ތުރުކީގެ އަސްކަރީ ސިފައިން ރާއްޖެ ގެނެސް ދާއިމީކޮށް ރާއްޖޭގައި ގާއިމުވެ ތިބޭ ގޮތް މުއިއްޒު ހަދައިފިއެވެ. މުއިއްޒު މިކަން ކޮށްފައިވަނީ މަނަވަރާއި، ޑްރޯން އޮޕްރޭޓް ކުރުމަށް ތުރުކީ ސިފައިން ތިބެން ޖެހޭކަމަށް ބުނެއެވެ.
ދިޔަވަރު ނޫހަށް ވަނީ ރާއްޖެއަށް މުއިއްޒު އަރުވާފައިވަނީ ކިތައް ސަތޭކަ ސިފައިން ކަމެއް ކަށަވަރު ނުކުރެވިފައެވެ.
ރައީސް މުއިއްޒު ވަނީ 37 މިލިއަން ޑޮލަރަށް ޑްރޯން ތަކެއް ގެނެސްފައެވެ. މިއިން އެއްވެސް ޑްރޯނެއް އާންމުންގެ މަސްލަހަތު ހުރި އެއްވެސް ކަމެއްގައި ބޭނުން ނުކުރާއިރު، މިޑީލުގެ ތެރެއިން މުއިއްޒު އެތައް މިލިއަނެއް ރިޝްވަރުގެ ގޮތުގައި ވަނީ ނަގާފައެވެ. މިޑީލްގެ ދަށުން ތުރުކީގެ ޑްރޯން ތައް ގަނެފައިވަނީ ތިންވަނަ ފަރާތެއް މެދުވެރި ކޮށްގެންނެވެ.
ރާއްޖެއަށް ތުރުކީއިން ވަނީ އެފަހުން މަނަވަރެއްވެސް ހަދިޔާ ކޮށްފައެވެ. ހިލޭ މަނަވަރު ހަދިޔާކުރި ނަމަވެސް، މި މަނަވަރަކީ ރާއްޖޭގައި ތުރުކީ ސިފައިން ޤާއިމުވެ ތިބުމަށް ހީލަތްތެރި ކަމާއި އެކު އުފެއްދި ހާލަތެކެވެ.
ރާއްޖެއަށް ބޭރުގެ ސިފައިން، މުޅި ދައުލަތަށް ސިއްރުން ގެނެސް، އެކަން މުއިއްޒު ދަނީ ސިއްރު ކުރަމުންނެވެ. ބޭރުގެ ސިފައިން ރާއްޖޭގައި ގާއިމުވެ ތިބުމަކީ ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލު ގެއްލުވާލައި، ރާއްޖެ އަޅުވެތި ކުރުމަށް ކުރާ މަސައްކަތެކެވެ.
ރާއްޖޭގައި ބޭރުގެ ސިފައިން ނުތިބޭނެ ކަމަށް ވައުދުވެ ވެރިކަމަށް އައިސް ރާއްޖެއާއި މާދުރުގައި އޮތް މެދުއިރުމަތީ ޤައުމެއްގެ އަސްކަރީ ސިފައިން ރާއްޖޭގައި ބޭތިއްބުމީ، މެދުއިރުމަތީގައި އޮތް ހަމަ ނުޖެހުމުގެ ތެރެއަށް ރާއްޖެ ރަސްމީކޮށް ވަނުމެވެ. މިކަމުގެ ގެއްލުން ދިވެހި އާންމު ރައްޔިތުންނަށް އެތައް ޒަމާނަކަށް ޖެހިގެން ދާނެއެވެ.
ރައީސް މުއިއްޒު އަކީ ޕީއެންސީގެ ބަހުންނަމަ، ގައުމުގެ ގައްދާރެކެވެ. ދިވެހި ބިމަަށް ހާއިނު ވެފައިވާ ޤައުމުގެ އަދުއްވެކެވެ. ބޭރުގެ ސިފައިން ތަކެއް ރާއްޖެއަށް އަރުވައި، ރާއްޖޭގައި ބަހައްޓައި ދިވެހި ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލު ނަގާލި ބާޣީއެކެވެ.






