ދިވެހިރާއްޖޭގެ މިނިވަންކަން ދެމެހެއްޓުމަށް އިންޑިޔާއިން އަދާކޮށްފައިވާ ދައުރު

ދިވެހިރާއްޖެއާއި އިންޑިޔާއާ ދެމެދު އޮންނަ ގުޅުމަކީ ތާރީޚީ، އިޙްތިރާމާއި އަދި ރަޙުމަތްތެރިކަމުގެ ބިންގަލެއްގެ މައްޗަށް ބިނާވެފައިވާ ޒަމާންވީ ގުޅުމެކެވެ. އިންޑިއާ ކަނޑުގެ ސަރަޙައްދުގައި ރާއްޖޭގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި، އިންޑިޔާއިން ވަނީ ގިނަގުނަ އެހީތެރިކަން ރާއްޖެއަށް ފޯރުކޮށްދީފައެވެ. މި ރިޕޯޓުގައި ބަލައިލާނީ އިންޑިޔާއިން ރާއްޖޭގެ މިނިވަންކަން ދެމެހެއްޓުމަށް ކޮށްދީފައިވާ އަގުހުރި މުހިންމު ބައެއް ކަންތައްތަކަށެވެ.

ސަލާމަތީ އެހީތެރިކަން

1988 ގެ ހަމަލާ – އޮޕަރޭޝަން ކެކްޓަސް

1988 ވަނަ އަހަރު ނޮވެމްބަރު 3 ވަނަ ދުވަހު، ގާތްގަނޑަކަށް ސްރީލަންކާގެ ޓެރަރިސްޓް ޖަމާޢަތެއް ކަމަށްވާ ޕީޕަލްސް ލިބަރޭޝަން އޮފް ޓެމިލް އީލާމް ގެ 80 ޓެރަރިސްޓުން ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ ސަރުކާރު ވައްޓާލުމަށް މަސައްކަތްކުރިއިރު، އިންޑިޔާ ސަރުކާރުން ވަނީ ވަގުތުން އެހީތެރިކަން ފޯރުކޮށްދީފައެވެ. އެމެރިކާ، އިނގިރޭސިވިލާތް، ސްރީލަންކާ އަދި ޕާކިސްތާނުން ވަގުތުން އެހީތެރިކަން ދިނުމަށް ނުކުޅެދުނު ހިނދު، އިންޑިޔާއިން 500 މިލިޓަރީ ސިފައިން އާގްރާއިން މާލެއަށް ފޮނުވައި، 9 ގަޑިއިރުގެ ތެރޭގައި ރައީސް މައުމޫން ސަލާމަތްކޮށް، ބަޣާވާތް ނިމުމަކަށް ގެނައުމުގައި މުހިންމު ރޯލެއް އަދާ ކޮށްދިނެވެ. މި އޮޕަރޭޝަނަށް ބައިނަލްއަޤްވާމީ ތަޢުރީފު ލިބި، އެމެރިކާގެ ރައީސް ރޮނަލްޑް ރީގަން އަދި އިނގިރޭސިވިލާތުގެ ބޮޑުވަޒީރު މާގަރެޓް ތެޗަރވެސް މިކަމަށް ޝުކުރުވެރިކަން ފާޅުކުރެއްވިއެވެ. މާދަމާވެސް ރާއްޖެއަށް ޓެރަރިސްޓް ޖަމާއަތެއް އަރައި ހަމަލާ ދިނަސް، ރާއްޖެއަށް އެ ހަމަލާ ދިފާޢު ނުކުރެވޭ ހާލަތެއް އަތުވެއްޖެ ނަމަ، ރާއްޖެއަށް އެހީތެރިވެދޭން އޮތީ ހަމަ އިންޑިޔާއެވެ.

ދިފާޢީ އެއްބާރުލުން

1988 ގެ ފަހުން، އިންޑިޔާއިން ރާއްޖޭގެ ދިފާޢީ ބާރަށް ތަމްރީނާއި އެހީތެރިކަން ފޯރުކޮށްދެމުން އައިސްފައިވެއެވެ. އެމް.އެން.ޑީ.އެފްގެ ގާތްގަނޑަކަށް %70 ތަމްރީނުތައް ކުރިއަށްދަނީ އިންޑިޔާގެ އެހީތެރިކަން އޭގައި ހިމެނިގެންނެވެ. ޓެރަރިޒަމާ ދެކޮޅަށް ހަނގުރާމަކުރުމާއި، ކަނޑުގެ ސަލާމަތްތެރިކަމާއި، ކާރިސާތަކުން އަރައިގަތުމުގެ ތަމްރީނުތައް މީގެތެރޭގައި ހިމެނެއެވެ. އިންޑިޔާއިން ވަނީ ޑޯނިއާ މަތިންދާބޯޓު، ހެލިކޮޕްޓަރ އަދި ހައިސްޕީޑް ޕެޓްރޯލް ބޯޓުފަހަރު ރާއްޖެއަށް ހަދިޔާކޮށްފައެވެ. މީގެއިތުރުން، 10 ކޯސްޓަލް ސަރވައިލަންސް ރާޑާރ ޤާއިމްކޮށްދީފައިވާއިރު، އެކުވެރިން އަދި ދޮސްތި ފަދަ ސަމްރީނުތައް ބާއްވައި، ރާއްޖޭގެ ސަލާމަތީ ޤާބިލްކަން އިތުރު ކުރުމަށް އެހީތެރިކަން ފޯރުކޮށް ދީފައިވެއެވެ.

އިޤްތިޞާދީ އެހީތެރިކަން އަދި ތަރައްޤީގެ މަޝްރޫޢުތައް

މާލީ އެހީތެރިކަން

އިންޑިޔާއިން “ނޭބަރހުޑް ފަސްޓް” އަދި “ސާގަރ” (ސެކިއުރިޓީ އެންޑް ގްރޯތް ފޯ އޯލް އިން ދަ ރީޖަން) ސިޔާސަތުގެ ދަށުން ރާއްޖެއަށް މުހިންމު އިޤްތިޞާދީ އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. 2018 ގައި 1.4 ބިލިއަން ޑޮލަރު (އޭގެތެރެއިން 50 މިލިއަން ބަޖެޓަށް) އަދި 2024 ގައި 50 މިލިއަންގެ ޓްރެޜަރީ ބިލް ރޯލްއޯވަރ އެހީ ފޯރުކޮށްދީފައިވެއެވެ. މިފަދަ ގިނަ އެހީތަކަކީ ރާއްޖެ އިޤްތިޞާދީ ފުން ވަޅުގަނޑަކަށް ވެއްޓުމުގެ ކުރިން ރާއްޖެ ނަގަހައްޓައި ރާއްޖޭގެ އިޤްތިޞާދީ މިނިވަންކަން އިތުރުކުރުމަށް ވެދީފައިވާ އެހީތަކެވެ. މިހާރުގެ ސަރުކާރުން އެދިގެން ބަހައްޓާފައިވާ 50 މިލިއަންގެ ޑޮލަރުގެ ޓްރެޜަރީ ބިލަކީ ރާއްޖެ ބަނގުރޫޓު ވެދާނެފަދަ ހާލަތެއްގައި ބޭނުން ކުރުމަށް ސަލާމަތަށް ބަހައްޓާފައިވާ ފައިސާއެވެ. ސަރުކާރުން މި ފައިސާ ބޭނުން ނުކޮށް، އެމަޖެންސީއަށް ބަހައްޓާފައިވަނީ ޑިފޯލްޓަކަށް ޤައުމު ހިނގައިދާނެ ފަދަ ވަގުތެއްގައި ބޭނުން ކުރުމަށެވެ. މި އެހީތެރިކަން ރާއްޖެއަށް ދީފައި މިވަނީ އިންޑިޔާއިންނެވެ. ރާއްޖޭގެ މިނިވަންކަން ނެގެހެއްޓުމަށްޓަކައެވެ.

ތަރައްޤީގެ މަޝްރޫޢުތައް

ގްރޭޓަރ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް (500 މިލިއަން ޑޮލަރު)، 6.74 ކިލޯމީޓަރުގެ ބްރިޖަކާއި ކޯޒްވޭ ހިމެނޭ މި މަޝްރޫޢު މާލެއާއި، ތިލަމާލެ، ވިލިމާލެ ހިމެނޭހެން ތިން ރަށް ގުޅާލައިދެއެވެ. މީގެއިތުރުން، 107.31 މިލިއަން ޑޮލަރުގެ ލޯނުގެ ދަށުން 34 ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމްކޮށްދީފައިވާއިރު، ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް އަދި ތިލަފުށީގައި ވިޔަފާރި ބަނދަރެއް ތަރައްޤީކުރުމަށް އެހީތެރިވެފައިވެއެވެ. އަދި ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ތިންވަނަ ފިޔަވަހީގެ ދަށުން 13 މަޝްރޫޢު ކުރިއަށްދަނީ 8 މިލިއަން ޑޮލަރު އަށްވުރެ ގިނަ ފައިސާއިންނެވެ. މިއީ އިންޑިޔާއަށް އެމީހުންގެ އަމިއްލަ ޤައުމުގެ ތަރައްޤީއަށް ބޭނުން ކުރެވިދާނެ ފައިސާއެވެ. ނަމަވެސް ތަރައްޤީގައި އަވަށްޓެރިން އެއްހަމަ ކޮށް ކުރިއަށް ގެންދިޔުމުގައި ބައިނަލްއަގުވާމީ ޚާރިޖީ ނިޒާމުގެ ތެރޭގައި ދެފަރާތަށް އޮތް ފައިދާއަށް ޓަކައި ރާއްޖެއަށް މި އެހީތައް އިންޑިޔާއިން ދަނީ އަބަދުވެސް ދެމުންނެވެ.

ކާރިސާގެ ވަގުތުތަކުގައި އެހީތެރިވުން

ރާއްޖެ ދަތި ހާލަތްތަކާ ކުރިމަތިލާއިރު، އިންޑިޔާއަކީ އެންމެ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދޭ ޤައުމެވެ. 2014 ގައި މާލޭގެ ފެނުގެ ހާދިސާގައި (އޮޕަރޭޝަން ނީރު)، އިންޑިޔާއިން ބޮޑެތި މަތިންދާ ބޯޓުތަކުން ފެންފުޅި އުފުލައި، ކަނޑުން ލޮނުފެން މީރުކުރާ ޕްލާންޓްތައް ބޭނުންކޮށްގެން އެހީތެރިކަން ފޯރުކޮށްދިނެވެ. 2020 ގައި ކޮވިޑް-19 ބަލިމަޑުކަމުގައި (އޮޕަރޭޝަން ސަންޖީވަނީ)، 6.2 ޓަނުގެ މެޑިކަލް ސަޕްލައި ފޯރުކޮށްދީ، ކޮވިޑާއި ގުޅިގެން 150 މިލިއަންގެ ޑޮލަރުގެ ކަރަންސީ ސްވެޕް އެހީވެސް ދިނެވެ. މިއީ ކޮވިޑްގެ ދަނޑިވަޅުގައި ދުނިޔޭގެ ގިނަ ޤައުމުތަކުގެ އިޤްތިޞާދު އަޑި އަޅާލިހެން ރާއްޖޭގެ އިޤްތިޞާދަށް އެ ހާލަތު މެދުވެރިވުމަށް އިންޑިޔާއިން ނޭދޭތީ ފޯރުކޮށް ދިން އެހީއެކެވެ.

ޘަޤާފީ އަދި ތަޢުލީމީ ގުޅުން

އިންޑިޔާއަކީ ދިވެހި ދަރިވަރުން އެންމެ ގިނައިން ތަޢުލީމު ހާސިލުކުރާ ޤައުމެވެ. ސްކޮލަރޝިޕް އަދި އެހެނިހެން ތަޢުލީމީ ފުރުޞަތުތަކުގެ ސަބަބުން، ރާއްޖޭގެ އިންސާނީ ވަސީލަތް ތަރައްޤީކުރުމަށް ރާއްޖޭގެ ތާރީޚުގައި އެންމެ ބޮޑު އެހީތެރިކަމެއް ދީފައިވާ ޤައުމަކީ އިންޑިޔާއަށް ވުމަކީ އެކަށީގެންވާ ކަމެކެވެ.

އިނގިރޭސިން އަތުން ރާއްޖެއަށް މިނިވަންކަން ލިބުމުގައި އިންޑިޔާގެ ދައުރު

އިނގިރޭސިންގެ އަތްދަށުގައި ރާއްޖެ އޮތް އިރު، ރާއްޖޭގެ އިދާރީ ހިންގުން އިނގިރޭސި ވިލާތުން ކުރިއަށް ގެންދިޔައީ ލަންކާގައި ތިބެގެންނެވެ. އިދާރީ ގޮތުން ރާއްޖެއަކީ ލަންކާގެ ބައެއް ގޮތުގައި އޮތް ތަނަކަށް އިނގިރޭސިން ހެދި ހެދުމަކީ، ރާއްޖެއަށް އަލުން މިނިވަންކަން ހޯދުމަށް ކުރިމަތިވި ގޮންޖެހުމެކެވެ. އޭރު މިނިވަކަން ދިން އިރު ސޫދާން ފަދަ ގައުމުތަކަކީ ވަކި ވަކި ގިނަ ވެރިކަން ތަކެއް އޮތް ސަރަހައްދު ތަކެކެވެ. ނަމަވެސް އެ ވަކި ވަކި ވެރިކަންތަކަށް ރިއާޔަތް ނުކޮށް ސޫދާން އެއީ އެއް ޤައުމެއް ގޮތުގައި މިނިވަން އެއް ދައުލަތަކަށް އިނގިރޭސިން ހެދީ އިދާރީ ގޮތުން ސޫދާން އަކީ އެއް ޤައުމުކަމަށް އިނގިރޭސީން ދެކޭތީއެވެ. ރާއްޖެއަށް އެފަދަ ހާލަތެއް މެދުވެރި ވެދާނެ ކަމަށް ބަލައި، ލަންކާގެ ބައެއް ގޮތުގައި ރާއްޖެވެ، ރާއްޖެއަށް ވަކިން މިނިވަކަން ނުލިބިދާނެ ފަދަ ހާލަތެއް މެދުވެރި ވެދާނެ ކަމަށް އިންޑިޔާއިން އޭރުގެ ރާއްޖޭގެ މިނިވަންކަމަށް މަސައްކަތް ކުރި ފަރާތްތަކަށް މިނިވަން ކަމުގެ މަސައްކަތް ވަރުގަދަ ކުރުމަށް މަޝްވަރާ ދީފައިވެއެވެ.

އިންޑިޔާގެ އެހީތެރިކަން އޮޅުވާލުން

ރާއްޖެ މިނިވަން މުސްތަގިއްލު ޤައުމެއް ގޮތުގައި ބޭއްވުމަށް، އިންޑިޔާއިން ރާއްޖޭގެ ޒަމާންވީ ތާރީޚުގައި އަދާކޮށްދިން ދައުރު އޮޅުވާލައި، ދޮގުތަކުގެ މައްޗަށް ބިނާކޮށް ރައީސް މުއިއްޒު އާއި އޭރުގެ ޕީޕީއެމްއިން ހިންގި ކެމްޕެއިން ވެގެން ދިޔައީ، މުޅި ދުނިޔޭގެ ކުރިމަތީ ޕީޕީއެމްގެ ސަރުކާރުގެ އިތުބާރާއި އިޚްތިރާމް ގެއްލިގެން ދިޔަ ކަމަކަށެވެ. އޭގެ ސަބަބުން ރާއްޖޭގެ ޚާރިޖީ ސިޔާސަތަށް ލިބުނު ގެއްލުމުގެ ސަބަބުން ބޭރުގެ އެހީތެރިކަން ރާއްޖެއަށް ލިބުން ހުޓިފައިވެއެވެ. އެކަން ރައީސް މުއިއްޒު އަށް ފަހުމްވެ، ރާއްޖޭގެ މިނިވަންކަން ދެމެހެއްޓުމަށް އިންޑިޔާއިން އަދާ ދައުރު އެނގިވަޑައިގެން އިންޑިޔާގެ ބޮޑުވަޒީރަށް ވަނީ ރާއްޖޭގެ މިނިވަން ދުވަހުގެ ޝަރަފުވެރި ދައުވަތް އަރުވާފައެވެ.

ނިންމުން

ރާއްޖެއަކީ “އިންޑިޔާގެ ނޭބަރހުޑް ފަސްޓް ސިޔާސަތުގެ ވަރަށް ކޮންކްރީޓް މިސާލެކެވެ.” އޮޕަރޭޝަން ކެކްޓަސްއިން ފެށިގެން، ދިފާޢީ އެއްބާރުލުން، އިޤްތިޞާދީ އެހީތެރިކަން އަދި ކާރިސާގެ ވަގުތުތަކުގައި ކޮށްދޭ އެހީތެރިކަމުގެ ސަބަބުން، އިންޑިޔާ ވަނީ ރާއްޖޭގެ މިނިވަންކަން ދެމެހެއްޓުމަށް މުހިންމު ދައުރެއް އަދާކޮށްފައެވެ. ރާއްޖޭގެ އަމިއްލަވަންތަކަން އިޙްތިރާމްކުރުމާއެކު، ޤާބިލްކަން އިތުރުކޮށްދިނުމުގެ ސަބަބުން، އިންޑިޔާއަކީ ސަރަޙައްދުގެ ސެކިއުރިޓީ ޕްރޮވައިޑަރެއްގެ ދައުރު އަދާކުރަމުންދާ ޤައުމަކަށް ވަނީ ވެފައެވެ. ދެ ޤައުމުގެ މި ދެމެހެއްޓެނިވި އެކުވެރިކަން، އިންޑިއާ ކަނޑުގެ ސަރަޙައްދުގައި ސުލްޙަވެރިކަމާއި ކުރިއެރުން ޤާއިމުކޮށް ބޭއްވުމަށް މުހިންމު ދައުރެއް އަދާކުރާނެއެވެ.