ރައީސް ޔާމިން 2028ގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާން ކުރެއްވުމާއެކު، ދެވަނަ ދައުރަކަށް މުއިއްޒު ދެކޭ ހުވަފެން ފެނަށް، މުއިއްޒުއަށް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވޭނެ އެއްވެސް ފޯމިއުލާއެއް ފެންނާކަށް ނެތް!

ރާއްޖޭގައި ދެން ބާއްވާ ރިޔާސީ އިންތިހާބެއްގެ ވޯޓު ކަރުދާހުގައި ނަން އޮންނާނެ ކަމަށް ވިދާޅުވެ ރިޔާސީ ރޭހަށް ނުކުމެވަޑައިގެންނެވިކަން ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) ގެ ރައީސް އަބްދުالله ޔާމީން އިއުލާން ކުރައްވައިފި އެވެ.

ރައީސް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާން ކުރެއްވުމާއެކު، ރައީސްކަމުގެ ދެވަނަ ދައުރެއް ހޯދުމަށް މުއިއްޒު ދެކެމުންދާ ހުވަފެންތައް ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ބިލާހަކަށް ވެ ނިމިގެން ދާނެއެވެ. އޭގެ އެންމެ ބޮޑު ސަބަބެއްގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރަނީ، މިސަރުކާރަށް އާ ބަސް ބުނެގެން ތިބި ގިނަ ބައަކީ މިހާރުވެސް ރައީސް ޔާމިނަށް ތާއީދުކުރާ، އަދި މި ސަރުކާރުގެ ސިޔާސަތުތަކާއި ދެކޮޅު މީހުންކަމަށް ވާތީއެވެ. އޭގެ ތެރޭގައި ގިނައީ ސިޔާސީ ކޮންމެވެސް މަންފާއަކަށް ނުވަތަ ނުފޫޒެއްގެ ސަބަބުން މި ސަރުކާރަށް އާބަސް ބުނަންޖެހިފައިވާ ބައެކެވެ. އެގޮތުން ރައީސް ޔާމިން ރިޔާސީ އިންތިޚާބުގައި ވާދަކުރާ ހާލަތެއްގައި ޕީޕީއެމް ޕީއެންސީގެ ފިކުރު ދެބަޔަކަށް ބެހި، މުއިއްޒުއަށް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވޭވަރަށް ވޯޓު ނުލިބެނެކަމަށް ސިޔާސީ ތަޖުރިބާކާރުން ގެންދަވަނީ ވިދާޅުވަމުންނެވެ.

ހަމަ އެއާއެކު ރިޔާސީ އިންތިޚާބުގައި ރައީސް ޔާމިނަށް ކުރިމަތި ނުލެވޭ ގޮތް ހެދުމަށް މުއިއްޒުއަށް އޮންނާނެ ހަމަ އެކަނި ގޮތަކީ އެމަނިކުފާނު ޖަލަށްލުމެވެ. އެހެންނަމަވެސް އެ ހާލަތުގައިވެސް މުއިއްޒުއަށް އޮތް ތާއީދު އެތައް ގުނައަކުން ހަނިވެ، މުއިއްޒުއަށް ރައްޔިތުންގެ ވޯޓަކުން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވޭނެ އެއްވެސް ފުރުސަތެއް ނޯންނާނެ ކަމަށްވެސް ގިނަބަޔަކު ދަނީ ގަބޫލު ކުރަމުންނެވެ. އެފަދަ ހާލަތެއްގައި ދެން އޮންނާނީ ގަދަ ބާރު ޚިދުމުޚްތާރުކޮށް ވެރިކަމުގައި ދެމި ހުރުމަށް ނިންމުމެވެ. އެއީ ދިވަހިރާއްޖެފަދަ ވަސީލަތެއް ނެތް، ބޭރު ދުނިޔެއަށް ބަރޯސާވުން މަޖުބޫ ގައުމަކަށް އޮންނަނެ އެއްވެސް ހައްލެއް ނޫނެނެވެ. އެހެންނަކަމުން ހުރިހާ ގޮތަކުން ބެލި ކަމުގައި ވިނަމަވެސް، ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން ރައީސް ޔާމިން އިއުލާން ކުރެއްވުމާ ހަމަކައިން، ވެރިކަމުގެ ދެވަނަ ދައުރަކަށް މުއިއްޒު ދެކެމުންދާ ހުވަފެން ބިލާހަކަށްވެ ނިމުނީކަމަށް ގަބޫކުރަން މިއަދު މިވަނީ މަޖުބޫރު ވެފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މަގާމު ނޮވެމްބަރު 2013 އިން ނޮވެމްބަރު 2018 އަށް ފުރުއްވި ޔާމީން ޕީއެންއެފްގެ ރައީސްގެ މަގާމަށް އިންތިހާބު ކުރީ ބުރާސްފަތި ދުވަހުގެ ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި އެ ޕާޓީގެ ފުރަތަމަ ގައުމީ ޖަލްސާގަ އެވެ. އެ ޖަލްސާގައި ދެއްކެވި ވާހަކައިގައި ޔާމީން ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

ސަރުކާރާއި ރައްޔިތުންގެ މަޖިލީހުން ދެމުންދާ ކަށަވަރު ބަހަކީ އެމަނިކުފާނުގެ ނަން ވޯޓު ކަރުދާހުގައި ނޯންނާނެ ކަމުގެ ޔަގީންކަން ކަމަށް ޔާމީން ވިދާޅުވި އެވެ.

“އެހެންވެއްޖިއްޔާ އެ ވޯޓު ކަރުދާސް ޗާޕުކުރާނީ ދިވެހިރާއްޖެއަކު ނޫން. ރައީސް ޔާމީންގެ ނަން އިރާދު ކުރެއްވިއްޔާ ވޯޓު ކަރުދާހުގައި އޮންނާނެ،” ތިންވަނަ ފަހަރަށް ރިޔާސީ ރޭހަކަށް ނުކުމެވަޑައިގަންނަވާކަން އިއުލާން ކުރައްވަމުން ޔާމީން ވިދާޅުވި އެވެ.

ކޯޓުގައި އޮތް މައްސަލަތަކަށް ނުފޫޒު ފޯރުވައި ސަރުކާރުން ޖަލަށް ލުމަށް މަސައްކަތް ކުރަމުންދިޔަ ނަމަވެސް އެކަން ކާމިޔާބު ނުވާނެ ކަމަށް ޔާމީން ވިދާޅުވި އެވެ.

“އިރާދުކުރެއްވިއްޔާ މާތް الله އެ ކަމެއް މި މީހުންނަށް މިންވަރެއް ނުކުރައްވާނެ. އަޅުގަނޑު ވަރަށް ޔަގީން އަޅުގަނޑުގެ ކޭސްއާ ދޭތެރޭ،” ޔާމީން ވިދާޅުވި އެވެ.

ކޮންމެ މީހަކު ވެސް ވެރިކަމަށް އަންނަނީ މީހެއްގެ ފޮޓޯ ދައްކައިގެން ކަމަށް ޕީއެންސީގެ އިސް މެންބަރަކު ވިދާޅުވި ވާހަކައަށް ވެސް ޔާމީން ރައްދު ދެއްވި އެވެ. ވަކި ބޭފުޅެއްގެ ފޮޓޯ ދައްކައިގެން ވެރިކަމަށް ވަޑައިނުގަންނަވާ ކަމަށް ޔާމީން ވިދާޅުވި އެވެ.

“އެއާ ހިލާފަށް މިހާރު މި ހުންނަ ރައީސް އަދި މިހާރު މި ހުންނެވި ނައިބު ރައީސް، އެ ދެ ބޭފުޅުންގެ ފޮޓޯއަށް ވުރެ ޕޯސްޓަރުގައި ބޮޑުވާނީ އަޅުގަނޑުގެ ފޮޓޯ. އެއީ ފޮޓޯ ދައްކައިގެން ވެރިކަމަށް އައުމަކީ،” ރައީސް މުހައްމަދު މުއިއްޒު އާއި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފަށް ޔާމީން ފާޑުވިދާޅުވި އެވެ.

ޔާމީންގެ ފުރަތަމަ ރިޔާސީ ރޭހުގައި 2013 ވަނަ އަހަރު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ޓިކެޓުގައި ވާދަކޮށް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ކެންޑިޑޭޓު މުހައްމަދު ނަޝީދު ބަލިކުރެއްވި އެވެ. ޔާމީން އިންތިހާބު ކާމިޔާބު ކުރެއްވީ 111,203 ވޯޓާއެކު 51.39 ޕަސެންޓުންނެވެ.

ރިޔާސީ ދެވަނަ ދައުރެއް ހޯއްދެވުމަށް 2018 ގައި ޔާމީން ނުކުމެވަޑައިގަތަސް އެ މަސައްކަތް ކާމިޔާބު ކުރެވިފައި ނުވެ އެވެ. ގުޅިފައިވާ ޕާޓީތަކުގެ ކޯލިޝަނުން ނެރުނު އެމްޑީޕީގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހުއާ ވާދަކޮށް 96،052 ވޯޓާއެކު ޔާމީނަށް ލިބިވަޑައިގަތީ 41.6 ޕަސެންޓު ވޯޓެވެ.

ދޭހާސް ތޭވީސް ވަނަ އަހަރު ޕީޕީއެމްގެ ރިޔާސީ ޓިކެޓު އަރުވާފައި އޮތީ ޔާމީން އަށެވެ. ނަމަވެސް ވ. އާރަށް ކުއްޔަށް ކުއްޔަށް ދޫކުރުމުގައި ހިޔާނާތް ހިންގައި މަނީލޯންޑަކޮށްފައިވާ ތުހުމަތުގައި ޔާމީން 11 އަހަރަށް ޖަލަށް ލުމަށް އަދި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ޑިސެމްބަރު 25، 2022، ގަ ކުރި ހުކުމް ދެމިއޮތުމުން 2023 ގެ އިންތިހާބުގައި ވާދައެއް ނުކުރެއްވުނެވެ. އެ މައްސަލައިން ޔާމީން މިނިވަން ވީ 2024 ގެ އޭޕްރީލް މަހު އެވެ. އެއީ ހައި ކޯޓުން މައްސަލަ އަލުން ބަލަން ހުކުމްކުރުމުންނެވެ. އެ ހުކުމުގައި ނިންމީ މި އާ ހެކިތައް ދަށު ކޯޓުން ބަލައިގަތީ ގޯސްކޮށް ކަމަށެވެ.

ހައި ކޯޓުގެ އެ ނިންމުން ސުޕްރީމް ކޯޓުގައި ވަނީ އިސްތިއުނާފުކޮށްފަ އެވެ.

އާރަށް މައްސަލައިގައި އިތުރުން ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި ހިޔާނާތް ހިންގި ކަމަށް ބުނެ، އެ މައްސަލާގައި ވެސް ޔާމީންގެ މައްޗަށް ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާ ކޮށްފައިވެ އެވެ. އެ މައްސަލަތަކުގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ވަނީ ފަށައިފަ އެވެ.

ޔާމީނުގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލާގައި އެންމެ ފުރަތަމަ ޖަލު ހުކުމެެއް އިއްވީ، ގއ. ވޮޑަމުލާ ކުއްޔަށް ދޫކުރުމުގައި ހިނގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލާގަ އެވެ. އެ މައްސަލައިގައި އިއްވި ފަސް އަހަރުގެ ހުކުމް ހައި ކޯޓުން ދެމެހެއްޓި އެވެ. އެކަމަކު ސުޕްރީމް ކޯޓުން ހުކުމްކުރީ ޔާމީނަށް ޖަމާވީ ދައުލަތުގެ ފައިސާ ކަން ޔަގީން ނުވާތީ، އެމަނިކުފާނުގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށެވެ.