މަޖިލީސް ރައީސް ކަމުގައި އަބްދުއްރަހީމް ބަހައްޓައިފިނަމަ، ސިޔާސީ ލެވަރޭޖް (ނުފޫޒު) ހޯދައި، މުއިއްޒުގެ މައްޗަށް އަބްދުއްރަހީމް ކާމިޔާބު ހޯދާނެއެވެ. މީގެ އިތުރުން ރައްޔިތުންގެ ލޯބި ހޯދައި، ޕީއެންސީގެ ރައްޔިތުންގެ ލީޑަރަށް އަބްދުއްރަހީމް ވާނެއެވެ. ޕީއެންސީ ތެރޭގައި އެ ޕާޓީގެ މެމްބަރުން ދަންނަ މީހަކަށް ހުރީ އަބްދުއްރަހީމެވެ. މުއިއްޒުއާއި ޖަންގިޔާ ނާޒިމާއި، އިހްސާން އަކީ އެއްވެސް މީހަކު ދަންނަ ބައެއް ނޫނެވެ.
ރާއްޖޭގެ ސިޔާސީ މަޝްރަހުގައި މިހާރު އެންމެ ބޮޑަށް ފާހަގަކުރެވޭ އެއް ކަމަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ރައީސް މުހައްމަދު މުއިއްޒުއާ ދެމެދު އުފެދިފައިވާ ސިޔާސީ ވާދަވެރިކަމެވެ. މި ވާދަވެރިކަމަކީ މުއިއްޒުގެ ސިޔާސީ މުސްތަގުބަލަށް ވަރަށް ބޮޑު އަސަރެއް ކުރާނެ ކަމެކެވެ.
އަބްދުއްރަހީމްގެ ދަރިކަލުން ޓޫރިޒަމް މިނިސްޓަރުކަމުން ވަކިކުރުމާއެކު، ސަރުކާރާއި މަޖިލީހުގެ ރައީސާ ދެމެދު އޮތް ގުޅުން އިތުރަށް ގޯސްވެފައިވެއެވެ. މި ކަމުގެ ސަބަބުން، އަބްދުއްރަހީމަށް ލިބިފައިވާ ސިޔާސީ ބާރު ބޭނުންކޮށްގެން މުއިއްޒުގެ ވެރިކަމަށް ހުރަސްއެޅުމުގެ ކުރެވެން ހުރި ކޮންމެ ކަމެއްވެސް ކުރާނެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަޤާމަކީ ވަރަށް ބޮޑު ބާރެއް ލިބިގެންވާ މަޤާމެކެވެ. މަޖިލީހުގެ އެޖެންޑާ ކަނޑައެޅުމާއި، ގާނޫނުތައް ފާސްކުރުމުގެ މަސައްކަތް ކުރިއަށްދާ ސްޕީޑް ކޮންޓްރޯލްކުރުމުގެ ބާރު މަޖިލީހުގެ ރައީސަށް ލިބިގެންވެއެވެ. ޚާއްސަކޮށް، ހޯމް މިނިސްޓަރަށް އިތުރު ބާރުތަކެއް ދިނުމަށް ހުށަހަޅާފައިވާ ގޭންގު ބިލް ފަދަ ބިލްތައް ފާސްކުރުމަށް ހުރަސްއެޅުމުގެ ފުރުސަތު އަބްދުއްރަހީމަށް ލިބިގެންވެއެވެ. އަދި ރައީސް މުއިއްޒު ބޭނުންވާ ގިނަ ގާނޫނުތަކަކީ ގާނޫނު އަސާސީއާ ފުށުއަރާ ކަންކަން ހިމެނޭ ގާނޫނުތަކެއްކަމަށް ވާއިރު، މި ބިލްތައް ފާސްކުރުމަށް ހުރަސްއެޅުމަކީ ޑިމޮކްރަސީ ހިމާޔަތްކުރުމަށް ކުރެވޭ މަސައްކަތެއްގެ ގޮތުގައި ދެއްކިދާނެއެވެ. އަދި މިކަމުން އަބްދުއްރަހީމް އަށް ޕީއެންސީ އަދި އެމްޑީޕީ ތެރެއިންވެސް ޙައްޤަށް ވަކާލާތް ކުރާ ފަރާތްތަކުގެ ފުރިހަމަ ތަރުހީބާއި، ތާޢީދު ލިބިގެން ދާނެއެވެ. އަބްދުއްރަހީމްގެ އިރު އޮއްސުމުގެ ބަދަލުގައި ބަދަލުވާނީ ސިޔާސީ ގޮތުން “ހީރޯ” އަކަށެވެ.
އަބްދުއްރަހީމަށް ލިބިފައިވާ އެންމެ މުހިންމު އެއް ފުރުސަތަކީ އިދިކޮޅު ފަރާތްތަކާއެކު ގުޅުން ބަދަހިކުރުމުގެ ފުރުސަތެވެ. މުއިއްޒު ސަރުކާރުގެ ސިޔާސަތުތަކާމެދު ހިތްހަމަނުޖެހޭ ގިނަ މެންބަރުން މަޖިލީހުގައި ތިބިއިރު، މި ފަރާތްތަކުގެ އިތުބާރު ހޯދައި، އެއް ބަޔަކަށް އެއްކުރުމުގެ ފުރުސަތު އަބްދުއްރަހީމަށް ލިބިގެންވެއެވެ. މީގެ އިތުރުން، ސަރުކާރުގެ ސިޔާސަތުތަކާމެދު ރައްޔިތުންގެ މެދުގައި އުފެދޭ ކަންބޮޑުވުންތައް މަޖިލީހުގައި ފާޅުކޮށް، އެ ކަންކަމަށް ހައްލު ހޯދުމަށް ކުރާ މަސައްކަތުގައި އަބްދުއްރަހީމް މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ކުޅޭ ދައުރުގައި އޭނާ ވެގެން ދާނީ 2028 އަށް ފައްކާވެގެންދާ ކެނޑިޑޭޓެކެވެ.
މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އަބްދުއްރަހީމަށް މަޖިލީހުގެ ކޮމިޓީތަކުގެ މަސައްކަތްތައް ބައްޓަންކުރުމުގެ ފުރުސަތު ލިބިގެންވެއެވެ. މިގޮތުން، ސަރުކާރުގެ މުއައްސަސާތަކުގެ އިސްވެރިން މަޖިލީހުގެ ކޮމިޓީތަކަށް ހާޒިރުކޮށް، އެ ފަރާތްތަކުގެ މަސައްކަތްތަކާމެދު ސުވާލުކޮށް، ޖަވާބުދާރީ ކުރުވުމުގެ ފުރުސަތު އިތުރުކުރެވިދާނެއެވެ. މީގެ ސަބަބުން ސަރުކާރުގެ މަސައްކަތްތައް ލަސްވެ، އިތުރު ގޮންޖެހުންތަކާ ކުރިމަތިވެ، މުއިއްޒު ފަޟީހަތް ކޮށް އޭނާގެ ވެރިކަމުގެ ހުރި ނިކަމެތިކަން ވަރަސް ސާފުކޮށް މާ ބޮޑު މަސައްކަތެއް ނުކޮށް އާންމުންނަށް ހާމަ ކޮށް ދެވޭނެއެވެ.
ދައުލަތުގެ ބަޖެޓަކީ ސަރުކާރު ހިންގުމަށް އެންމެ މުހިންމު އެއް ވަސީލަތެވެ. މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން، ބަޖެޓު ފާސްކުރުމުގެ މަރުހަލާގައި އަބްދުއްރަހީމަށް މުހިންމު ދައުރެއް އަދާކުރެވިދާނެއެވެ. މުއިއްޒު ބޭނުންވާ ގޮތަށް، ތަފްސީލް ނުދީ ބަޖެޓު ހިންގުމާއި، ފާއިތުވި ބަޖެޓް ބޭނުން ކޮށްފައިވާ ގޮތުގެ ތަފްސީލް ބޭނުންވުން ފަދަ ކަންކަމަށް މަޖިލީސް ރައީސްގެ ހައިސިއްޔަތުން ނުފޫޒު ފޯރުވައި، މުއިއްޒުގެ ވައްކަންތައް ހާމަ ކުރުމަށް މުޅި ތަޅުމަށް ތަންމިނުން ފުރުޞަތު ދެވިގެން ދާނެއެވެ. އަދި އެފަހުން އަބްދުއްރަހީމް މަޖިލީސް ރައީސް ކަމުން ވަކި ކުރިއަސް އަބްދުއްރަހީމް ވެގެން ދާނީ، އިންސާފާއި، ޙައްޤަށް މަސައްކަތް ކުރި މަރުކާއަކަށެވެ. ރައްޔިތުންގެ ފަޅީގައި ހުރި މީހަކަށް ވާނީ އަބްދުއްރަހީމެވެ. މަސްދުވަހަށް މަޖިލީހުގެ ރައީސްގެ ގޮނޑީގައި އިނދެވުނަސް އަބްދުއްރަހީމް ވާނީ ހަމަ ރައްޔިތުންގެ ލީޑަރަށެވެ. ޕީއެންސީގެ ރައްޔިތުންގެ ލީޑަރަށެވެ.
މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އަބްދުއްރަހީމަށް ބައިނަލްއަގުވާމީ ފެންވަރުގައި މުހިންމު ދައުރެއް އަދާކުރެވިދާނެއެވެ. ބޭރުގެ ޕާލިމެންޓްތަކާއި ގުޅުން ބަދަހިކޮށް، ރާއްޖޭގެ ޑިމޮކްރަސީއަށް ކުރިމަތިވާ ގޮންޖެހުންތަކާމެދު ބައިނަލްއަގުވާމީ މުޖުތަމައުގެ ސަމާލުކަން ހޯދުމުގެ ފުރުސަތު އެބައޮތެވެ. މި ފުރުޞަތުގައި، މުއިއްޒުގެ ނާގާބިލު ސަރުކާރާއި، ޑިމޮކްރަސީއާއި ދެކޮޅަށް ގާނޫނީ ވެރިކަމަށް އަރައިގަތުމަށް މުއިއްޒު ކުރަމުންދާ މަސައްކަތްތައް ބިލްތަކަށް ގެނެސްފައިވާ ބަދަލުތަކުން ދެއްކޭނެއެވެ. މިކަމަށް ބޭނުންވާ ލިޔެކިޔުންތައް އިނދިކޮޅު އެމްޑީޕީއަށް ތައްޔާރުކޮށް އަބްދުއްރަހީމް އަށް އެރުވުމުން އެ ލިޔެކިޔުންތައް ބޭރުގެ ބާރުތަކާއި ހަމައަށް ވާސިލްވާއިރު މުއިއްޒުގެ ސަރުކާރަށް އެކަމުގެ ފިއްތުންތައް އަންނާނެއެވެ. މާލީ ގޮތުންނާއި އިންސާނީ ޙައްޤާއި، ޑިމޮކްރެސީގެ ތެރެއިންނެވެ.
އަބްދުއްރަހީމަށް މުއިއްޒު ސަރުކާރާމެދު ހިތްހަމަނުޖެހޭ މަޖިލީސް މެމްބަރުންނާއި، ރައްޔިތުންގެ އިތުބާރު ހޯދުމުގެ ފުރުސަތު ލިބިގެން ދާނެއެވެ. މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއަހައި، އެ ކަންކަމަށް ހައްލު ހޯދުމަށް މަސައްކަތްކުރުމުން، އިތުރު ސިޔާސީ ބާރެއް ލިބިގެންދާއިރު މުއިއްޒުގެ އާރާއި ބާރު މިއިން ކުޑަވެ 2028 އަށް އަބްދުއްރަހީމަށް ލިބިގެން މިދަނީ މުއިއްޒަށް ނުލިބޭ ވަރުގެ ފުރުޞަތެކެވެ. އަބްދުއްރަހީމް ވީ ވައުދެއް ނޯންނާނެއެވެ. ހަމައެކަނި ތެދުވަންވީ ރައްޔިތުންގެ ޙައްޤުގައެވެ. ޕީއެންސީ މެމްބަރުންގެ ޙަައްޤުގައެވެ.
މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އަބްދުއްރަހީމަށް މީޑިއާގެ ސަމާލުކަން ލިބިގެންވެއެވެ. މި ފުރުސަތު ބޭނުންކޮށްގެން ސަރުކާރުގެ ނާއިންސާފު ސިޔާސަތުތަކާއި، ރައްޔިތުންނަށް ދިމާވާ ދަތިތަކާމެދު ވާހަކަދައްކައި، އާންމު ރައްޔިތުންގެ ތާއީދު ހޯދުމުގެ ފުރުސަތު އެބައޮތެވެ. މީގެ އިތުރުން، މަޖިލީހުގެ ޖަލްސާތަކުގެ ލައިވް ކަވަރޭޖް މެދުވެރިކޮށް ސަރުކާރުގެ ނާއިންސާފު ސިޔާސަތުތަކާމެދު އަބްދުއްރަހީމް ކުރައްވާ ޖިހާދު ފެނިގެން ދާނެއެވެ.
އަބްދުއްރަހީމަށް އިދިކޮޅު ފަރާތްތަކާއެކު ސިޔާސީ އިއްތިހާދުތައް ބިނާކުރުމުގެ ފުރުސަތު ލިބިގެންވެއެވެ. މިފަދަ އިއްތިހާދުތަކުގެ ސަބަބުން ސަރުކާރުގެ މެޖޯރިޓީ ގެއްލި، އިތުރު ސިޔާސީ ބަދަލުތަކެއް ގެނައުމުގެ މަގު ފަހިވެގެންދާނެއެވެ. މީގެ އިތުރުން، މުއިއްޒު ސަރުކާރާމެދު ހިތްހަމަނުޖެހޭ ސިޔާސީ ޕާޓީތަކާއެކު މަސައްކަތްކޮށް، ސަރުކާރަށް އިތުރު ފިއްތުންތަކެއް ކުރިމަތިކުރެވިދާނެއެވެ. އަބްދުއްރަހީމް ވެގެން ދާނީ، އިނދިކޮޅު ހުރިހާ ސިޔާސީ ޕާޓީއެއް އެއްގަލަށް އަރުވާ މޭސްތިރިއަށެވެ.
މިހާރު ކުރިމަތިވެފައިވާ ސިޔާސީ ހާލަތަކީ ރާއްޖޭގެ ޑިމޮކްރަސީއަށް ވަރަށް މުހިންމު ދަނޑިވަޅެކެވެ. އަބްދުއްރަހީމް މަޖިލީހުގެ ރައީސްކަމުގައި ދެމިހުރެއްޖެނަމަ، މުއިއްޒު ސަރުކާރަށް ވަރަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެ، ސިޔާސީ ބާރުގެ ވާދަވެރިކަން އިތުރަށް ހަލަބޮލިވެދާނެކަން ފާހަގަކުރެވެއެވެ. މި ހާލަތުގައި އަބްދުއްރަހީމަށް ލިބިފައިވާ ބާރުތައް ބޭނުންކޮށްގެން ސަރުކާރުގެ ނުއިންސާފު ސިޔާސަތުތަކަށް ހުރަސްއެޅުމާއެކު، އިދިކޮޅު ފަރާތްތަކާއި ރައްޔިތުންގެ އިތުބާރު ހޯދައި، އިތުރު ސިޔާސީ ބަދަލުތަކެއް ގެނައުމުގެ ފުރުސަތު އެބައޮތެވެ. ނަމަވެސް މި ކަންކަން ކާމިޔާބުވާނީ ވަރަށް ވިސްނުންތެރިކަމާއެކު މަޖިލީހުގެ ރައީސްގެ ބާރުތައް ބޭނުންކުރެވިގެންނެވެ.






