ބަޖެޓު 2026: މުއިއްޒު ދިރި އުޅުން ރަސްކަލެއްގެ ފެންވަރަށް ބަދަލުކޮށް، ދިރި އުޅުއްވާ މުލީއާގެ ގަނޑުވަރަކަށް ބަދަލު ކުރަން ބަޖެޓުގައި 34 މިލިއަން ހިމަނައިފި

މުއިއްޒު ދިރިއުޅުއްވާ މުލީއާގެ ގަނޑުވަރަކަށް ބަދަލު ކުރަން އަންނަ އަހަރުގެ ބަޖެޓުގައި މުލިއާގެއަށް 34 މިލިއަން ޚަރަދު ކުރުމަށް ހިމަނައިފިއެވެ. އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މިއަދު މަޖިލީހަށް ހުށަހެޅި ދައުލަތުގެ ބަޖެޓުގައި ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހުރިއްޔާގެ ނައިބު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ދިރިއުޅުއްވާ ރަސްމީ ގެތަކަށް ޖުމްލަ 52 މިލިއަން ރުފިޔާ ވަނީ ހިމަނާފަ އެވެ.

މީގެތެރެއިން އެންމެ ބޮޑު ހަރަދެއް ދާނެ ކަމަށް ބަޖެޓުގައި ލަފާކޮށްފައިވަނީ މުލީއާގެއަށެވެ. އެގޮތުން އަންނަ އަހަރަށް މުލީއާގޭގެ ހަރަދުގެ ގޮތުގައި ބަޖެޓުގައި ހިމަނާފައިވަނީ 34 މިލިއަން ރުފިޔާ އެވެ. މިއީ މި އަހަރުގެ ބަޖެޓަށް ވުރެ ހަތަރު މިލިއަން އިތުރު އަދަދެކެވެ.

ނައިބު ރައީސްގެ ރަސްމީ ގެ، ހިލާލީގެއަށް އަންނަ އަހަރު ހަރަދުވާނެ ކަމަށް ލަފާކޮށް ބަޖެޓުގައި ޖަހާފައިވަނީ 14 މިލިއަން ރުފިޔާ އެވެ. މިއީ މި އަހަރަށް ބަޖެޓުކުރި އަދަދަށް ވުރެ 4.2 މިލިއަން އިތުރު އަދަދެކެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ފޮނުވި ބަޖެޓުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ރަސްމީ ގެކޮޅަށް ހިނގާނެ ހަރަދުގެ ގޮތުގައި ހިމަނާފައިވަނީ 4.1 މިލިއަން ރުފިޔާ އެވެ. މިއީ މި އަހަރުގެ ބަޖެޓަށްވުރެ 1.1 މިލިއަން ރުފިޔާ މަދު އަދަދެކެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ރައީސް މުހައްމަދު މުއިއްޒު މުލީއާގެއަށް އަދި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު ރަސްމީ ގެއަށް ބަދަލުވުމަށް އެ ދެ ގެއަށް ބޮޑެތި ބަދަލުތަކެއް ގެނެސް މަރާމާތުކުރި އެވެ. އެގޮތުން، މުއިއްޒު އާއި އާއިލާ މުލީއާގެއަށް ބަދަލުވެވަޑައިގަތުމަށް މުލީއާގޭގެ މަރާމާތަށް ދައުލަތުގެ ބަޖެޓުން 3.6 މިލިއަން ރުފިޔާ ހަރަދުކުރި އެވެ. އަދި، ހިލާލީގޭގެ މަރާމާތައް 5.4 މިލިއަން ރުފިޔާ ހަރަދުކުރި އެވެ.

މިދިޔަ އަހަރުގެ އެޕްރީލް މަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށްފަހު، 20 ވަނަ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މުރައިދޫ އަށް ބަދަލުވެވަޑައިގެންނެވުމުގެ ކުރިން އެ ގެ ވެސް ވަނީ މަރާމާތުކޮށްފަ އެވެ. ސަރުކާރުގެ ކުންފުނި ވެމްކޯއިން މި މަސައްކަތަށް 3.5 މިލިއަން ރުފިޔާ ބިލުކުރި ކަމަށް އެ ކުންފުނިން މި ނޫހަށް ވަނީ މައުލޫމާތު ދީފަ އެވެ.