ނޫސްވެރިންނާއި ދެކޮޅަށް މުއިއްޒު ކުރަމުން ދަނީ ސިޔާސީ ހަނގުރާމައެއް. މިއީ ހުރިހާ ނޫސްވެރިން ސިޔާސީ ވާންޖެހޭ ވަގުތު! 

ރައީސް މުޙައްމަދު މުޢިއްޒު ނޫސްވެރިންނާ ދެކޮޅަށް ހިންގަމުންދަނީ ފުޅާ ދާއިރާއެއްގައި ރޭވިފައިވާ ސިޔާސީ ހަނގުރާމައެކެވެ. ނޫސްވެރިކަން ނައްތާލުމުގެ މި ހަނގުރާމައިގައި ސަރުކާރުގެ އެއް ޕްރޮޕެގަންޑާއަކީ “ނޫސްވެރިން ސިޔާސީވެއްޖެއޭ، ނޫސްވެރިން ސިޔާސީ އެކްޓިވިސްޓުންގެ ގޮތުގައި ހަރަކާތްތެރި ވަނީ” އޭ ބުނެ ނޫސްވެރިންގެ އަޚްލާގީ މިންގަނޑުން އެމީހުން ބޭރު ވެއްޖެކަން ރައްޔިތުންނަށް ދެއްކުމާއި، ނޫސްވެރިން އަބަދުވެސް ތިބެން ޖެހޭނީ ނޫސްވެރިކަމުގެ ޓެގު އަޅައިގެން ކަމާއި، އެ ޓެގު ނައްޓައި، ނޫސްވެރިކަމުގެ ގޮޅިން ނުކުތުމަކީ ނޫސްވެރިކަމުގެ އަޚުލާގީ ވާޖިބުން އެކަހެރިވުން ކަން ވިސްނަ ދީގެން ނޫސްވެރިން ފަހަތަށް ޖެއްސުމެވެ. ނަމަވެސް ޙަޤީގަތަކީ ނޫސްވެރިކަމުގެ ގޮޅިން ނޫސްވެރިން ނުކުމެ، ސިޔާސީ ހަނގުރާމައިގެ ހަތިޔާރު އަޅައިގެން ސިޔާސީ މައިދާނަށް ނުކުމެ ތިބެން ޖެހޭ ކަމެވެ. ނޫސްވެރިން ސިޔާސީ އެކްޓިވިސްޓުންގެ ގޮތުގައި ހަރަކާތްތެރިވާން މިއަދު ކޮންމެހެން ޖެހިފައިވާކަމެވެ. އެއީ މި ހަނގުރާމައަކީ އޭގެ ޒާތުގައިވެސް ސިޔާސީ ހަނގުރާމައަކަށްވެފައި، މި ހަމަލާ ނޫސްވެރިންނަށް ދެމުން ދަނީ ސިޔާސީ އެންމެ އިސް މަގާމުގައި ހުރި ރައީސުލްޖުމްހޫރިއްޔާ ކަމަށް ވާތީއެވެ. އާއެކެވެ. ނޫސްވެރިންނާއި ދެކޮޅަށް ކުރަމުން ދަނީ ސިޔާސީ ހަނގުރާމައެކެވެ. އެ ހަނގުރާމާގައި މުއިއްޒު ބަލި ކުރެވޭނީ އެއް މައިދާނެއްގައި ތިބެގެންނެވެ. ނޫސްވެރިކަމުގައި ގޮޅީގައި ތާށިވެ ހުރެގެން އެކަމެއް ނުކުރެވޭނެއެވެ. މި ލިޔުމުގައި އަޅުގަނޑު ބަލައިލާނީ ނޫސްވެރިން ސިޔާސީވާންޖެހޭ މައިގަނޑު ސަބަބުތަކާއި އޭގެ ފަލްސަފީ އަދި ޢަމަލީ ބުރަދަނުގެ މައްޗަށެވެ.

ހަމަހަމަ ހަނގުރާމައެއް ކުރުމަށް ސިޔާސީވާންޖެހޭ ސަބަބު

ތާރީޚު ދައްކާގޮތުގައި ބާރުވެރި ފަރާތަކުން ހިންގާ ސިޔާސީ ހަމަލާއަކަށް ދެވޭ އެންމެ ފުރިހަމަ ޖަވާބަކީ ހަމަ އެ ލެވެލްގައި ދެވޭ ޖަވާބެކެވެ. މީޑިއާއާ ބެހޭ ބިލުގެ ޒަރިއްޔާއިން ރައީސް މުޢިއްޒު ހިންގަނީ ނޫސްވެރިކަމުގެ ފަންނު ނައްތާލުމަށް ހިންގޭ ސިޔާސީ ހަނގުރާމައެކެވެ. އެހެންކަމުން، މި ހަމަލާއަށް ނޫސްވެރިން ދޭންޖެހޭނީ ހަރުދަނާ ސިޔާސީ ރައްދެކެވެ.

ސަންޒޫގެ މަޝްހޫރު “އާޓް އޮފް ވޯރ” ގައި ލިޔުއްވާފައިވަނީ “ހަނގުރާމައިގައި ކުރިއަށް ދެވޭނީ އަމިއްލަ ބާރާއި އަދި ދުޝްމަނުގެ ބަލިކަށިކަން ދެނެގަނެގެން” ނެވެ. ރައީސް މުޢިއްޒުގެ ހަމަލާގެ ބާރުގަދަކަން އޮތީ ސަރުކާރުގެ ބާރާއި ވަސީލަތްތަކުގައެވެ. މަޖިލީހާއި، ކޯޓާއި، މިނިވަން މުއައްސަސާތައް އޭނާ ވަނީ ޤާނޫނީ އިމުން ބޭރުން ހިފާފައެވެ. ނަމަވެސް މުއިއްޒުގެ ބަލިކަށިކަމަކީ ރައްޔިތުންގެ ބާރެވެ. އެހެންކަމުން، ނޫސްވެރިން މި ހަނގުރާމައިގައި ކުރިއަށްދެވޭނީ ރައްޔިތުންގެ ބާރު އެއްކޮށް، ސިޔާސީ ނުފޫޒު ބޭނުންކޮށްގެންނެވެ.

މީޑިއާ ބިލުން ނޫސްވެރިޔަކަށް 25,000 ރުފިޔާއާ ހަމައަށް އަދި މީޑިއާ ވަސީލަތްތަކަށް 100,000 ރުފިޔާއާ ހަމައަށް ޖޫރިމަނާކުރެވޭއިރު، މިއީ ހަމައެކަނި އިދާރީ ފިޔަވަޅެއް ނޫނެވެ. މިއީ ނޫސްވެރިކަން މަރާލުމަށް ރޭވިފައިވާ ސިޔާސީ ޙަމަލާއެކެވެ. މި ޙަމަލާއާ ކުރިމަތިލުމަށް ނޫސްވެރިން މިނިވަންކަން ދިފާޢުކުރުމުގެ ސިޔާސީ ޙަރަކާތްތަކުގައި ބައިވެރިވުމަކީ ހަމައެކަނި ޙައްޤެއް ނޫނެވެ، އެއީ ޒިންމާއެކެވެ.

އިންސާނާއަކީ ސިޔާސީ މަޚްލޫޤެއް: ފަލްސަފީ ނަޒަރު

އެރިސްޓޮޓަލް، ދުނިޔޭގެ އެންމެ މަޝްހޫރު ފިލޯސަފަރުންގެ ތެރެއިން އެކަކު، ވިދާޅުވެފައި ވަނީ: “އިންސާނާއަކީ ފިޠުރަތުގައި ސިޔާސީ މަޚްލޫޤެކެވެ” (މޭން އިޒް ބައި ނޭޗަރ އަ ޕޮލިޓިކަލް އެނިމަލް). މި ބަހުގެ މާނައަކީ އިންސާނާގެ ދިރިއުޅުމާއި ދުޅަހެޔޮކަން ގުޅިފައިވަނީ ކޮމިއުނިޓީގެ ސިޔާސީ ޙަޔާތާއެވެ. ނޫސްވެރިން ސިޔާސީ ޙަރަކާތްތަކުން ދުރުހެލިވާން މަސައްކަތްކުރުމަކީ އެމީހުންގެ އިންސާނީ ފިޠުރަތާ ޚިލާފު ކަމެކެވެ.

ފްރާންސްގެ މަޝްހޫރު ފިލޯސަފަރ ޖީން-ޕޯލް ސާޓްރެ ވިދާޅުވެފައި ވަނީ: “އިންސާނާ ކުރާ ހުރިހާ ކަމަކުން އޭނާ މުޅި އިންސާނިއްޔަތަށް ޒިންމާދާރުވެއެވެ” (މޭން އިޒް ރެސްޕޮންސިބަލް ފޮރ އޯލް ހިއުމަނިޓީ ތްރޫ ހިޒް އެކްޝަންސް). މި ފަލްސަފާގެ ދަށުން، ނޫސްވެރިޔާ ހަނުހުރުމަކީ، ނުވަތަ ހަމަ އެކަނި ނޫސްވެރިކަމުގައ ގޮޅީގައި ހުރުމަކީ ނޫސްވެރިކަމުގެ މިނިވަންކަން ނެތިދިޔުމަށް ހުއްދަދިނުމެވެ. އެހެންކަމުން، ކޮންމެ ނޫސްވެރިޔަކުވެސް ނޫސްވެރިކަމުގެ މިނިވަންކަން ދިފާޢުކުރުމަށް ސިޔާސީ މައިދާނަށް ނިކުންނަންޖެހެއެވެ.

ސިޔާސީ ނިންމުންތަކުގެ ފުޅާ އަސަރު

ސަރުކާރުން ނިންމާ ސިޔާސީ ނިންމުންތަކުގެ އަސަރުކުރަނީ މުޅި މުޖުތަމަޢަށެވެ. މީޑިއާ ބިލު ފާސްވެއްޖެނަމަ އޭގެ އަސަރުކުރާނީ ހަމައެކަނި ނޫސްވެރިންނަށް ނޫނެވެ. މިނިވަން މީޑިއާއެއް ނެތި މިނިވަން މުޖުތަމަޢެއް ނުއުފެދޭނެއެވެ. ރައްޔިތުންނަށް ޙަޤީޤަތް ނޭނގި، ސަރުކާރު ޖަވާބުދާރީކުރުވޭނެ ގޮތެއް ނޯންނާނެއެވެ.

ކޮންމެ ދިވެހި ރައްޔިތަކަށްވެސް މުހިންމީ މިނިވަން ނޫސްވެރިކަމެއް ދެމެހެއްޓުމެވެ. އިސްވެ ބަޔާންކުރެވުނު ބިލު ފާސްވެއްޖެނަމަ، އޭގެ އަސަރުކުރާނީ ހަމައެކަނި ނޫސްވެރިންނަށް ނޫނެވެ. ސަރުކާރު ޖަވާބުދާރީ ކުރުވާނެ އެންމެ މުހިންމު ވަސީލަތް ގެއްލި، ކޮރަޕްޝަނާއި ވަރިހަމައާއި ނާއިންސާފު އިތުރުވާނެއެވެ. އެހެންކަމުން، ނޫސްވެރިކަން ސަލާމަތްކުރުމަށް ކުރެވޭ ސިޔާސީ މަސައްކަތަކީ މުޅި މުޖުތަމަޢުގެ ދުޅަހެޔޮކަމަށް ކުރެވޭ ހުރިހާ ރައްޔިތުންގެ މަސައްކަތެކެވެ.

ނޫސްވެރިކަމުން ސިޔާސީ މައިދާނަށް: ފާހަގަކޮށްލެވޭ ނަމޫނާތައް

ދުނިޔޭގައި އެންމެ އިންސާފުވެރި ސިޔާސީ ލީޑަރުންގެ ހަޔާތް ފެށިގެން އައީ ނޫސްވެރިކަމުގެ ތެރެއިންނެވެ. ނޫސްވެރިކަމުގައި ތެދު ހާމަކޮށް، ނާއިންސާފާ ދެކޮޅަށް ލިޔެ، ސިޔާސީ މައިދާނަށް ނިކުމެވަޑައިގެން ބައެއް ފަރާތްތައް ޤައުމުތަކަށް ބޮޑެތި އިންޤިލާބުތައް ގެނެސްފައި ވެއެވެ.

އެމެރިކާގެ ޓޮމަސް ޖެފަރސަން، އިންޑިއާގެ މަހަތްމާ ގާންދީ، ދެކުނު އެފްރިކާގެ ނެލްސަން މަންޑޭލާ، ޗެކް ރިޕަބްލިކްގެ ވާކްލަވް ހަވެލް – މި ހުރިހާ ބޭފުޅުންނަކީވެސް ނޫސްވެރިކަމުގެ ތަޖުރިބާ ލިބިވަޑައިގެން، ހަޤީޤަތް ހާމަކުރުމުގެ ބާރު ދެނެވަޑައިގެން، ސިޔާސީ މައިދާނަށް ނިކުމެވަޑައިގެން މުޅި މުޖުތަމަޢަށް އިންޤިލާބީ ބަދަލުތައް ގެނެސްދެއްވި ބޭފުޅުންނެވެ.

ދިވެހިރާއްޖޭގައިވެސް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ފަދަ ބޭފުޅުން ނޫސްވެރިކަމުގެ މަސައްކަތުގެ ތެރެއިން ސިޔާސީ މައިދާނަށް ނިކުމެވަޑައިގެންނެވިއެވެ. ޑިމޮކްރަސީ ރާއްޖެއަށް ގެނައުމަށް އެމްޑީޕީގެ އާންމު މެމްބަރުން ކުރި މަސައްކަތުގައި އެމީހުންނެކޭ އެއްފަދައިން އޭނާވެސް ބައިވެރިވެ ވަޑައިގަތެވެ.

މި ހުރިހާ ލީޑަރުންވެސް ދައްކުވައިދެނީ ހަޤީޤަތް ހާމަކުރުމުގެ ނޫސްވެރިކަމުގެ ތަޖުރިބާއިން ލިބޭ ބާރަކީ ސިޔާސީ ބަދަލުގެނައުމަށް ބޭނުންކުރެވިދާނެ އެންމެ ހަރުދަނާ ބާރުކަމެވެ. ނޫސްވެރިން މިއަދު ސިޔާސީ ގޮތުން ހަރަކާތްތެރިވުމަކީ މާދަމާގެ އިންސާފުވެރި ލީޑަރުން އުފެއްދުމުގެ ފުރަތަމަ ފިޔަވަޅުކަމަށްވެސް ވެދާނެއެވެ. ރާއްޖެއަށް ޒުވާން ކެރޭ އިންސާފުވެރި ސިޔާސީ ލީޑަރުން މިވަނީ ބޭނުންވެފައެވެ.

ހަޤީޤަތް ހާމަ ކުރުމަކީ އިޚުތިޔާރެއް ނޫން، ޒިންމާއެއް

ޙަޤީޤަތް ފޮރުވާލުމަށް ބާރުވެރިންގެ ފަރާތުން ކުރެވޭ މަސައްކަތްތަކާ ދެކޮޅަށް، ޙަޤީޤަތް ހާމަކުރުމަށް ނޫސްވެރިން ކުރާ މަސައްކަތަކީ މުޅި މުޖުތަމަޢުގެ މިނިވަންކަން ކަށަވަރުކުރުމަށް ކުރެވޭ ޖިހާދެކެވެ.

އިސްލާމީ ފިޤުހުގައިވެސް أمر بالمعروف ونهي عن المنكر (ހެޔޮކަންތަކަށް އަމުރުކޮށް ނުބައި ކަންތައް ނަހީކުރުން) ކަނޑައެޅިފައިވަނީ އިސްލާމްދީނުގެ މުހިންމު އަސާސެއް ގޮތުގައެވެ. ދިވެހި މުޖުތަމަޢުގެ ތެރޭގައި ހެޔޮ ކަންތައްތައް ކުރިއަރުވައި، ނުބައި ކަންތައްތައް ހުއްޓުވުމަށް މަސައްކަތްކުރުމަކީ ކޮންމެ މުސްލިމެއްގެ ޒިންމާއެކެވެ. ރައީސް މުއިއްޒު ފަތުރަން ބޭނުންވާ ދޮގުތަކާއި، ހައްދަވަމުން ގެންދާ ދޮގުތައް ހުއްޓުވުމަކީ ދީނީ ވާޖިބެކެވެ. ދިވެހި ދައުލަތަށް މިއަދު އޮތް އެންމެ ބޮޑު ނުރައްކަލަކީ މުތުލަގަށް މުއިއްޒު ހަދަމުންދާ ބުހުތާނު ދޮގުތަކާއި، ދައުލަތް ލޫޓުވާލައިގެން ކުރަމުންދާ ބޮޑެތި ވައްކަމާއި، ރިޝްވަތުން ދައުލަތަށް ވަމުންދާ ހިޔާނާތާއި، ދައުލަތުގެ ބާރުތައް މުށުތެރެއަށް ލައިގެން ހިންގާ ޣައިރު ޤާނޫނީ ވެރިކަމެވެ. މިކަންކަން ނިންމުމަކީ ދީނީ ޤައުމީ ވާޖިބަކަށް ވާއިރު، މި ވާހަކަ ދެއްކުމަކީ އެކަމުގައި ނޫސްވެރިންނަށް އިޚްތިޔާރެއް އޮތް ކަމެއް ނޫނެވެ. އަޚްލާގީ ގޮތުން މަޖުބޫރު ކަމެކެވެ.

އެހެންކަމުން ނޫސްވެރިންނަށް ސިޔާސީވުމަކީ އޮތް އިޚްތިޔާރެއް ނޫނެވެ. އެއީ އެމީހުންގެ މައްޗަށް އޮތް ލާޒިމު ޒިންމާއެކެވެ.

ހަޤީޤަތް ދިފާޢުކުރުމުގެ ހަނގުރާމަ

ރައީސް މުޙައްމަދު މުޢިއްޒު ނޫސްވެރިންނާ ދެކޮޅަށް ހިންގާ ސިޔާސީ ހަނގުރާމައަށް ނޫސްވެރިން ދޭންޖެހޭނީ ހަރުދަނާ ސިޔާސީ ޖަވާބެކެވެ. މި ހަނގުރާމަ ކުރިއަށްގެންދިއުމަށް ނޫސްވެރިން އަޅަންޖެހޭ ފިޔަވަޅުތަކުގެ ތެރޭގައި:

  1. މީޑިއާ ބިލާ ދެކޮޅަށް ރައްޔިތުން ހޭލުންތެރިކުރުން: ބިލުގެ ނުރައްކާތެރިކަން ޢާންމުންނަށް ސާފުކޮށްދީ، ބިލާ ދެކޮޅަށް ރައްޔިތުންގެ އަޑު އުފުލުވައިދިނުން.
  2. ސިޔާސީ އިހުތިޖާޖުތައް އިންތިޒާމުކުރުން: ނޫސްވެރިކަމުގެ މިނިވަންކަން ދިފާޢުކުރުމަށް ސުލްހަވެރި އިހުތިޖާޖުތައް ބޭއްވުން.
  3. ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ސަމާލުކަން ހޯދުން: ބައިނަލްއަޤްވާމީ މީޑިއާތަކާއި އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކަށް ދިވެހިރާއްޖޭގެ ހާލަތު ހާމަކުރުން.
  4. މީޑިއާ މިނިވަންކަން ދިފާޢުކުރާ ސިޔާސީ ކެންޑިޑޭޓުންނަށް ތާއީދުކުރުން: ރައްޔިތުންގެ މަޖިލީހުގައި ނޫސްވެރިކަމުގެ މިނިވަންކަން ދިފާޢުކުރާނެ މެންބަރުން ހޮވުމަށް މަސައްކަތްކުރުން.
  5. ޤާނޫނީ ގޮތުން މަސައްކަތްކުރުން: ބިލުގެ ޤާނޫނުއަސާސީއާ ފުށުއަރާ ކަންތައްތައް ފާހަގަކޮށް، ޤާނޫނީ ގޮތުން ފިޔަވަޅު އެޅުމަށް މަސައްކަތްކުރުން.

ނިންމުން

“ވެރިކަމުގެ ހަތަރުވަނަ ބާރު” ކަމަށް ވިދާޅުވާ ނޫސްވެރިކަމަކީ ޑިމޮކްރެޓިކް މުޖުތަމަޢެއްގެ ފުރާނައެވެ. މިނިވަން ނޫސްވެރިކަމެއް ނެތި، މިނިވަން މުޖުތަމަޢެއް ނޯންނާނެއެވެ. މިއަދު ދިވެހިރާއްޖޭގެ ނޫސްވެރިން ކުރިމަތިލާންޖެހިފައިވާ ހަނގުރާމައަކީ ހަމައެކަނި އެމީހުންގެ ވަޒީފާއާ ބެހޭ ހަނގުރާމައެއް ނޫނެވެ. މިއީ މުޅި ދިވެހި މުޖުތަމަޢުގެ މިނިވަންކަމާއި ދުޅަހެޔޮކަން ދިފާޢުކުރުމުގެ ހަނގުރާމައެކެވެ.

އެހެންކަމުން، ނޫސްވެރިންގެ ސިޔާސީ ވުމަކީ ގޯހެއް ކަމަށް ބުނެ އޮޅުވާލިއަސް – އެއީ ލާޒިމް ކަމެކެވެ. ރައީސް މުޢިއްޒުގެ ސިޔާސީ ހަނގުރާމައަށް ދޭންޖެހޭނީ ހަރުދަނާ ސިޔާސީ ޖަވާބެކެވެ. ނޫސްވެރިންނާއި ރައްޔިތުން ގުޅިގެން ނޫސްވެރިކަމުގެ މިނިވަންކަމަށާއި ޑިމޮކްރަސީގެ އަސްލުތަކަށް ހަމަލާދޭ ބިލަކާ ދެކޮޅަށް މަސައްކަތްކުރަން ޖެހެއެވެ.

މިއަދުގެ ނޫސްވެރިޔާގެ އަޚްލާޤީ ޒިންމާއަކީ ޙަޤީޤަތް ހާމަކުރުމަށް ސިޔާސީވެ، ބާރުވެރިންގެ ނާއިންސާފާ ދެކޮޅަށް ނިކުމެ، މިނިވަން ނޫސްވެރިކަމެއްގެ އަލިގަދަ ދަންމަރު ދިވެހިރާއްޖޭގައި ދިއްލައި، އަންނަން އޮތް ޖީލުތަކަށް މިނިވަންކަމުގެ ތަރިކަ ދެމެހެއްޓުމެވެ.