1.1 މިލިއަން ރުފިޔާ މަދުކޮށް މުއިއްޒުގެ އަމުރަށް، އަންނަ އަހަރަށް އަބުދުއްރަހީމްގެ ދިރިއުޅުއްވުމަށާއި ގެކޮޅަށް ހަމަޖައްސާފައިވަނީ އެންމެ 4 މިލިއަން ރުފިޔާ

2026 ވަނަ އަހަރަށް ލަފާކޮށް ސަރުކާރުން ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ދައުލަތުގެ ބަޖެޓުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު އާއި ރައީސުލްޖުމްހުރިއްޔާގެ ނައިބު, އަލްއުސްތާޒް ހުސައިން މުހައްމަދު ލަތީފް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް, އަބްދުއްރަހީމް އަބްދުالله (އަދުރޭ) ދިރިއުޅުއްވާ ރަސްމީ ގެތަކަށް ޖުމްލަ 52 މިލިއަން ރުފިޔާ ހިމަނައިފިއެވެ. އެހެންނަމަވެސް އަބުދުއްރަހީމްގެ ދިރިއުޅުއްވުމަށާއި އަދި ގެކޮޅުގެ ޚަރަދަށް، ފާއިތިވި އަހަރަށްވުރެ 1.1 މިލިއަން ރުފިޔާ މަދުކޮށް، މުއިއްޒުގެ އަމުރަށް އަންނަ އަހަރަށް ހަމަޖައްސާފައިވަނީ އެންމެ 4 މިލިއަން ރުފިޔާއެވެ.

އެންމެ ބޮޑު ހަރަދެއް ދާނެ ކަމަށް ބަޖެޓުގައި ލަފާކޮށްފައިވަނީ މުލީއާގެއަށެވެ. އެގޮތުން އަންނަ އަހަރަށް މުލީއާގޭގެ ހަރަދުގެ ގޮތުގައި ބަޖެޓުގައި ހިމަނާފައިވަނީ 34 މިލިއަން ރުފިޔާ އެވެ. މިއީ މި އަހަރުގެ ބަޖެޓަށް ވުރެ ހަތަރު މިލިއަން އިތުރު އަދަދެކެވެ.

ނައިބު ރައީސްގެ ރަސްމީ ގެ، ހިލާލީގެއަށް އަންނަ އަހަރު ހަރަދުވާނެ ކަމަށް ލަފާކޮށް ބަޖެޓުގައި ޖަހާފައިވަނީ 14 މިލިއަން ރުފިޔާ އެވެ. މިއީ މި އަހަރަށް ބަޖެޓުކުރި އަދަދަށް ވުރެ 4.2 މިލިއަން އިތުރު އަދަދެކެވެ.

އަދުރޭގެ ގެކޮޅަށް ހިނގާނެ ހަރަދުގެ ގޮތުގައި ހިމަނާފައިވަނީ 4.1 މިލިއަން ރުފިޔާ އެވެ. މިއީ މި އަހަރުގެ ބަޖެޓަށްވުރެ 1.1 މިލިއަން ރުފިޔާ މަދު އަދަދެކެވެ.

ދައުލަތުގެ ބަޖެޓުގައި 64.2 ބިލިއަން ރުފިޔާ ހުށަހަޅާފައިވާއިރު މިއީ ސަރުކާރުން ބޭކާރު ހަރަދުކުރުމަށް ބޮޑު އެއްޗެއް ބަޖެޓުގައި ހިމެނުއްވި ފުރަތަމަ ފަހަރު ނޫންކަން ފާހަގަކޮށްލެވެއެވެ.