55 ކައުންސިލް އިމާރާތުގެ ކޮރަޕްޝަން: އާޒިމް ދަނީ މުއިއްޒު އަތުން ކޮރަޕްޝަންގެ ފައިސާ ނަގަމުން، އެފައިސާއިން ޚަރަދުކޮށްގެން މޭޔަރުކަމަށް އެމްޑީޕީގެ ޓިކެޓް ހޯދުމަށް ޚަރަދު ކުރަމުން، މިއީ މުނާފިގު ކަމުގެ އިންތިހާ!

އާންމުކޮށް އިއުލާން ނުކޮށް، ކައުންސިލް އިންތިޚާބާ ދިމާކޮށް، މުއިއްޒު ކާނަލް ނާޒިމްއަށް ދިން ކައުންސިލް ޕްރޮޖެކްޓްގެ އަސްލު އަގަކީ އަގަކީ 1.1 ބިލިއަން ރުފިޔާކަން ހާމަވެފައިވާއިރު، މި ބޮޑު ކޮރަޕްޝަންގެ އެންމެ ބޮޑު އެއް ބައިވެރިއެއްގެ ގޮތުގައި، އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި މޭޔަރު ކަމުގައި ހުރި އާދަމް އާޒިމް ހުރިކަމީ މިއަދު އެންމެން ދަންނަ ބޮޑު ސިއްރެއްގެ ގޮތުގައި އޮތް ކަމެކެވެ. އަދި މިއީ، ފެށުނީއްސުރެ މިއަދާއި ހަމއަށްވެސް ކޮރަޕްޝަނާއި ފަސާދައާއި ދެކޮޅަށް ވަކާލާތު ކުރަމުން އަންނަ އެމްޑީޕީއަށް އޮތް ބޮޑު ލަދެއްގެ ގޮތުގައިވެސް ވަނީ ވެގެން ގޮސްފައެވެ.

ބޭންކު އޮފް މޯލްޑިވްސްއިން ލޯނު ދިނުމަށްފަހު، އެފައިސާއިން ޚަރަދު ކޮށްގެން، ކޮންޓްރެކްޓަރ ފައިނޭސްގެ ނަމުގައި ކާނަލް ނާޒިމް އަޅަމުންދާ ކައުންސިލް އިމާރާތްތައް އިމާރާތް ކުރަމުން ދަނީ ނާޒިމްއާއި އާދަމް އާޒިމްގެ ބައްޕައާއި، ބަންޑާރަ ނައިބުގެ މަގާމުގައި ހިންނެވި އުޝާމްގެ ބައްޕަގެ ނަމުގައި ހަދާފައި އޮންނަ އާރުސީސީންނެވެ. މި ޕްރޮޖެކްޓުގައި ސޮއިކޮށްފައިވަނީ އުޝާމްގެ ބައްޕައެވެ. އެއީ އާދަމް އާޒިމްގެ ބޮޑު ބޭބެއެވެ. މިމަޝްރޫޢުގެ މުގުލުގައި ކާނަލް ނާޒިމް ހުންނެވިއިރު، މިމަޝްރޫއިން އާރުސީސީއަށް ލިބޭ ބޮޑު ފައިދާގެ ބައި އެޅިގެންދާ އެއް ފަރާތަށް ވެގެން ގޮސްފައިވަނީ އާދަމް އާޒިމްއެވެ. އޭނާއަށް ލިބޭ ކޮރަޕްޝަންގެ މި ފައިސާއިން ޚަރަދު ކޮށްގެން އެމްޑީޕީގެ މޭޔަރުކަމުގެ ޓިކެޓް ކަށަވަރު ކުރުމަށް މިހާރު އޭނާ ދަނީ ޚަރަދު ކުރަމުންނެވެ. އަދި މޭޔަރުކަމުގެ ޓިކެޓް ލިބިއްޖެނަމަ މޭޔަރުކަމުގެ ކެމްޕޭނަށްވެސް އޭނާ ޚަރަދު ކުރާނީ މުއިއްޒުއާއި ބައިއަތު ހިފައިގެން އޭނާއާއި އޭނާގެ އާއިލާއިން ހިންގާ މި ބޮޑު ކޮރަޕްޝަންގެ މުއާމަލާތުގެ ފައިސާއިންނެވެ. މިއީ އެއްވެސް އިރަކުން އެމްޑީޕީގެ މެމްބަރުން ބަލައިގަންނާނެ ކަމެއް ނޫނެވެ. ކޮރަޕްޝަނާއި ފަސާދައަކީ އެމްޑީޕީގެ ސިޔާސަތަކަށް ނުވާއިރު، މުއިއްޒު ހިންގަމުންދާ ކޮރަޕްޝަން އެމްޑީޕީގެ ތެރެއަށް މޫލުމަކީ އެމްޑީޕީގެ އެއްވެސް މެމްބަރަކު ރުހި ގަބޫލުވެގެން ހުންނާނޭކަމެއް ނޫންކަމީ ކަށަވަރުވެ ޔަގީންވާ ކަމެކެވެ.

600 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެއްގެ ގޮތުގައި އިއުލާންކޮށް، އެހެންނަމަވެސް 1 ބިލިއަން ރުފިޔާގެ ބޮޑު އަގެއްގައި 55 ކައުންސިލެއް އަޅަން ނާޒިމްއާއި ހަވާލުކުރި މިމަޝްރޫޢުގެ މާރކެޓް ރޭޓަަށް ބަލާނަމަ އަރާނީ އެންމެ 200 ވަރަކަށް މިލިއަން ރުރިޔާކަމަށް އިމާރާތްކުރުމުގެ ދާއިރާގެ ތަޖުރިބާކާރުން ދަނީ ބުނަމުންނެވެ.

ކައުންސިލް އިންތިޚާބާ ދިމާކޮށް މުއިއްޒު ބޭނުންވާ އަދަދަށް ފައިސާ ރެއިޒް ކުރުމަށް ނާޒިމްއަށް މަޝްރޫއު އިއުލާން ކުރުމަކާ ނުލާ ހަވާލުކޮށްފައިވާއިރު، މަޝްރޫޢު ސައްޙަ ކުރުމަށް ގާނޫނީ ލަފާ ދީފައިވަނީ ނާޒިމްއަށް ބޮޑު ބޭބެކިޔާ އުޝާމްއެވެ. އެހެންކަމުން ދައުލަތުގެ މާލިއްޔަތަށް ނުހަނު ބޮޑުވެގެންދާނެ މިމަޝްރޫޢު ނާޒިމްއަށް އެވާޑް ކުރުމުގައި މަސްލަހަތުގެ ފުށުއެރުން އިންތިހާއަށް އޮތްކަންވެސް ވަނީ ހާމަވެގެން ގޮސްފައެވެ.

ނާޒިމްގެ އާރުސީސީއަށް 1.1 ބިލިއަން ރުފިޔާގެ ބޮޑު ޕްރޮޖެކްޓެއް ކައުންސިލް އިންތިޚާބާ ދިމާކޮށް ދީފައިވާއިރު، ނާޒިމް މިމަޝްރޫޢު ކުރިޔަށް ގެންދިއުމަށް ބީއެލްއިންވަނީ ލޯންވެސް ހަމަޖައްސާ ދީފައެވެ.

މިހާރު ހާމަވެފައިވާ ގޮތުގައި ރަށު ކައުންސިލް އޮފީސް އިމާރާތް ކުރުމުގެ މަޝްރޫއު ހިންގާނެ ބަޔަކު ހޯދަން އާންމުކޮށް އިއުލާނު ނުކޮށް، ސަރުކާރާ ގާތް ގުޅުމެއް އޮންނަ ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމްގެ އާރުސީސީއާ ހަވާލުކުރަން ފާސްކުރީ އިކޮނޮމިކް ކައުންސިލުންނެވެ. އިކޮނޮމިކް ކައުންސިލުން ނާޒިމްއަށް މި ޕްރޮޖެކްޓް އެވާޑްކުރަން ފާސްކޮށްފައިވަނީ ސީދާ މުއިއްޒުގެ އެންގުމަށް ކަމަށްވެސް ”ދިޔަވަރު އޮންލައިން“އަށް މައުލޫމާތު ދިން ސަރުކާރުގެ އިސް އޮފިޝަލް ވިދާޅުވެފައި ވެއެވެ.

މެލޭޝިއާގެ ހެކްސްޓާ ގްލޯބަލް އިން ކޮންސްޓްރެކްޓާ ފައިނޭންސިންގެ އުސޫލުން 55 ރަށެއްގައި ކައުންސިލު އޮފީސް އިމާރާތްތައް އަޅަން ސޮއިކުރުމަށްފަހު އެ އެއްބަސްވުން ބާތިލުކޮށް، އާރުސީސީ އާއެކު ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކުރީ ފާއިތުވި އޮގަސްޓުމަހުގެ 16 ވަނަ ދުވަހުއެވެ.

އާރުސީސީ އަކީ ނާޒިމްގެ ބައްޕަ އާއި އެޓާނީ ޖެނެރަލް އަހުމަދު އުޝާމްގެ ބައްޕަގެ ކުންފުންޏެވެ. މަޝްރޫޢުގައި އާރުސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ވެސް އުޝާމްގެ ބައްޕައެވެ.

މި މަޝްރޫއުގެ ފުރަތަމަ އެއްބަސްވުން ބާތިލުކުރުމަށްފަހު، އިއުލާނު ނުކޮށް އާރުސީސީއާއި ހަވާލުކުރީ ކީއްވެތޯ ސުވާލުކުރުމުން، އެކަން އެގޮތަށް ކުރީ އިކޮނޮމިކް ކައުންސިލުން ކަން ޔަގީން ކޮށްދެއްވީ ލޯކަލް ކައުންސިލް މިނިސްޓަރު އާދަމް ޝަރީފުއެވެ. މި މަޝްރޫއު އާރުސީސީއަށް ދިނީ ކުރިން ހެދި އެއްބަސްވުމަށްވުރެ އަގު ބޮޑުކޮށެވެ. މަޝްރޫއުގެ ދަށުން ތިން ގިންތިއެއްގެ ކައުންސިލް އިމާރާތް ހިމެނެ އެވެ. އެއްބަސްވުމުގެ ދަށުން ހުރިހާ އިމާރާތެއް ވެސް ސަރުކާރާ ހަވާލުކުރަން ޖެހެނީ ތަނުގެ ފިނިޝިން އާއި ފަރުނީޗަރު އަދި އެހެނިހެން ވަސީލަތްތައް ވެސް ފުރިހަމަކުރުމަށް ފަހުއެވެ.

އެހެންނަމަވެސް، މި ބޮޑު ކޮރަޕްޝަންގައި، އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި މޭޔަރުކަމުގައި ހުރެ، އާދަމް އާޒިމް ފުރިހަމަޔަށް ޝާމިލްވެ، މުއިއްޒުއާއެކީ ޑީލްހަދާ، ދައުލަތް ލޫޓުވުމަށް އާޒިމް ހިންގަމުންދާ މި ޖަރީމާގެ ނަތީޖާއެއްގެ ގިތުން ކޮރަޕްޝަނާއި ފަސާދައިގެ ލަގަބު އެމްޑީޕީގެ ބޮލުގައި އެޅިގެންދާނެތީ އެކަމުގެ ކަންބޮޑުވުން އެމްޑީޕީގެ ގިނަ އަދަދެއްގެ މެމްބަރުން ދަނީ ފާޅުކުރަމުންނެވެ. އަދި ކޮރަޕްޝަންގެ ފައިސާއިން ޚަރަދު ކޮށްގެން މޭޔަރުކަމުގެ އެމްޑީޕީގެ ޓިކެޓް ކަށަވަރުކުރުމަށް އޭނާ ކުރަމުންދާ މަސައްކަތްތައްވެސް ކަންބޮޑުވުމާއެކު އެމްޑީޕީގެ މެމްބަރުން ދަނީ ފާހަގަ ކުރަމުންނެވެ.