މިއީ ހާދަ ނުބައި ނުލަފާ އަނިޔާވެރި ބައެކެވެ!

މިއީ ރާއްޖޭގެ ސްޕްރީމް ކޯޓު، މުއިއްޒުގެ ގޮނޑިކޮއްކޮ ކޯޓަކަށް ބަދަލު ކޮށްލި އަނިޔާވެރި އައުވާނުންނެވެ. މިއީ ދިވެހި އާންމު ރައްޔިތުންނަށް އިންސާފު ލިބުމަށް އޮތް ހަމައެކަނި ފުރުޞަތު ވެސް މި ޤައުމުން ގެއްލުވާލި ޤައުމުގެ ޚާއިނުންތަކެކެވެ.

ދިވެހި ރާއްޖޭގެ ޝަރުޢީ ކޯޓުތަކުގެ ބާރު ދުއްވާލަން މުއިއްޒުގެ ޕަޕެޓުންގެ ދައުރު އަދާ ކޮށްދިން، ނުބައި ނުލަފާ ފަރާތްތެކެވެ. މިމީހުން މިކަން ކޮށްފައިވަނީ މަގާމާއި، ފައިސާއާއި، ރިޝްވަތުގެ ނުބައިކަމުގައި ދެމިތިބެއެވެ. މިކަމުގައި މި މީހުންގެ މައްޗަށް އޮތީ ފާފައާއި، ބޮޑެތި ލައުނަތެވެ. މި މީހުންގެ ނުބައިކަމުގެ ސަބަބުން ސްޕްރީމް ކޯޓަށް މިއައި ބަދަލާއި އެކު، އިންސާފު ނުލިބި އެތައް އާއިލާއެއް ނިކަމެތިވެގެން ދާނެއެވެ. ގެއްލިގެން ދިޔަ ސްޕްރިމްކޯޓުގެ މިނިވަންކަމާއި އެކު، ޑިމޮކްރެޓިކް ހެޔޮ ވެރިކަމަކާއި ދިމާލަށް ދެވެން އޮތް މަގު އިތުރަށް ބަންދުވެ، މުޅި ނިޒާމު މުއިއްޒުގެ އަނިޔާވެރި މުށުތެރެއަށް ލައި މިވަނީ ފުނޑު ފުނޑު ކޮށްލާފައެވެ. މިކަމުގެ ނަތީޖާއަކީ ޤައުމަށް ހެޔޮއެދޭ އެތައް ބަޔަކު އަނިޔާގެ ޖަލު ގޮޅިތަކަށް މި މީހުންގެ ނުބައި އަމަލުތަކުގެ ސަބަބުން ފެތިގެން ދިޔުމެވެ. އެތައް މައެއްގެ ލަނގޮޑިއަށް ތަދުކޮށް، ދަރިންނާއި އާއިލާއެއް ބިކަކޮށް ނިކަމެތި ކޮށްލަމުންނެވެ. އެ އަނިޔާ ލިބޭ މީހުންގެ ބަދު ދުޢާގައި މި ނުބައި ނުލަފާ ފަރާތްތައް ހިމެނިގެން ދާނެއެވެ.

ހުސެއިން މުހައްމަދު ހަނީފު

މީނާއަކީ ހައިކޯޓުގެ އެސިސްޓެންޓް ރެޖިސްޓްރާ މަގާމުގައި ކުރިން ހުރި މީހެކެވެ. މީނާ އަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ދެކޮޅަށް ދޮގު ހެކިބަސް ދިން ޤައުމުގެ އަދާވާތްތެރިއެކެވެ. މީނާ މިކަމަށް މުއިއްޒުގެ އަތުން ނަގާފައިވާ ފައިސާ ނަގާފައިވެއެވެ. އަދި މީނާގެ ސަބަބުން ރައްޔިތުންނަށް ދިން އަނިޔާގެ ބަދަލަށް މުއިއްޒު ވަނީ މީނާއަށް ފެނަކައިން މަގާމު ދޭން އަންގާފައެވެ.

ޑރ. އަޒްމިރަލްދާ އާއި މަހާޒް އަލީ ޒާހިރުގެ އިތުރުން އެ ކޯޓުގެ ފަނޑިޔާރުކަމުން މިހާރު އިސްތިއުފާ ދީފައިވާ ހުސްނުއްސުއޫދު ސަސްޕެންޑު ކުރީ ހައި ކޯޓުގެ ރެޖިސްޓްރާގެ މަގާމުގައި ހަނީފް ހުރިއިރު، މައްސަލައަކާ ގުޅިގެން ސުޕްރީމް ކޯޓަށް ލިބެންޖެހޭ މުހިންމު ލިޔެކިޔުންތަކެއް ފޯރުކޮށްދިނުމަށް އޭނާ ދެކޮޅު ހަދައިގެން ސުޕްރީމް ކޯޓަށް ހާޒިރުކޮށް ޖަވާބުދާރީ ކުރުވި މައްސަލައިގައެވެ. ހަނީފު މިކަމުގައި ވެސް ކުރީ ޤާނޫނީ ބޮޑު ކުށެކެވެ. ނަމަވެސް ސްޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ފިޔަވަޅު އެޅީ މި މައްސަލާގައި ހުސްނުއް ސުއޫދު ވާހަކަ ދެއްކި ރާގުގެ ސަބަބުން ކަމަށް ބުނެއެވެ. ބާކީ ތިބި ފަނޑިޔާރުންނަށް މުއިއްޒު އަންގައިގެން ފިޔަވަޅު އެޅީ ހުސްނުއް ސުއޫދު ވާހަކަ ދެއްކި އަޑު އިވުނު ކަމަށްޓަކައެވެ. މިއީ ސީދާ ސަދޫމުގެ އިންސާފެވެ. ސަދޫމުގެ އިންސާފު ރާއްޖޭގައި ގާއިމް ކޮށްދިނުމަށް މެދުވެރިއަކަށްވި ނުބައި އަނިޔާވެރި އެކަކީ ހަނީފެވެ.

އަލީ އަބްދުއްލަތީފް

ޝަރުޢީ ކޯޓުތަކުން ރައްޔިތުންނަށް ލިބެން އޮތް އިންސާފަށް ހުރަސް އަޅައި، މުއިއްޒުގެ ގޮނޑިކޮއްކޮ ކޯޓުތަކެއް އުފެއްދުމަށް އަލީ އަބްދުއްލަތީފް ކުޅެމުން ދަނީވެސް ހަމަ އެހާ ނުބައި ރޯލެކެވެ. އިންސާނަކު އެހެން އިންސާނުންނާއި މެދު، ދުވަހަކުވެސް އަމަލު ކުރަން ހެޔޮ ނުވާ ވަރުގެ ނުބައި ދައުރެއް މިކަމުގައި މީނާ ވަނީ އަދާކޮށްފައެވެ. އަބްދުއްލަތީފް އަކީ ފަނޑިޔާރުންނަށް ފިޔަވަޅު އެޅި ކުޑަ ކޮމިޓީގައި ހިމެނޭ މެމްބަރެކެވެ. ފަނޑިޔާރުންނާއި މެދު ނެތް މައްސަލައެއް ބަންޑާރަ ނައިބު އުޝާމު އާއި މުއިއްޒު ބޭނުންވާ ގޮތަށް ލިޔެ އުފައްދައި ކޯޓުގެ ބާރު ކަނޑުވާލި ނުބައި ނުލަފާ މީހެކެވެ. މީނާވެސް ފައިސާއާއި ރިޝްވަތު ނަގައިގެން ފަނޑިޔާރުގެއިން ރައްޔިތުންނަށް ލިބެން ހުރި ބާރުތައް ދުއްވާލީއެވެ. ޤައުމެއް ނިކަމެތިވެ، ރައްޔިތުން ބިކަވެގެން ދަނީ ނުބައި ވެރިންނަށް މަދަދުކާރުވާ މިފަދަ ރައްޔިތުންގެ އަދާވާތްތެރިންގެ ސަބަބުންނެވެ.

ޔަޒްމީދު މުހައްމަދު

ޔަޒްމީދު މުހައްމަދު ކުރިން މަސައްކަތް ކުރީ އެންޓި-ކޮރަޕްޝަން ކޮމިޝަނުގައެވެ. މުއިއްޒު އާއި އޭނާއާއި ދެމެދު ގާތް ގުޅުމެއް އުފެދިފައި ވަނީ، މުއިއްޒުގެ ކޮރަޕްޝަން މައްސަަަލަ ހިންދުމަށް ފައިސާނަގައި، ރައްޔިތުންނާއި، ދައުލަތުގެ ޙައްޤު ގެއްލޭހެން މައްސަލަ ނިންމާ ދޭތީއެވެ. މީނާގެ ނުބައިކަން ހައްދުފަހަނަ އަޅާފައިވާތީ، އެއްވެސް ޝަރުޢީ އިލްމެތް ނެތް އިރުވެސް، ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާ މެންބަރެއްގެ ހައިސިއްޔަތުން ޖޭއެސްސީއަށް މީނާ އައްްޔަން ކުރީ މުއިއްޒުއެވެ. މީނާ އިސްވެ ވަނީ، ފަނޑިޔާރުން އެމީހުންގެ އަމިއްލަ ދިފާޢުގައި ތެދުވުމުގެ ޤާނޫނީ ހައްޤުވެސް ނިގުޅައި ގަނެފައެވެ. ޝަރުޢީ ގޮތުން ދިފާޢު ވުމުގެ ޙައްޤަކީ އެންމެ އަސާސި އިންސާފެވެ. އެކަން ސަދޫމުގެ ކޯޓުތަކުންވެސް ދީފައިވެއެވެ. ޔަޒްމީދަކީ އިސްލާމީ މުޖުތަމަޢު އެއްގައި އުޅެ ބޮޑުވި މީހެއް ހެނެއް ހިޔެއް ނުވެއެވެ. ނުބައިކަމުގައި މީނާ އަރާހުރީ މުސްލިމަކު އެމަގުން އަމަލު ކުރަން ހިތަށް އެރިއަސް، ނުބައިކަމުގެ ފާފައިގެން މައްޗަށް ވިސްނައި އެކަން ނުކޮށް އެކަމުން ބަރީއަވެގެންނަ ފަދަ ކަންކަމުގައި، މީނާ ހިތަށް ކަހެރުވަކެކޭވެސް ނާރާ މިންވަރުގައެވެ. މިއީ އިންސާނުންތޯއެވެ.

މުހައްމަދު ނާސިހު

ނާސިހަކީ ވެސް ފަނޑިޔާރުންގެ މައްސަލަ ތަހުގީގުކޮށް ރިޕޯޓު ހެދި ކުޑަ ކޮމިޓީގައި ހިމެނޭ މެންބަރެކެވެ. މީނާ އަކީ ސިވިލް ސާރވިސް ކޮމިޝަންގެ ރައީސް އެވެ. މީނާ އަކީ މުއިއްޒު ގުދަށް އޮންނަން ބުންޏަސް އެކަމަށް ސިކުންތެއްވެސް ބޭނުންވާ މީހެއް ނޫނެވެ. މަޤާމުގެ ދަހިވެތިކަމުގައި ކޮންމެ ފަދަ ނުބައި ނުލަފާ ކަމެއް ކުރަންވެސް މީނާ އެއްވެސް ޖެހިލުމެއް ނުވާކަން މީނާ ވަނީ ސާބިތު ކޮށްދީފައެވެ. ދޮގު ރިޕޯޓެއް ތައްޔާރު ކުރުމަށްފަހު، އެ ދޮގު ރިޕޯޓް ފާސްކުރަން އަމިއްލަ އަށް ވޯޓުލި އިރު، މީނާގެ ޒަމީރަށް މި ކުރެވެނީ ކިހާ ނުބައި ކަމެއް ކަމުގެ ކުޑަވެސް ހިލަމެއް ނުވިއެވެ. މީނާއާއި، މުއިއްޒުގެ އެހެން އައުވާނުންގެ ސަބަބުން ކޯޓާއި، މަޖިލީހާއި، ރައްޔިތުންގެ އަތްފާގައި ކަސްތޮޅު އެޅިގެން ދިޔައިރު މީނާއާއި މީނާގެ އާއިލާ އުފަލުގައި މިއަދު އެ އުޅެނީ މާތް ރަސްކަލާންގެ މީނާގެ ނުބައި އަމަލުތަކާއި މެދު ގިޔާމަތް ދުވަހުން ސުވާލުކުރާނެ ކަމާއި މެދު ހަނދާން ނެތިގެންތޯއެވެ؟

ބަންޑާރަނައިބު އުޝާމް

ރާއްޖޭގެ ޖުޑިޝިއަރީ ފުނޑާލުމުގެ އެންމެ އަޑީގައި ހުރި އެންމެ ނުބައި މީހާއަކީ، ބަންޑާރަނައިބު އުޝާމެވެ. އުޝާމަކީ ޒާތީ ތައްޒުބާއި ހަސަދަ ބޮޑު ކަމުން ރައްޔިތުންނަށް ޚިދުމަތްދޭ އެއްވެސް މަގާމަކަށް ކުފޫ ހަމަ ނުވާ މީހެކެވެ. ބާރު ލިބޭ ހިނދު އިންތިހާއަށް އަނިޔާވެރިވެ، އެ އަނިޔާގެ ދަންމަރުގައި އެތައް ލައްކަ ރައްޔިތުންނެއް ޖައްސާލާ މީހެއްކަން އޭނާ މިއަދު މިވަނީ ސާބިތު ކޮށްދީފައެވެ. މުއިއްޒު އާއި މީނާ އެބައެއްގެ ޖަމާއަތަކަށް ނިސްބަތްވާނަމަ އެ ދެމީހުން ނިސްބަތް ވަނީ ސަދޫމަށެވެ. ސަދޫމުގައި ރައްޔިތުންގެ ޙައްޤުތަކަށް އަރައިގަތުމުގައި އުޅުނު އެންމެ ނުބައި މީހުންގެ ތެރެއަށެވެ. މިއީ އިންސާނުން ދިރިއުޅޭ މުޖުތަމަޢުތަކުގައި ބާރު ދިނުން ހެޔޮވާނެ ބައެއް ނޫނެވެ. ބަންޑާރަނައިބު އުޝާމުގެ ދައުރަކީ ފިރުއައުނަށް ހާމާނު އަދާކޮށްދިން ފަދަ ނުބައި ދައުރެކެވެ. މީނާއަކީ ވެރިއަކަށް ދޭން ނުވާ ނުބައި ޤާނޫނީ ލަފާދީ ރައްޔިތުން ނިކަމެތި ކުރާ މީހެކެވެ. ޤާނޫނު އަސާސީ ފުނޑު ފުނޑު ކޮށްލީ މީނާއެވެ.

ސުޕްރީމްކޮށް ތަޅު އަޅުވައި، އެތާ ތިބި ފަނޑިޔާރުން ބޭނުން ގޮތަކަށް ނަގާ އެއްލާލީމާ ރާއްޖޭގައި އޮތް 3 ބާރު އެއްކޮށް އެގެއްލުނީއެވެ. މިކަމާއި ރައްޔިތުން ތިބީ އިންތިހާއަށް ނުރުހިފައެވެ. ދައުލަތުގެ ބަންޑާރަނައިބުގެ ދައުރު އަދާ ނުކޮށް، މުއިއްޒު ރަސްކަލަކަށް ހަދަން ރައްޔިތުންނަށް އުޝާމު ހަރާންކޯރުވެ، ރައްޔިތުންނަށް އިންސާފު ލިބެން ހުރި ހުރިހާ ދޮރެއް ގެއްލުވާލައި، އެތައް ބައެއްގެ ދަލާއި ލެއިން ގެނައި 3 ބާރު ވަކިވެފައިވާ ނިޒާމު ފުނޑު ފުނޑު ކޮށްލުމުން އުޝާމު ވެގެން ދާނީ ދިވެހި ތާރީޚުގައި އެންމެ ގޮތެއް ފޮތެއް ނެތް، އެންމެ ޖާހިލު އަދި އަނިޔާވެރި އެކަކަށެވެ. މީހުންގެ ބަދު ދުޢާއާއި، އިންސާފު ގެއްލި ޤައުމަށް މުއިއްޒުގެ ނުބައިކަމުން ކުރިމަތިވަމުންދާ ހިތްދަތިކަމުގައި ކުރާ ބަދު ދުޢާގެ އެންމެ ކުރިއަށް މުއިއްޒުގެ ނަން ނެގުމަށްފަހު އުޝާމުގެ ނަން ހިމަނައެވެ. ކޯޓުތައް މުއިއްޒަށް ސަޖިދަ ޖެހުވުމަކީ، ޙައްޤާއި އިންސާފާއި، އިންސާނީ ކަރާމާތް އެއްކޮށް ނަގާލުމެވެ.

ރައްޔިތުންގެ ޙައްޤުތަކަށް މި ގޮތަށް އަރައިގަނެ ކޯޓުތަކަށް ނުފޫޒު ފޯރުވުމަކީ މުސްލިމުންގެ މައްޗަށް ނަހީ ކުރައްވާފައިވާ ބޮޑުވެގެންވާ ފާފައެކެވެ. އެކަމުގައި އެތައް ރައްޔިތުންގެ މަސްލަހަތު އޮތް، އެ ރައްޔިތުންގެ ފަރާތުން އެ ގެއްލުނު ހައްޤަށް މާފު ނުކުރާހާ ހިނދަކު، ގިޔާމަތް ދުވަހު އެ ފާފައަކުން ސަލާމަތް ނުކޮށްދޭނެ ފާފައެއް ކަމަށް އިލްމުވެރިން އެއްބަސްވާ ނުބައިކަން ބޮޑު ފާފައެކެވެ.