ރައީސް މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ޗައިނާގެ ކުންފުނިތަކާއެކު ވެފައިވާ އެއްބަސްވުންތައް ބާތިލުކޮށް، އެހެން ފަރާތްތަކާ އެ މަޝްރޫޢުތައް ހަވާލުކުރަމުންދާއިރު، މިއީ ނޫމަޑި ކުންފުންޏާމެދު ކަންކުރި ގޮތާ އެއްފަދަ ހާލަތެއް އުފެއްދުމަށް މުއިއްޒު ކުރަމުންދާ މަސައްކަތެއް ކަމަށް ގިނަ ބަޔަކު ދަނީ ފާހަގަ ކުރަމުންނެވެ.
ފާއިތުވި 18 މަސްދުވަހުގެ ތެރޭގައި ސަރުކާރުން ޗައިނާގެ ކުންފުނިތަކާއެކު ސޮއިކޮށްފައިވާ ގިނަ މަޝްރޫޢުތަކެއް ސާފު އެއްވެސް ތަފްޞީލެއްނެތި އަދި ދެފުށް ފެންނަ އެއްވެސް ހަމައެއް ނެތި ބާތިލުކޮށް އެހެން ފަރާތްތަކާ ހަވާލުކޮށްފައިވާއިރު، އެކަށީގެންވާ ޤާނޫނީ އުސޫލުތައް ހިފަހައްޓާފައިވާކަން ކަށަވަރު ކޮށްފައިނުވެއެވެ. މިހާލަތުގައި ނޫމަޑި މައްސަލާގައި ދިމާވިފަދައިން، ފަހުން މި ކުންފުނިތަކުން ދިވެހި ދައުލަތާ ދެކޮޅަށް ބޮޑެތި ބަދަލު ހޯދުމަށް މައްސަލަ އުފުލުމުގެ ނުރައްކާ އޮތްކަމަށް ޤާނޫނީ މާހިރުން ވިދާޅުވެއެވެ.
މިކަން މިސަރުކާރުގައި މުއިއްޒު ފަށާފައިވަނީ ފުށިދިއްގަރުފަޅު ހިއްކުމަށް ލަންކާ ސީއެމްސީއާއި ހަވާލުކޮށް ކެންސަލް ކުރުމުން އެމީހުން ބަދަލު ހޯދުމަށް މަސައްކަތް ކުރިއެވެ. މިކަމުގައި މި ސަރުކާރުން ސީއެމްސީ އަށް ނަގާދިން ބަދަލުގެ ތަފްސީލެއްވެސް އާންމު ކޮށްފައެއް ނުވެއެވެ.
މިހާތަނަށް އެނގިފައިވާގޮތުގައި ސަރުކާރުން ބާތިލުކޮށްފައިވާ ނުވަތަ އެހެން ފަރާތްތަކާ ހަވާލުކޮށްފައިވާ ބައެއް ޗައިނާ މަޝްރޫޢުތަކުގެ ތެރޭގައި:
- ލ. އަތޮޅު ކައްދޫ އެއަރޕޯޓް ތަރައްގީކުރުން – 2024 ވަނަ އަހަރުގެ އޭޕްރިލް މަހު ޗައިނާ ސީއޭއެމްސީ އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑް (ސީއޭއެމްސީއީ) އާއެކު ސޮއިކުރެވިފައިވާ މި އެއްބަސްވުން މިހާރު ވަނީ ސަރުކާރުގެ ކުންފުނި އެމްއޭސީއެލްއާ ހަވާލުކޮށްފައެވެ.
- ލ. އަތޮޅު މެރިޓައިމް ހަބު – 2024 ވަނަ އަހަރުގެ އޭޕްރިލް މަހު ވެސް ސީއޭއެމްސީއީއާއެކު ސޮއިކުރެވުނު މި މަޝްރޫޢު ބާތިލުކޮށް މިހާރު ސަރުކާރުން ވަނީ އެކްސްޕްރެޝަން އޮފް އިންޓަރެސްޓްއަށް ހުޅުވާލައި އެހެން ފަރާތްތައް ހޯދަން މަސައްކަތްކުރަމުންނެވެ.
- އައްޑޫ ހަންކެޑޭގައި އިންޓަގްރޭޓަޑް ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރުން – ޗައިނާ ނެޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން (ސީއެންއީސީ) ކުންފުންޏާ ހަވާލުކޮށްފައިވާ މި މަޝްރޫޢު ސަރުކާރުން ވަނީ ބާތިލުކޮށް، އެތަން ހަލާލު ޓޫރިޒަމަށް އަމާޒުކޮށްގެން ތަރައްގީކުރުމަށް ނިންމާފައެވެ.
އެއްބަސްވުންތައް ބާތިލުކުރި ސަބަބާމެދު ސަރުކާރުން އެކަށީގެންވާ ތަފްޞީލެއް ދީފައިނުވާއިރު، މި ކުންފުނިތަކުން އެއްބަސްވުންތައް އުވާލުމާމެދު ދެކޭގޮތްވެސް ސަރުކާރުން ހާމަކޮށްފައިނުވެއެވެ.
2010 ވަނަ އަހަރު ނޫމަޑި ކޮންސްޓްރަކްޝަނާއެކު ހައުސިންގ ޕްރޮޖެކްޓަކަށް ސޮއިކުރެވުނު އެއްބަސްވުމެއް ފަހުން ޑރ. މުޙައްމަދު މުޢިއްޒު ބާތިލުކުރެއްވިއެވެ. ނަމަވެސް، ފަހުން ޕީޕީއެމްގެ ސަރުކާރު ބަދަލުވުމާއެކު ނޫމަޑިން ބައިނަލްއަޤްވާމީ އާބިޓްރޭޝަނަށް މައްސަލަ ހުށަހެޅުމުން، ރައީސް މުޢިއްޒު ދިވެހި ދައުލަތާ ދެކޮޅަށް ހެކިބަސްދީ، އެއްބަސްވުން ބާތިލުކުރުމުގައި ދައުލަތުން ޤާނޫނީ ހަމަތައް ހިފަހައްޓާފައި ނުވާކަމަށް ބުނެދެއްވުމުން ދައުލަތުން 55 މިލިއަން ޑޮލަރު ބަދަލުގެ ގޮތުގައި ދޭން ޖެހުނެވެ. މިއިން މުއިއްޒު ބޮޑު ކަޓެއް ނެގިއެވެ.
“ރައީސް މުޢިއްޒު ދައުލަތާ ދެކޮޅަށް ހެކިބަސް ދެއްވާފައިވާއިރު، މިހާރުވެސް ވިދިވިދިގެން ބާތިލުކުރަމުންދާ އެއްބަސްވުންތަކުގައި ކަންތައް ކުރެވިފައިވަނީ ޤާނޫނީގޮތުން އެކަށީގެންވާވަރަށް ހަރުދަނާކޮށްތޯ ސުވާލު އުފެދެއެވެ,” ޤާނޫނީ މާހިރެއް ވިދާޅުވިއެވެ.
ހަންކެޑެ މަޝްރޫޢު ހުއްޓާލުމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި، ސަރުކާރުގެ މި ނިންމުމާ ގުޅިގެން ބޮޑު ބަދަލެއް ދޭން ޖެހިދާނެ ކަމަށް އެމްޑީޕީ އިން ދަނީ ބުނަމުންނެވެ. މި މަޝްރޫޢަކީ ބޭންކް އޮފް ޗައިނާއިން 142.9 މިލިއަން ޑޮލަރުގެ ލޯނު ހަމަޖައްސާފައިވާ ބޮޑު މަޝްރޫޢުއެއް ކަމަށްވެފައި، މި މަޝްރޫޢު ހުއްޓާލުމުން އައްޑޫ އަތޮޅާއި މުޅި ދެކުނަށް ލިބޭނެ އިޤްތިޞާދީ މަންފާއަށްވެސް ބޮޑު ގެއްލުމެއް ވެފައިވާކަން ފާހަގަކުރައްވައެވެ.
ލ. އަތޮޅު ކައްދޫ އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢު ދެން ކުރިއަށްދާނެ ގޮތާމެދު ރައީސް މުޢިއްޒު ފޮނަދޫ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމެއްގައި ވިދާޅުވީ، މި މަޝްރޫޢު މިހާރު އެމްއޭސީއެލާ ހަވާލުކޮށްފައިވާ ކަމަށެވެ. 114 ހެކްޓަރުގެ ބިން ހިއްކުމާއި 2,800 މީޓަރުގެ ދިގު ރަންވޭއެއް ހެދުން ހިމެނޭ މި މަޝްރޫޢު 36 މަސްދުވަހުގެ ތެރޭގައި ނިންމާނެކަމަށް މުޢިއްޒު ވަޢުދުވެވަޑައިގެންނެވިއެވެ. ނަމަވެސް ކުރިން ޗައިނާގެ ކުންފުންޏާއެކު ކޮށްފައިވާ އެއްބަސްވުން އުވާލާފައިވާކަން ވިދާޅުނުވެއެވެ.
ހަމަ އެހެންމެ، ޓްރާންސްޝިޕްމަންޓް ބަނދަރަކާއި ބަންކަރިންގެ ޚިދުމަތް ހިމެނޭ ގޮތަށް ލ. މެރިޓައިމް ހަބު ތަރައްޤީކުރުމަށް ކުރިން ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވާ މަޝްރޫޢުގެ އެމްއޯޔޫއަށްވެސް ހުރުމަތްތެރިކޮށް ނުހިތާ އެމަސައްކަތް ކުރާނެ އެހެން ފަރާތްތަކެއް ހޯދުމަށް ހުޅުވާލާފައިވާ ކަމަށް ރައީސް މުޢިއްޒު ވިދާޅުވެފައިވެއެވެ.
ރައީސް މުޢިއްޒުގެ ސަރުކާރުން ވޭތުވެދިޔަ 18 މަސްދުވަހުގެ ތެރޭގައި ޗައިނާއާއެކު 20 އަށްވުރެ ގިނަ އެއްބަސްވުންތަކުގައި ސޮއިކޮށްފައިވާއިރު، އޭގެތެރެއިން %99 މަޝްރޫޢުތަކެއް ކުރިއަށް ނުދާކަން ފާހަގަކުރެވެއެވެ. ކުރީގެ މަޝްރޫޢުތައް ބާތިލުކުރަމުންދާއިރު އަލަށް ވެފައިވާ އެއްބަސްވުންތަކަށް ވެސް ކުރިއަށް އޮތްތަނުގައި މިފަދަ ހާލަތެއް ދިމާވުމަކީ އެކަށީގެންވާކަމެއް ކަމަށްވެސް ބައެއް ތަޖުރިބާކާރުން ފާހަގަކުރެއްވެވިއެވެ.
ބައިނަލްއަޤްވާމީ ވިޔަފާރީގެ އެއްބަސްވުންތައް ބާތިލުކުރުމަކީ ދައުލަތަށް ވަރަށް ބޮޑެތި ޒިންމާތަކެއް އުފުލަން ޖެހިދާނެ ކަމެއް ކަމަށާއި، ނޫމަޑި މައްސަލައިގައި ވެސް ދައުލަތަށް 55 މިލިއަން ޑޮލަރު ދައްކަން ޖެހުނު ގޮތަށް މުއިއްޒު އަޑީގައި ހުރެ، ވެރިކަމުން ފައިބައިގެންވެސް ދައުލަތް ލޫޓުވުމަށް ޕްރޮޖެކްޓްތައް ކެންސަލް ކުރާތީ އެކަމާއި މެދު އާންމު ރައްޔިތުން ތިބީ ވަރަށް ބޮޑަށް ކަންބޮޑު ވެފައެވެ.






