ޕާޓީއަށް ވިއަސް، މަޖިލީހަށް ވިއަސް، އިންތިހާބީ މަގާމްތަކަށް އަންހެނުންނަށް ކޯޓާގެ އުސޫލުން ޖާގަ ދިނުމަކީ ޑިމޮކްރަސީއާއި ޚިލާފު ހައްދުފަހަނަ އެޅި ފެމިނިސްޓް ވޯކް ފިކުރެކެވެ. މިކަމަކީ ޕާޓީއަށް ތާޢީދު ގެއްލި، ކަނބަލުންގެ ކުރިއެރުމަށް ހުރަސްއެޅޭ ކަމެކެވެ.
މިފަދަ ބޮޑެތި ބިލްތައް މަޖިލީހަށް ޕާޓީގެ ނަމުގައި ހުށައަޅާއިރު، ނުވަތަ ޕާޓީގެ ލީޑަރޝިޕަށް މިފަދަ ބޮޑެތި ބަދަލުތައް ގެނައުމަށް ހުށައަޅާ އިރު، މިއީ ޕާޓީގެ އާންމު މެމްބަރުންގެ މެދުގައި ޕާޓީއަށް ތާޢީދު ކިހާވަރަކަށް ގެއްލިގެންދާނެ ކަމެއްތޯ ބަލާލުންވެސް އެންމެ ރަނގަޅެވެ. މިކަމުން ސީދާ މަންފާ ލިބޭ މަދު ބައެއް ފިޔަވާ އިތުރު އެއްވެސް ބަޔަކު މިފަދަ ހައްދުފަހަނަ އެޅި ފިކުރުތަކަކަށް ރާއްޖޭގައި ތާޢީދެއް ނުކުރެއެވެ. މިއީ ކޮންމެ ޕާޓީއަކުން ކުރި ކަމެއް ކަމުގައި ވިއަސް އެޕާޓީއަށް ވޯޓު ގެއްލި ސިޔާސީ މައިދާނުން އިތުރަށް ބަލިވުމަށް ކުރިމަތިވާނެ ސަބަބަކަށް ނޫނީ މިކަން ނުވާނެއެވެ.
މަޖިލީސް އިންތިހާބު ބޯމަތިވެފައިވަނިކޮށް އާންމު މެމްބަރުންގެ ޚިޔާލު ނުހޯދައި، އެމްޑީޕީއިން މިފަދަ ބިލެއް މަޖިލީހަށް ހުށައެޅުމުން، އެމްޑީޕީއަށް އެތައް ވޯޓެއް ގެއްލިގެން ދިޔައެވެ. އެ ބިލު ވެގެން ދިޔައީ ޕާޓީގެ އެތައް ބަޔަކު ހިތްހަމަ ނުޖެހުނު ބިލަކަށެވެ.
ކޯޓާގެ ބަދަލުގައި އިސްކުރަން ޖެހޭނީ ޤާބިލު ކަން:
މަޤާމުތަކަށް މީހުން އައްޔަން ކުރަން ވާނީ، އެމީހެއްގެ އިލްމާއި އަދި ތަޖުރިބާގެ ޤާބިލު ކަމުގެ މައްޗަށެވެ. ކޮންޒަވޭޓިވް އުސޫލަކީ މެރިޓް ބޭސް ކޮށް ވަޒީފާ ދިނުމެވެ. ރައްޔިތުންގެ ވޯޓުން، ނުވަތަ ޕާޓީ މެމްބަރުންގެ ވޯޓުން ހޮވޭ މަގާމެއް ނަމަ، އެކަމުގައި އޮންނަނީ ރައްޔިތުންގެ ބަހެވެ. ރައްޔިތުންގެ ވޯޓެވެ. ޑިމޮކްރަސީ އެވެ. ވަކި ޖިންސަކަށް ހާއްސަ ފައިދާއެއް ވާހެން، ވަކި ކޯޓާއެއް (ވަކި އަދަދަކަށް) އަންހެނުން މަޖިލީހުގައި ތިބެން ޖެހޭނެ ކަމަށް ނިންމުމަކީ ޑިމޮކްރަސީއިން ރައްޔިތުންނަށް އެމީހަކު ބޭނުންވާ މީހަކު އައްޔަން ކުރަން ޑިމޮކްރަސީ އިން ދީފަ އޮންނަ ފުރުޞަތާއި އެ ޙައްޤު ނިގުޅައިގަތުމެވެ. އަދި މަޖިލީހުގެ ގޮނޑިއަށް ހަޤީގީ ވާދަ ވެރި ކަމުގައި އާދެވެން އޮތް ކިތަންމެ ރަނގަޅު ފަރާތަކަށް ވެސް އޮތް ފުރުޞަތެއް ގެއްލުވާލުމެވެ.
އޮގޮތަށް ފުރުޞަތު ދިނީމާ، ދެން އަންނަ މަޖިލީހެއްގައި ތިބޭނީ، މަލްޝާ އާއި، ޝިއުނާއާއި، ކުޑޫއެވެ.
ކޮންމެ މީހެއްގެވެސް ޤާބިލިއްޔަތާއި ހުނަރަށް ބަލައިގެން ވަޒީފާތަކަށް މީހުން ހޮވުމަކީ އެންމެ ރަނގަޅު ގޮތެވެ. ކޯޓާ ނިޒާމެއްގެ ދަށުން ވަކި ބަޔަކު ވަކި އަދަދަކަށް ހަމަކުރަން ޖެހުމުން މަސައްކަތުގެ ފެންވަރު ދަށްވެ، މަޤާމުތަކުގައި ތިބޭ ފަރާތްތަކުގެ މެދުގައި ހިތްހަމަނުޖެހުން އުފެދިގެން ދާނެއެވެ.
ކޯޓާ އަކީ ހަމަހަމަ ކަން ނަގާލައި، ތަފާތު ކުރުން ބޮޑު ކުރުން:
ފުރުސަތުތަކުގެ ހަމަހަމަކަމާއި ނަތީޖާގެ ހަމަހަމަކަމަކީ ތަފާތު ދެ އެއްޗެކެވެ. ކޯޓާ ފަދަ ނިޒާމުތަކުން ބާރުއަޅަނީ ހަމަ ހަމަ ފުރުޞަތު ތަކެއް ދިނުމަކަށް ނޫނެވެ. ނަމަވެސް އިންތިހާބު ނިމޭއިރު، ނުވަތަ މަޤާމުތައް ހަމަ ޖެހޭއިރު، އެއްވަރަކަށް އަންހެނުން ތިބޭ ގޮތް ހެދުމުގެ މައްޗަށެވެ. ކޯޓާ މެދުވެރި ކޮށް މަޤާމުތަކަށް އަންނަ ހިސާބުން، އެމީހުން އެ މަޤާމުތަކަށް އެ އާދަވެނީ ހަމަހަމަ ފުރުޞަތުގެ ތެރެއިންނެއް ނޫނެވެ. މިއީ އިންތިހާބުގައި ކުރިމަތިލާން ތިބޭ މީހުންގެ މެދުގައި އޮންނަ ޝައުޤުވެރިކަމާއި، ހުނަރާއި، އެފަދަ ކަންކަމުގެ މައްޗަށް ބަލައި މަޤާމަށް ހޮވުމަށް އޮންނަ ފުރުޞަތަކަށް ނުވާތީ، ކޯޓާ ނިޒާމު ވެގެން ދަނީ ތަފާތުކުރުން ބޮޑު ޙައްޤު ގެއްލޭ އުސޫލަކަށެވެ.
ވަކިވަކި ފަރުދުންގެ ތަފާތުތައް:
އަންހެނުންނާއި ފިރިހެނުންގެ މެދުގައި ޝައުޤުވެރިކަމާއި ދިރިއުޅުމުގެ އިސްކަންދޭ ކަންތައްތަކުގައި ތަފާތުތަކެއް ހުރެދާނެއެވެ. މިއީ ޤުދުރަތީ ގޮތުން އެކި ވަޒީފާތަކަށް އެކި ޖިންސުގެ މީހުން ޝައުޤުވެރިވުމަށް މަގުފަހިވާ ކަމެކެވެ. މިސާލަކަށް ނަރުހުންނަށް ވުމާއި، ޑޮކްޓަރުންނަށް ވުމަށް ފަހަރެއްގައި އަންހެނުންގެ ޝައުގު މުޖުތަމައުގައި ބޮޑަށް ހުރެދާނެއެވެ. ކޯޓާ ނިޒާމަކުން މި ތަފާތުތައް ފޮރުވާލައި، މީހުން ބޭނުންނުވާ މަޤާމުތަކަށް އެމީހުން އައުމަށް މަޖުބޫރު ހާލަތެއް އުފައްދައެވެ. މިކަމުގެ ސަބަބުން އިޖްތިމާޢީ ފޭރާން ރޫޅި، ގުދުރަތީ ގޮތުން އަދި ދީނީ ހަމަ ތަކުން އަންހެނުންނާއި ފިރިހެނުންގެ މެދުގައި އޮންނަ ދައުރު ގެއްލިގެން ދެއެވެ.
ނޭދެވޭ ރައްދު:
ކޯޓާ ނިޒާމެއް ތަންފީޒުކުރުމުން، ޚާއްސަކޮށް އަންހެނުންނަށް ނޭދެވޭ އަސަރުތަކެއް ކުރުމަކީ އެކަށީގެންވާ ކަމެކެވެ. އެމީހުންގެ ކާމިޔާބީތަކަކީ ކޯޓާގެ ސަބަބުން ލިބުނު އެއްޗަކަށްވެ، އެމީހުންގެ ޙަޤީޤީ ޤާބިލިއްޔަތުކަން ފޮރުވިގެން ދެއެވެ.
ކޯޓާ އަކީ ހައްލެއް ނޫން:
އަންހެނުންނަށް ހަމަހަމަ ކަން ހޯދައި ދިނުމުގައި ކޯޓާއަކީ ހައްލެއް ނޫންކަން ހޯދިފައިވާ ރިސާރޗް ތަކުން ދައްކެއެވެ. ކޯޓާ ނިޒާމު އުވާލުމާއި އެކު ކުރިއެކޭ އެއްގޮތަށް ހަމަހަމަ ފުރުޞަތުގެ ތެރެއިން މަޤާމުތައް އަދާ ކުރުމަށް ކުރިމަތިލުން މަދުވެގެން ދެއެވެ. ކޯޓާއިން އެމްޕަވަރ ވެގެން” ކުރިއެރުން ލިބިގެން އުފެދުނު ބަޔަކު އެ އުވާލުމުން، ހަމަހަމަ ފުރުޞަތުގެ ތެރެއިން މަގާމުތަކަށް އައުމަށް ކުރިމަތި ނުލައެވެ. މިކަމުން ސާބިތުވަނީ، މީހުން އުފެއްދުމަށް ކޯޓާގެ ނިޒާމު ކާމިޔާބު ވެފައި ނުވާކަމެވެ. މީގެ ބަދަލުގައި ކަނބަލުންނަށް ތަޢުލީމާއި، ހުނަރާއި، ވިޔަފާރީގެ ޤާބިލުކަން އިތުކޮށްގެން ފުރުސަތުތައް އިތުރު ކުރުމަށް މަސައްކަތް ކުރުމަކީ މާ ރަނގަޅު ގޮތެކެވެ. މަސައްކަތް ކުރަންވީ މުޅި މުޖުތަމަޢުއަށެވެ.
ޘަޤާފީ އަދި ނަފްސާނީ އަސަރު:
މިފަދަ ސިޔާސަތުތަކުން ވަކިވަކި ފަރުދުންގެ ނަފްސާނީ ދުޅަހެޔޮކަމަށް އަސަރުކުރެއެވެ. މިފަދައިން އަމަލު ކުރުން އަންހެނުންނަށް އެމީހުންގެ ނަފްސު ފެނިގެންދާނީ، އެމީހުންގެ އަމިއްލަ ޤާބިލިއްޔަތުކަމުގެ ބަދަލުގައި ހަމައެކަނި ވަކި ގްރޫޕެއްގެ ތަމްސީލުކުރާ ބަޔެއްގެ ގޮތުގައެވެ. މިއީ ވަކިވަކި ފަރުދުންގެ އަމިއްލަވަންތަކަން ގެއްލިގެން ދިއުމަށް މަގުފަހިވާ ކަމެކެވެ.
ހައްދުފަހަނައެޅި ވޯކް ސަގާފަތް:
ހައްދުފަހަނަ އެޅި ފެމިނިޒަމްގެ ތެރެއިން އުފަންވި ވޯކް ސަގާފަތަކީ، ޤައުމެއްގެ އިޖްތިމާޢީ ފޭރާން އެކީ އެކައްޗަކަށް ރޫޅާލައި، އިންސާނީ ބުއްދި އާއި، ފިކުރު ހަމަ ތައް ނަގާލައި، އިހްސާސާ އާއި ހަވާ ނަފްސުގެ މައްޗަށް ކަންކަން ނިންމުމުގެ ޝައިތާނީ ފިކުރެކެވެ. ހުޅަނގުން ފަތުރަމުންދާ މި ފިކުރަށް ޓްވިޓަރގެ ވެރިފަރާތް އެލޯން މަސްކް ކިޔަނީ “ވޯކް ވައިރަސް” އެވެ. އެލްޖީބީޓީ ޝީ/ހިމް ގެނައީ މި ޝައިތާނީ ފިކުރުންނެވެ. އަންހެނުން ބާރުވެރި ކުރުމުގެ ނަމުގައި ފެށުނު ހައްދުފަހަނަ އެޅި ވޯކް ހަރަކާތުގެ ތެރެއިން އަންހެނުން ގޮތަށް ހެދުން އަޅާ ފިރިހެނުންނަށް، އަންހެނުންގެ ކުޅިވަރުތަކުގައި ވާދަވެސް ކުރެވެއެވެ. ހުޅަނގުގެ ހަޟާރަތް މި ޝާއިތާނީ ފިކުރުގެ ތެރެއިން ނިމިގެން ދާތީ، އެމެރިކާގެ އާ ސަރުކާރުން މަސައްކަތް ކުރަމުން ދަނީ “ވޯކް ވައިރަސް” އާއި ދެކޮޅަށެވެ. ނަމަވެސް ފަނާކުރުވަނިވި ފިކުރެއްގެ ތެރެއިން އަމިއްލަ މަންފާއަށް މަސައްކަތް ކުރާ ބަޔަކު ރާއްޖޭގައި ދަނީ “ވޯކް ވައިރަސް” ފެތުރުމަށް މަސައްކަތް ކުރަމުންނެވެ.
ހިތާމައަކީ ހަމަ ހަމަ ފުރުޞަތު ހޯދުމަށް، ކޮންސްޓްރަކްޝަން އާއި، އޮއިލް ރިފައިނަރީސް އާއި، މަސްވެރިކަމުގެ އިސް މަގާމުތައް އަންހެނުންނަށް ދިނުމަށް ކޯޓާ ހަމަ ޖައްސަން މިއިން މީހަކު މަސައްކަތް ނުކުރާނެ ކަމެވެ.
ޔޫއެސް އެއިޑް އާއި، އެކި އެކި އަންހެނުންގެ ޙައްޤުތަކަށް ވަކާލަތް ކުރާ ޖަމިއްޔާ ޖަމާއަތްތައް ފަހަތުގައި ތިބެގެން މި ހުޅަނގުގެ ނާތަހުޒީބު ސަގާފަތް ރާއްޖެއަށް ގެންނަން ދަނީ މަސައްކަތް ކުރަމުންނެވެ. ހުޅަނގުންވެސް، އިރުމަތިންވެސް، ރަނގަޅު ހެޔޮ ފަލްސަފާއާއި، ލިބަރަލިޒަމް އާއި، ކެޕްޓަލިޒަމް އާއި ޑިމޮކްރަސީ ފަދަ ނިޒާމްތައް ނަގައި އޭގެ މައްޗަށް އަޅުގަނޑުމެންގެ ޤައުމު ބިނާ ކުރުމަކީ ކުރަން ޖެހޭ ކަމެކެވެ. އިސްލާމީ ހަޟާރާތް ކުރިއަރައިގެން ދިޔައީވެސް އެގޮތުގެ މަތިންނެވެ. ނަމަވެސް ހުޅަނގުގެ ހަޟާރާތް އެމީހުންގެ އެތެރެއިން ފުނޑު ފުނޑު ކޮށްލުމަށް ޒައެނިސްޓް އެޖެންޑާ ތެރެއިން ގެންނަ ވޯކް ކަންކަމަކީ އެކަންކަމުން އަޅުގަނޑުމެން ފަދަ ކުޑަ ޤައުމެއް އިސާހިތަކު ފަނާ ކޮށްލާނެ ނުރައްކާތެރި ކަންކަން ދަނެގެން މިފަދަ ނުބައި އެޖެންޑާތައް އަމިއްލަ މަސްލަހަތަށްޓަކައި ގެންގުޅޭ މީހުންނާއި މެދު ސަމާލުވާން ޖެހެއެވެ.






