އަނިޔާވެރިކަމާއި ކޮރަޕްޝަނާއި ދެކޮޅަށް އަޑު އުފުލުން ގޯސް ކޮށް، ދީނުގެ އަސްލުތައް އޮޅުވާލައިގެން ޚުތުބާ ސިޔާސީކޮށް ބަރަކާތްތެރި ރޯދަމަހު ގެނެސްފައި ވަނީ މުއިއްޒު އަންގައިގެން

ހުކުރު ދުވަހު ޚުތުބާގައި، އަނިޔާވެރިކަމާއި، ކޮރަޕްޝަނާއި، ރައްޔިތުންނަށް ދޮގު ހެދުމާއި ދެކޮޅަށް ސޯޝަލް މީޑިޔާ އަދި މީޑިޔާގައި ރައްޔިތުން އަޑު އުފުލުމަކީ ދީނީ ފާފަ އެއް ކަމަށް ސިފަކޮށް، ރައީސް މުއިއްޒު އަންގައިގެން ޚުތުބާ ގެނެސްދީފިއެވެ. ޚުތުބާގައި ދީނުގައި އޮތް ގިނަ ޙަގީގަތްތަކެއް އޮޅުވާލައިގެން ސިޔާސީކޮށް ގެނެސް ދިން އިރު، މީގެ ކުރިން ވަނީ ކީރިތި ޤުރުއާނުން ކަލިމައެއް އުނިކޮށް ޓީވީއެމް އަދި ޕީއެސްއެމްއިން ގެނެސްދީފައެވެ. އެއީ މުއިއްޒު އިންނެވި ޖަލްސާއެއްގައި މުނާފިގުންގެ ވާހަކަ ބަޔާން ކުރާ ކީރިތި ޤުރުއާނުގެ އާޔަތެއް ކިޔުމުން، “މުނާފިޤު” އެ ލަފްޒު ކަނޑައި ޤުރުއާން ބަދަލު ކޮށްގެން އެ ޖަލްސާ ދެއްކުމަށެވެ.

އިސްލާމް ދީން ވަނީ އަނިޔާވެރި ވެރިންނާއި ދެކޮޅަށް ތެދުވުމަށް އަންގަވާފައެވެ. ޤުރުއާނާއި ހަދީސުން މިކަން އިނގޭ އިރު އިސްލާމީ ތާރީޚުން ވެސް މިކަން ފެނިގެން ދެއެވެ.

ހިޖުރައިން 60 ވަނަ އަހަރު މުއާވިޔަތުގެ ފާނު އަވާހާރަ ވުމުން، ޚަލީފާ ކަމަށް އައީ، މުއާވިޔަތުގެ ފާނުގެ ދަރިކަލުން ޔަޒީދު އިބްނު މުއާވިޔަތެވެ. ޔަޒީދު ވެގެން ދިޔައީ އަނިޔާވެރި ޚަލީފާއަކަށެވެ. ޔަޒީދުގެ ޚަލީފާ ކަމުގައި، ކަރުބަލާގައި ކީރިތި ރަސޫލާ ﷺ ގެ ކާފަ ދަރިކަލުން ހުސެއިންގެ ފާނު ޝަހީދު ކޮށްލީ، ކޫފާގެ ވެރިއަކަށް ޚަލީފާ ޔަޒީދު އައްޔަން ކުރި އުބައިދުﷲ އިބްނު ޒިޔާދު އެވެ. ޒިޔާދު ކޫފާގެ ވެރިއަކަށް އައްޔަން ކުރީ، ހުސެއިންގެފާނު މުސްލިމުންގެ ޚަލީފާއަކަށް ގެނައުމަށް އުފެދުނު ޚަރަކާތް ނިމުމަކަށް ގެނައުމަށް ޔަޒީދުއެވެ. އޭރު އޭނާ ވަނީ ހުސެއިންގެ ފާނަށް ތާޢީދު ކުރި ބައެއް މުސްލިމުން މަރައި، ބާކީ ތިބި ފަރާތްތަކަށް ރިޝްވަރު ދީފައެވެ. ހުސެއިންގެ ފާނުގެ އިތުރުން ރަސޫލާ ﷺ އާއިލާއަށް ނިސްބަތްވާ އެތައް ބަޔަކު ކަރުބަލާގައި ޝަހީދު ކޮށްލެވުނެވެ. ހުސެއިންގެ ފާނު ޝަހީދު ކޮށްލީ، އެ ކަލޭގެފާނު 3 ގޮތަކަށް އަމާން ދިނުމަށް ހުށައަޅާފައި ވަނިކޮށެވެ.

ކީރިތި ރަސޫލާﷺގެ ކާފަ ދަރިފުޅު ޝަހީދު ކުރި ހަނގުރާމަ ހިނގި އިރު، ޚަލީފާ ޔަޒީދު ވަނީ ފައިސާ އަކާއި ރަނާއި އަގުހުރި މުދާ މަދީނާގެ ވެރިންނަށް އަރުވާފައެވެ. ނަމަވެސް މަދީނާގެ ވެރިންނާއި ހަމަ އަށް އޭރު އެ ޚަބަރު އައިސްފައި ނުވެއެވެ. ޚަލީފާ ޔަޒީދު އާއި ބައްދަލު ކުރުމަށްފަހު، އެނބުރި މަދީނާއަށް ވަޑައިގެން މަގުމަތީ އެކަން މަދީނާގެ ވެރިންނަށް އެނގުނެވެ.

އަގުހުރި މުދަލާއި، ރަނާއި، ފައިސާ ދިންކަމުގައި ވީނަމަވެސް، މުޅި މަދީނާ ނުކުތީ ޚަލީފާ ޔަޒީދު އާއި ދެކޮޅަށެވެ. އިންސާފަށެވެ. އެމީހުން، ޔަޒީދުގެ ފަރާތުން މަދީނާގައި ވެރިއަކަށް ލާފައިހުރި ގަވަރުނަރު ދުރުކޮށް، ޔަޒީދާއި ދެކޮޅަށް ގަދައަށް އިޚްތިޖާޖު ކުޅައެވެ. މީގެ ތެރޭގައި ރަސޫލާ ﷺ ގެ ސަހާބީން ހިމެނެއެވެ. އަދި ރަސޫލާގެ އެންމެ އަރިސް ސަހާބީންގެ ދަރިންނާއި، ދަރި ދަރި ކަނބަލުންވެސް ހިމެނެއެވެ.

ޚިޖުރައިން 63 ގައި މަދީނާއަށް ޚަލީފާ ޔަޒީދުގެ އަނިޔާވެރި ފައުޖުތައް އަރައި، އޭނާގެ ވެރިކަމާއި ދެކޮޅުވި، ރަސޫލާގެ ސަހާބީންނާއި، ރަސޫލާގެ ސަހާބީންގެ ދަރި ދަރި ކަނބަލުން ޝަހީދުކޮށް، އެތައް ބަޔަކު ރޭޕް ކޮށް މުޅި މަދީނާ ލޫޓުވައި، ޚަލީފާ ޔަޒީދުގެ އަނިޔާވެރި ކަމުގެ ދަށަށް ގެނައެވެ. ކީރިތި ރަސޫލާ ﷺގެ މިސްކިތް ކަމަށްވާ މަސްޖިދުއް ނަބަވީ އަށްވެސް ހަމަލާ ދިންކަމަށް ވެއެވެ. މި ހަނގުރާމަ އަށް ދެވުނު ނަމަކީ “ޚައްރާ” އެވެ.

މަދީނާގައި ތިބި، މުސްލިމު ވެރިންނާއި، ރަސޫލާގެ ސަހާބީންނަށް، ޔަޒީދުގެ އަނިޔާވެރިކަމާއި، އޭނާގެ ފައުޖުން ސަލާމަތް ނުވާނެ ކަން ޔަގީންކޮށް އެނގުނެވެ. ނަމަވެސް އަނިޔާވެރި ޚަލީފާއާއި ދެކޮޅަށް ތެދުވުމަކީ ދީނުގައި އޮތް ގޮތް ކަމުން، ޔަޒީދު އާއި ދެކޮޅަށް ތެދުވެ، އިސްލާމް ދީނުގެ މަތިވެރިކަން ނެގެހެއްޓުމަށް މަދީނާގައި ތިބި މުސްލިމުން (ރަސޫލާﷺގެ ސަހާބީން ހިމެނޭހެން) ނިންމި ނިންމުމަކީ މުއިއްޒު ފަދަ ރައްޔިތުންނަށް ދޮގު ހަދާ، ރައްޔިތުންގެ މުދަލުން ވައްކަން ކުރާ، ރައްޔިތުންގެ ޙައްޤުތައް ފޭރޭ، އަނިޔާވެރި ވެރިންނާއި ދެކޮޅަށް ނުކުތުމަށް އިސްލާމް ދީން އަންގަވާކަން ސާފުކޮށް ފެންނަ އޮތް ނިންމުމެކެވެ.

މިއަދު އަޅުގަނޑުމެންނަށް އޮތީ ސޯޝަލް މީޑިޔާއެވެ. މީޑިޔާއެވެ. އަދި މަގު މައްޗެވެ. މިއިން ކޮންމެ ތަނަކަށް ނުކުމެ އަޑު ގަދަ ކުރިއަސް އިސްލާމީ އަސާސްތައް އޮޅުވާލައިގެން ދޮގު ހަދައިގެން މުއިއްޒު ޚުތުބާ ގެނެސްދޭނެއެވެ. ބޭނުމަކީ ވީހާވެސް ގިނަ ބަޔަކަށް ދީނީ ގޮތުން ކަން އޮތް ޙަޤީގަތް އޮޅުވާލުމެވެ.

މަދީނާ ލޫޓުވައި ރަސޫލާ ﷺގެ ސަހާބީން ޝަހީދު ކުރުމަށް ފަހު ޚަލީފާ ޔަޒީދު ނިންމީ މައްކާގައި ހުންނެވި އަބްދުﷲ ބިން އިބްނު ޒުބައިރު އާއި އޭނާއާއި ބައިއަތު ހިފައިގެން ތިބި މުސްލިމުން ޝަހީދު ކުރުމަށް މައްކާ ހިފުމަށެވެ. ޚިޖުރައިން 64 ވަނަ އަހަރު ރަބީއުލް އައްވަލު މަހު، މައްކާއަށް އެރުމަށް ފައުޖުތައް ފޮނުވިއެވެ. މައްކާ އެއްކޮށް ހިފުމުގެ ކުރިން، މާތްﷲ ގެ އިރާދަ ފުޅުން، އަނިޔާވެރި ޚަލީފާއަކަށް ހުރި ޔަޒީދު ޑިމިޝްކުގައި އުމުރުން އެންމެ 36 އަހަރުގައި ކުއްލި މަރަކުން މަރުވެގެން މައްކާ ސަލާމަތް ވިއެވެ.

ރައްޔިތުންނަށް އަނިޔާވެރިވާ ވެރިން ކިތަންމެ ބާރެއް ހުއްޓަސް އާޚިރުގައި ނިމިގެން ދަނީ ނިކަމެތި ކަމާއި އެކުގައި ކަން ތާރީޚު ދަނީ ދައްކަމުންނެވެ. އަދި އިސްލާމް ދީނަކީ އަނިޔާވެރި ވެރިން ވެރިކަން ކުރުމަށް ދީލައިލައިގެން ތިބެން އޮތް ދީނެއް ނޫންކަން އިސްލާމީ ތާރީޚުން ސާފުކޮށް ފެންނަން އެބައޮތެވެ.