ދުނިޔޭގެ އެންމެ ރީތި ދިވެހިރާއްޖޭގެ ބޭންކު ނޫޓު ކަމުގައިވާ 1000ރ ނޫޓުގައި ޖަހަން ބޭނުންވާ މޫނަކީ ރައީސް މުއިއްޒުގެ މޫނުކަމަށް ބުނެ، އެކަން ކުރައްވަން ބޭނުންފުޅުވެގެން ރައީސް މުއިއްޒު އުޅުއްވާ ކަމުގެ ވާހަކައަކީ ރާއްޖޭގެ ރައްޔިތުންނަށް ހައިރާންކަން ގެނުވި ވާހަކައެކެވެ.
ދިވެހިން ހައިރާން ވެގެން އުޅެނީ، 15 ބިލިއަން ރުފިޔާ ޤާނޫނާއި ޚިލާފަށް އެޗްޑީސީއިން ބިމެއް ގަތުމުގެ ނަމުގައި ޕްރިންޓްކޮށް، ނެރުމަށް އެޗްޑީސީއަށް އެމީހަކު އެދިގެން އެމްއެމްއޭއީން ސިޓީ ފޮނުވާފައިވާ ފަރާތުގެ މޫނު ދިވެހި ފައިސާގައި ޖަހާތީ އެވެ.
ޤައުމުން ޑޮލަރު ހުސްކޮށް އަލަށް ރާއްޖޭގެ ޔޫސަބަލް ރިޒާވު ސުމަކަށް ހަދާލި ފަރާތުގެ މޫނު ގެ ފޮޓޯ ޖަހާތީއެވެ.
ޓުއަރިޒަމް ސިނާއަތަށް އެތައް ބިލިއަން ޑޮލަރުގެ ގެއްލުން ދީ، ރާއްޖެއަށް ކުރިއަށް އޮތްތާގައި ވަންނަން ހުރި އެތައް ބިލިއަން ޑޮލަރެއް އެމީހެއްގެ ޚާރިޖީ ސިޔާސަތުގެ ސަބަބުން ހުއްޓި ދިވެހި ފައިސާގެ އަގު ވައްޓާލި މީހާގެ މޫނު ޖަހާތީއެވެ.
ޓުއަރިސްޓް ރިސޯޓްތަކަށް ޑޮލަރު މާރުކުރަން ޖައްސައި، ރައްޔިތުންނަށް ލިބެމުންދިޔަ ޑޮލަރު ކޮޅު، ބޭންކަށް މާރުކުރަން މަޖުބޫރުކޮށް، އެފައިސާއިން މުއިއްޒަށް ކޮރަޕްޝަން ލިބޭ ޕްރޮޖެކްޓްތަކުގެ ބިލްތައް ދައްކައި، އެ ޑޮލަރުކޮޅު އަމިއްލަ ޖީބަށް ކަހާލަމުންދާ އަނިޔާވެރި މޫނުގެ ފޮޓޯ ޖަހާތީއެވެ.
ދިވެހި ފައިސާގެ އަގު ދެން ނުވެއްޓޭނެ ކަމަށް ބުނެ، ހުޅުމާލެ ފޭސް 2 ގައި ދެން ޑޮލަރުގެ އަގު ދާނީ ދަށަށް ކަމަށް ބުނެ އަޑަށް ބާރުލާފައި ވާހަކަ ދެއްކި ފަރާތުގެ އަނގަ އިން މޫނުގެ ފޮޓޯ ޖަހާތީއެވެ.
އައިއެމްއެފް އާއި، ވޯލްޑް ބޭންކާއި، ފިޗް އަދި ހުރިހާ ބޭރުގެ ރޭޓިންގ އެޖެންސީތަކުން ޚަރަދު ކުޑަކުރުމަށް ފިޔަވަޅު އެޅުމަށް އެންގުމުން، އެގްރޯ ނެޓް އުވާލި ކަމަށް އެފަރާތްތަކަށް ރިޕޯޓްކޮށް، އަލުން އަގްރޯނެޓް ކުންފުނި ހިންގަން ފެށި ދޮގުވެރިޔާގެ މޫނުގެ ފޮޓޯ ޖަހާތީއެވެ.
ބައިނަލްއަޤްވާމީ ހަމަ އެ ޖަމާއަތްތަކުން ރާއްޖޭގެ ޚަރަދުތައް ކުޑަކޮށްގެން ނޫނީ ފައިސާގެ އަގު އަދި އިޤްތިޞާދުވެސް ނުހިފެއްޓޭނެ ކަމަށާއި، ވަޒީފާތައް މަދު ކުރަން އެދުމުން، އެކަން ކުރާނެ ކަމަށް އެފަރާތްތަކަށް ވައުދު ވުމަށްފަހު، 700 ސިޔާސީ ވަޒީފާ 7500 ސިޔާސީ ވަޒީފާއަށް ހަދާލި ނާގާބިލު މޫނު ދިވެހި 1000ރ ނޫޓަށް އަރުވާތީއެވެ.
ބަދަލު ދެމުންދަނީ އުސޫލުގެ ތެރެއިން ނޫން ކަމަށް ބުނެ، އަމިއްލަ އަށް ޓްވީޓް ކޮށް އެތައް މިލިއަން ޑޮލަރެއް ސީއެމްސީ ކިޔާ ލަންކާ ކުންފުންޏަކަށް ބަދަލުގެ ގޮތުގައި ދިނުމަށް، އަމިއްލައަށް އުފެއްދި މައްސަލައެއް ކޯޓުން ބޭރުން ނިންމައި ރާއްޖޭގައި ރިޒާވުގައި ހޮރި ޑޮލަރު ކޮރަޕްޝަންގެ ތެރެއިން ސީއެމްސީއަށް ދޭން ނިންމި ފަރާތުގެ ރީތީ ރީތީ މޫނު ދިވެހި ރުފިޔާގައި ޖަހާތީއެވެ.
ބީއެމްއެލްއިން ޑޮލަރު އޭޓީއެމް ބެހެއްޓުން އެއީ ބޮޑު ޕްރޮޖެކްޓަކަށް ހަދައި އެކަމަށް ހަފުލާތައް ބޭއްވުމަށްފަހު، ބަހައްޓާ އޭޓީއެމްއިން ޑޮލަރު ނުނެގޭހެން ހަދަމުންދާ މީހެއްގެ މޫނު ދިވެހި ފައިސާގައި ޖަހާތީއެވެ.
ރާއްޖޭގެ ތާރިޚުގައި ފައިސާއިން އެންމެ ބޮޑެތި ކޮރަޕްޝަން ހިންގާފައިވާ ފަރާތަށްވެ، ފައިސާއިން ވައްކަން ކޮށްގެން، އެކެއްގެ މައްސަލަ އެންމެ ގިނައިން އޭސީސީގައި ހުރި މީހާގެ ފޮޓޯ ދިވެހި ރުފިޔާގައި ޖަހާތީއެވެ.
16.20ރ ގައި ޑޮލަރުގެ އަގު ހުއްޓާ ވެރިކަމަށް އައިސް 19.80ރ އަށް އާންމު ޑޮލަރުގެ ރޭޓު އަރުވާލި މީހާގެ ފޮޓޯ ދިވެހި ރުފިޔާގައި ޖަހާތީއެވެ.
އެމީހެއްގެ ވެރިކަން ކުރިއަށް ގޮސްފިނަމަ ކުރިއަށް އޮތް ދެތިން އަހަރުތެރޭ ޑޮލަރެއްގެ އަގު 27ރ ނުވަތަ 30ރ އަށް ވެއްޓޭނެކަމަށް ބެލެވޭ މީހާގެ ފޮޓޯ ޖަހާތީއެވެ.
ފާއިތުވި ދެމަހުގައިވެސް، މުސާރަ ދިނުމަށް ބޭންކުން ލޯނު ނަގަން ޖެހުނު ނާގާބިލު ވެރިއެއްގެ ފޮޓޯ ޖަހާތީއެވެ.
55 ބިލިއަން ރުފިޔާގެ ބަޖެޓެއް 2024 ގައި ހުސްކޮށްލި އިރު، ސަޕްލަޔަރުންނަށް 7 ބިލިއަން ރުފިޔާގެ ފައިސާ ނުދީ ހުރި ވެރިއެއްގެ ފޮޓޯ ޖަހާތީއެވެ.
ދޮޅު އަހަރު ވެރިކަމަށް ވެގެން ދިޔައިރު، ރާއްޖެއިން ބޭރުން ރާއްޖެއަށް މާނަ ހުރި އެއްވެސް އަދަދެއްގެ ފައިސާގެ އެހީގެ ހޯދައި ނުދެވުނު ފަރާތުގެ ފޮޓޯ ޖަހާތީއެވެ.
ބަޖެޓް ކޮށްފައިވާ ރެވެނިއު އާއި، ހޯދާނެ ކަމަށް ބުނެފައިވާ އެއްވެސް ބަޖެޓް ސަޕޯޓުގެ އެކަށީގެންވާ ކުޑަކުޑަ މިންވަރެއްވެސް ރާއްޖެއަށް ހޯދައި ނުދެވުނު ވެރިއެއްގެ ފޮޓޯއަކަށް ވުރެ، އައުލާކަން ބޮޑު ފޮޓޯއެއް ދިވެހި ފައިސާގައި ޖަހާކަށް ހަމަ ނޯންނާނެއެވެ.
މިހާރު ޖަހާފައިވާ ފެހުރިއްސަށްވުރެ، މުޅި އިޤްތިޞާދު ދިރުވާލައިގެން މުލިޔާގޭގައި އިން ފެމުނެއްގެ ފޮޮޓޯ 1000ރ ނޫޓުގައި ޖަހާލީމާ، މާ ބޮޑަށްވެސް ރުފިޔާގެ ނޫޓަށް ފުރިހަމަކަން ލިބި، ދިވެހި ފައިސާގެ އަގު މާތްވެ، އަގު މައްޗަށް އަރައި، ޑޮލަރުގެ ދަތިކަންވެސް ހަމަ އިސާހިތަކު ފިލައިގެން ހިނގައިދާނެއެވެ.






