ޗައިނާގެ ޓިމޫގެ ސަބަބުން ރާއްޖޭގެ ގިނަ އަދެދެއްގެ ކުދި ވިޔަފާރި ތައް ދަނީ ބަނގުރޫޓު ވަމުން 

ޗައިނާގެ ޓިމޫގެ ސަބަބުން ރާއްޖޭގެ ގިނަ އަދެދެއްގެ ކުދި ވިޔަފާރި ތަކެއް ބަނގުރޫޓު ވަމުން ދާކަމަށް ވިޔަފާރިވެރިން ހާމަ ކުރަން ފަށައިފިއެވެ. ޓިމޫ އަކީ ޗައިނާގެ ރިޓައިލް މުދާ ވިއްކާ އޮންލައިން ފިހާރައެކެވެ.

ޗައިނާ ރާއްޖެ ވިޔަފާރި އެއްބަސްވުމުގެ ސަބަބުން ޗައިނާއިން އެތެރެކުރާ މުދަލުން ޓެކްސް ނެގުން ހުއްޓުވައި، ޗައިނާގެ މުދާތައް އުސޫލެއް ހަމައެއް ނެތި އެތެރެކުރާ ގޮނޑަކަށް ރާއްޖެވަނީ ހަދާފައެވެ. މިކަމުގެ ސަބަބުން ރާއްޖޭގައި ވިޔަފާރީގެ އެއްވެސް ސިނާއަތެއް ކުރިއެރުމުގެ ފުރުޞަތެއް ނެތެވެ. އަދި ކުދި ވިޔަފާރިތަކުން ބޮޑު ކުލީގައި ފިހާރަ ހަދައިގެން މުދާ އެތެރެކޮށް ވިޔަފާރި ޚަރަދު ކަނޑައި މުދާ ވިއްކާ އިރު، ޓިމޫއިން ހަމަ އެ މުދާ އެއަށްވުރެ އަގު ހެޔޮކޮށް ގެނެވޭ ގޮތް ހަދައި، ކުދި ވިޔަފާރިވެރިންނާއި، އަދި ވިޔަފާރި ކުރުމަށް މަސައްކަތް ކުރަމުންދާ ފަރާތްތައް ވަނީ އެއްކޮށް މާޔޫސް ކޮށްލާފައެވެ.

ރާއްޖެ ފަދަ ނާޒުކު އިޤްތިޞާދެއް އޮތް މީހުން މަދު ޤައުމެއްގައި ބޮޑު ޤައުމަކުން ޑިޔުޓީ ނުލައި މުދާ އެތެރެ ކުރުމަކީ އަމިއްލަ އިޤްތިޞާދު ފުނޑު ފުނޑު ކޮށްލުމެވެ. ދުނިޔޭގެ އެއްވެސް ޤައުމެއްގައި އެޤައުމުގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ގެއްލުން ވާހެން އެހެން ޤައުމަކުން މުދާ އެތެރެކުރުމަށް ފުރުޞަތު ނުދެއެވެ.

މި ގޮތުން އެމެރިކާއިން ވަނީ ދާދި ފަހުން ޗައިނާ މުދަލަށް ޓެކްސް ބޮޑުކޮށްފައެވެ. މެލޭޝިޔާއިން ވަނީ އެ ޤައުމުގައި އުފައްދާ މުދާތަކަށް ފަސޭހައިން ލޯނާއި، އެހީ ލިބޭނެ ގޮތް ހަދާދީފައެވެ. އިންޑޮނޭޝިޔާއިން ވަނީ ޓިމޫ އިން މުދާ އެތެރެކުރުން މަނާކޮށް އެ ވެބްސައިޓް ބޭން ކޮށްފައެވެ. އެއީ އެ ޤައުމުގެ އިޤްތިޞާދަށް އެކަމުގެ ސަބަބުން ފޫނުބެދޭ ވަރުގެ ގެއްލުންވެ، އަމިއްލަ ރައްޔިތުންގެ ކުދި ވިޔަފާރިތައް ފުނޑުފުނޑު ވެގެން ދާތީއެވެ.

ނަމަވެސް ރައީސް މުއިއްޒު ގެންދަވަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޑޮލަރު ލިބުމުން ފެށިގެން، ކުރެވެން ހުރި ހުރިހާ ކަމެއްގައި ދަތިކޮށް ނިކަމެތި ކުރަމުންނެވެ. މި ގޮތުން މިއަދު ވަނީ ސަރުކާރުން އައިނު އިމްޕޯޓް ކޮށް ވިއްކުމުގެ ވިޔަފާރިއަށްވެސް ވަދެފައެވެ. ކަރަންޓާއި ފެން ބިލް ވިޔަފާރިތަކަށް ބޮޑު ކޮށް ދަނީ ދަތި ކުރަމުންނެވެ. މި ހުރިހާ ދައްޗެއް ކުރިމަތި ކުރަމުންދާއިރު، ވިޔަފާރިތައް ފަށައި، އަމިއްލަ އުފެއްދުންތެރިކަން ކުރިއެރުވުމަށް އާންމުނަނަކަށް ފަހި އެއްވެސް ފުރުޞަތެއް ނުދެއެވެ. މީގެ އިތުރުން މިހާރު މިވަނީ ޗައިނާއިން އެތެރެކުރާ މުދަލުން ޓެކްސް ނެގުން ހުއްޓާލައި، ވިޔަފާރިތައް އިތުރަށް ނިކަމެތި ކޮށްލާފައެވެ.