިބޭހެން ގެންނަ “ބެސްޓިނެޓް” ގެ ސަބަބުން ދައުލަތަށާއި، ކޮންސްޓްރަކްޝަން ސިނާއަތަށާއި މުޅި ރާއްޖެއަށް އިއާދަ ނުކުރެވޭ ވަރަށް ބިލިއަނުން ގެއްލުންވޭ

މުއިއްޒު އާއި އިހްސާނަށް ކޮރަޕްޝަނުން އެތައް މިލިއަނެއް ލިބޭހެން ގެންނަ “ބެސްޓިނެޓް” ގެ ސަބަބުން ދައުލަތަށާއި، ކޮންސްޓްރަކްޝަން ސިނާއަތަށާއި މުޅި ރާއްޖެއަށް އިއާދަ ނުކުރެވޭ ވަރަށް ބިލިއަނުން ގެއްލުން ލިބޭނެ ކަމަށް ބެލެވެއެވެ.

އެތައް އަހަރެއް ވަންދެން ރާއްޖޭގައި ޑިޒައިން ކޮށް، ބޭރު މީހުންނާއި ގުޅޭ ހުރިހާ ކަމަކަށް ބޭނުންވާގޮތަށް ފުރިހަމައަށް އޮތް ރަނގަޅު ސިސްޓަމެއް އޮއްވައި, ހަމަ އެއްވެސް ސަބަބެއް ނެތި އެ ސިސްޓަމް ދޫކޮށް އާސިސްޓަމަކަށް މޭއި 2025 ގައި ބަދަލުވާއިރު، މި ސަރުކާރުން 1 އަހަރާއި 7 މަސް ދުވަސް އެ ސިސްޓަމުން ބޭރު މީހުންނާއި ގުޅުން ހުރި ހުރިހާ ކަމެއް ފުރިހަމައަށް ކޮށްފައިވެއެވެ. އަދި މީގެ ކުރީ ސަރުކާރުތަކުން ވެސް އެއްވެސް މައްސަލައެއް ނެތި ކޮށްފައިވެއެވެ.

މާލީ ގެއްލުން

ބެސްޓިނެޓާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން، ކޮންމެ ބިދޭސީއެއްގެ އަތުން އަހަރަކު 100 ޑޮލަރު (1,542 ރުފިޔާ) އެ ކުންފުންޏަށް ލިބޭނެއެވެ. މީގެ އިތުރުން، މެޑިކަލް އިންޝުއަރެންސްގެ ގޮތުގައި 50 ޑޮލަރު (771 ރުފިޔާ) ނެގޭނެއެވެ. މިހާރު ރާއްޖޭގައި ރަޖިސްޓްރީވެފައިވާ 221,231 ބިދޭސީންގެ ތެރެއިން 90 ޕަސެންޓް (199,108) މީހުންގެ އަތުން މި ފައިސާ ނެގޭނެކަމަށް ލަފާކުރެވެއެވެ. މިއީ އަހަރަކު 460 މިލިއަން ރުފިޔާ، އަދި 5 އަހަރުގެ މުއްދަތުގައި 6.9 ބިލިއަން ރުފިޔާގެ އާމްދަނީއެކެވެ.

އިމާރާތްކުރުމުގެ ދާއިރާއަށް ކުރާނެ އަސަރު

މި އެއްބަސްވުމުގެ ސަބަބުން އިމާރާތްކުރުމުގެ ދާއިރާއަށް އެތައް ގޮންޖެހުންތަކެއް ކުރިމަތިވާނެއެވެ. ބިދޭސީ މަސައްކަތްތެރިންނަށް ދައްކަންޖެހޭ އިތުރު ފީތަކުގެ ސަބަބުން އިމާރާތްކުރުމުގެ ޚަރަދު މައްޗަށް ދާނެއެވެ. މީގެ ސަބަބުން:

  • ގެދޮރު އިމާރާތްކުރުމުގެ އަގު މައްޗަށް ދިއުން
  • ކުދި އަދި މެދު ފަންތީގެ ކޮންޓްރެކްޓަރުންނަށް ދަތިތަކާ ކުރިމަތިވުން
  • ޕްރޮޖެކްޓްތަކުގެ ޚަރަދު އިތުރުވެ، ތަރައްޤީގެ މަޝްރޫޢުތައް ލަސްވުން

ކޮރަޕްޝަންގެ ހުތުރު ތާރީޚު

ބެސްޓިނެޓްގެ ތާރީޚަށް ބަލާއިރު، މިއީ ކޮރަޕްޝަންގެ ސީރިއަސް ތުހުމަތުތަކެއް ކުރިމަތިވެފައިވާ ކުންފުންޏެކެވެ:

  • މެލޭޝިއާގައި ކުންފުނީގެ މައްޗަށް ތަޙްޤީޤުތައް ހިންގައި، އެއް އަހަރަށް ސަސްޕެންޑްވެފައިވުން
  • ނޭޕާލުން 42 މިލިއަން ޑޮލަރުގެ މައްސަލައެއް ތަޙްޤީޤު ކުރެވުން
  • ބަންގްލަދޭޝްގައި 1.8 ބިލިއަން ޑޮލަރުގެ މަނީ ލޯންޑަރިންގ މައްސަލައެއް ތަޙްޤީޤު ކުރެވެމުންދިއުން

މިފަދަ ކުންފުންޏަކާ ރާއްޖޭގެ ބިދޭސީ މަސައްކަތްތެރިންގެ މުޅި ނިޒާމު ހަވާލުކުރުމަކީ ކޮރަޕްޝަނަށް މަގުފަހިވެދާނެ ކަމެކެވެ.

ޤައުމީ ސަލާމަތަށް ކުރާ އަސަރު

ބިދޭސީ މަސައްކަތްތެރިންގެ މަޢުލޫމާތު ބޭރު ކުންފުންޏަކާ ހިއްސާކުރުމަކީ ޤައުމީ ސަލާމަތަށް ނުރައްކަލެކެވެ:

  • ސެންސިޓިވް ޑޭޓާ ބޭރު ފަރާތްތަކުގެ އަތްމައްޗަށް ދިއުން
  • ބިދޭސީންގެ އެތެރެވުމާއި ބޭރުވުމުގެ މަޢުލޫމާތު ކޮންޓްރޯލްކުރުމުގެ ބާރު ގެއްލުން
  • ޤައުމީ ސަލާމަތާ ގުޅުންހުރި މަޢުލޫމާތު ރައްކާތެރިކަމާއެކު ބެލެހެއްޓުމަށް ހުރަސްއެޅުން

މިހާރު އޮތީ ފުރިހަމަ ސިސްޓަމެއް

މިހާރުގެ އެކްސްޕެޓް ސިސްޓަމަކީ ދިވެހި ޓެކްނިކަލް ޓީމަކުން ތައްޔާރުކޮށްފައިވާ، ރަނގަޅަށް މަސައްކަތްކުރާ ފުރިހަމަ ނިޒާމެކެވެ. މާހިރުންގެ ލަފާގައި:

  • ދިވެހި ޑިވެލޮޕަރުންނަށް މި ސިސްޓަމަށް ބޭނުންވާ އަޕްގްރޭޑްތައް ގެނެވޭނެއެވެ.
  • ސަރުކާރުން ޕޮލިސީ ލެވެލްގައި ގެންނަ ކޮންމެ ބަދަލެއް، މިހާރުގެ ސިސްޓަމަށް ވެސް ފަސޭހަ ކަމާއި އެކު ގެނެވޭނެއެވެ. އަދި މިއީ ދުނިޔޭގެ ހުރިހާ ޤައުމެއްގައިވެސް އެކަން ކުރާ ގޮތެވެ.

އެސްޓޯނިޔާ ދަތުރާއި ބެސްޓިނެޓްގެ މުނާފިގު ނިންމުން

މިދިޔަ ހަފްތާގައި މުއިއްޒު އުޅުނީ އެސްޓޯނިޔާގައެވެ. ރާއްޖެ ޑިޖިޓަލައިޒް ކުރުމުގެ ނަމުގައެވެ. ނަމަވެސް މިއަދު މި ފެންނަނީ، ރާއްޖޭގައި ދިވެހިން ޑިޖިޓަލައިޒް ކޮށްފައިވާ، ބޭރުން މީހުން ގެނައުމުގެ ޑިޖިޓަލް ނިޒާމް ހާލާކު ކޮށްލައި، ކޮރަޕްޝަންގެ ތެރެއިން އެހެން ބޭރު ކުންފުންޏަކަށް ދައުލަތަށާއި، ރައްޔިތުންނަށް އިންތިހާއަށް ގެއްލުންވާހެން އެހެން ބައެއްގެ އެކްސްޕެޓް ސިސްޓަމެއް ބޭނުން ކުރަން ފަށާ މަންޒަރެވެ. ރައީސް މުއިއްޒު އާއި، އެ ދަތުރު ހަމަ ޖެއްސި އިހްސާނުގެ މުނާފިގު ކަމުގެ މިސާލަކަށް މިކަން ނުފުދޭތޯއެވެ؟

ނިންމުން

ބެސްޓިނެޓާއެކު ވެފައިވާ އެއްބަސްވުމަކީ ދައުލަތަށް ގެއްލުންބޮޑު، މުއިއްޒު އާއި، އިހްސާނަށް ދާއިމީ ކޮށް އެތައް މިލިއަނެއް ކޮރަޕްޝަނުން ލިބޭހެން ހިންގާފައިވާ މަކަރުވެރި ޑީލެކެވެ. އަދި ޤައުމީ ސަލާމަތަށް ނުރައްކާވެދާނެ އެއްބަސްވުމެކެވެ. މި އެއްބަސްވުމުގެ ސަބަބުން 15 އަހަރުގެ ތެރޭގައި ދައުލަތަށް އެކަނި 6.9 ބިލިއަން ރުފިޔާގެ ގެއްލުމެއް ލިބެއެވެ. އަދި މިކަމުގެ ސަބަބުން އިމާރާތްކުރުމުގެ ދާއިރާއަށާއި، ފަތުރުވެރި ކަމަށާއި، މުޅި އިޤްތިޞާދަށް ކުރާނެ ނޭދެވޭ އަސަރުތައް ވެސް އެހާމެ ބޮޑެވެ. އެ ގެއްލުންތައްވެސް ބިލިއަނަށް އަރާނެއެވެ.

ޤައުމަށް ވެރިން ހޮވަނީ ރައްޔިތުންނަށް ހެޔޮ ގޮތްތައް ވެރިކަމުގެ ނިޒާމުގެ ތެރެއިން ހޯދައި ދިނުމަށެވެ. ނަމަވެސް، ރައްޔިތުންނަށް އިތުރަށް ނިކަމެތިކަން ލިބޭހެން ވައްކަންކޮށް، އާންމު ނިކަމެތި މީހާގެ ވިޔަފާރިތަކަށް އިތުރަށް އަސަރު ކުރާނެހެން، އަދި ރާއްޖެއަށް ވަންނަ ޑޮލަރު ބޭރަށް ގެއްލި ހުސްވާހެން، ތަންމިނަށް ސަރުކާރުން ކޮރަޕްޝަން ހިންގައި، މުޅި ޤައުމު ފުނޑުފުނޑު ކޮށްލުމަކީ ދިވެހި އެއްވެސް ރައްޔިތެއްގެ ހިތަށް، ލަނގޮޑިއަށް ކެތްވާނެ ކަމެއް ނޫނެވެ. މިއީ އަނިޔާވެރި ކަމެވެ. މިއީ ފާޅުގައި ރޯމާ ދުވާލު ރައްޔުތުންގެ އަތުން ފޭރުމެވެ. މިކަންކަން ހުޓުވާނެ ގޮތެއް، މުއައްސަސާއެއް ނެތި ރައްޔިތުން ތިބީ އަނިޔާގައި ހިތްދަތިކަމުގައި ގަނަތެޅިތެޅިއެވެ.