އިންޑިއާގެ ކަނޑު ސިފައިން މިސައިލް ޓެސްޓްކުރުމުގެ ހަރަކާތެއް ދާދިފަހުން ކުރިއަށް ގެންގޮސްފިއެވެ. މި ޓެސްޓްތައް ކުރިއަށް ގެންގޮސްފައިވަނީ ކަޝްމީރުގައި 26 އާންމުން މަރުވި ޓެރަރިސްޓް ހަމަލާއާ ގުޅިގެން ޕާކިސްތާނާ ދެމެދު އޮތް ގުޅުން ގޯސްވަމުން އަންނަ ދަނޑިވަޅެއްގައެވެ.
“ދުރު ހިސާބަށް ވަރުގަދަ ހަމަލާއެއް ދިނުމުގެ ޤާބިލުކަން ކަށަވަރުކުރުމަށް ސިފައިންގެ އުޅަނދުފަހަރުން ކާމިޔާބު ގޮތެއްގައި މިތަކެތި ވަނީ ޓެސްޓްކޮށްފައި” ކަމުގައި އިންޑިއާގެ ނޭވީ އެކްސް މެދުވެރިކޮށް ހާމަކޮށްފައިވެއެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވިދާޅުވެފައިވަނީ ކަޝްމީރުގައި 25 އަހަރުގެ ތެރޭގައި އާންމުންނަށް އަމާޒުކޮށްގެން އެންމެ ބޮޑަށް ގެއްލުންދިން މި ހަމަލާއަށް “ހަރުކަށި ޖަވާބެއް” ދޭނެ ކަމަށް ވިދާޅުވެފައެވެ.
މޯދީ ވިދާޅުވީ “ކޮންމެ އިންޑިއާ މީހެއްގެ ލޭވެސް މިކަމާއި ގުޅިގެން ކެކެމުންދާ” ކަމަށެވެ. އަދި ޓެރަރިސްޓުން “ދުނިޔޭގެ އެންމެ ފަހު ކަންމަތިން ވިޔަސް ހޯދާނެ” ކަމާއި އެމީހުން ފޮރުވާ ތަންތަން ހޯދާނެ ކަމަށް ހާމަ ކުރެއްވިއެވެ.
ޕާކިސްތާނުގެ ރޭލްވޭ މިނިސްޓަރު ހަނީފް އައްބާސީ ބުނެފައިވަނީ އެޤައުމުގެ 130 އަށްވުރެން ގިނަ ނިއުކްލިއަރ މިސައިލަކީ “މޮޑެލްގެ ގޮތުގައި ބަހައްޓާފައިހުރި އެއްޗެއް ނޫން” ކަމަށާއި އޭގެ އަމާޒަކީ “ހަމައެކަނި އިންޑިއާ” ކަމަށެވެ.
ކަޝްމީރުގައި އެދުވަހު ހިންގުނު ހަމަލާގައި ޓެރަރިސްޓުން ވަނީ ގަސްތުގައި އިންޑިޔާގެ ރައްޔިތުންނަށް އަމާޒުކޮށް މަރާލާފައެވެ. އިންޑިއާއިން ވަނީ މި ހަމަލާގައި ޕާކިސްތާނުގެ އަތްއޮތް ކަމަށް ތުހުމަތުކޮށްފައެވެ.
ދެޤައުމުގެ ޑިޕްލޮމެޓުން ބޭރުކުރުމާއި، ވިސާ ދޫކުރުން ހުއްޓާލުމާއި އެއްބަސްވުންތައް މެދުކަނޑާލުން ފަދަ ފިޔަވަޅުތައް ދެފަރާތުންވެސް ވަނީ އަޅަން ފަށާފައެވެ.
ދެޤައުމަކީވެސް ނިއުކްލިއަރ ހަތިޔާރު އޮންނަ ޤައުމުތަކަކަށްވުމާއެކު، މި މައްސަލަ އިތުރަށް ބޮޑުވެއްޖެނަމަ ނުރައްކާތެރި ހާލަތަކަށް ގޮސްފާނެ ކަމުގެ ބިރު މިވަގުތު އެބައޮތެވެ.






