ދިވެހިރާއްޖޭގެ ކަރަންޓުގެ ހިދުމަތް ދިނުމުގެ އެންމެ ބޮޑު ކުންފުނި ކަމަށްވާ ސްޓެލްކޯ (ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް) ގެ ސީނިއަރ މެނޭޖްމަންޓުގެ ގިނަ އަދަދެއްގެ ބޭފުޅުން މިވަގުތު ތިއްބެވީ ރަސްމީ ދަތުރެއްގައި ސިންގަޕޫރުގައެވެ. މި ދަތުރު މިގޮތަށް ބޮޑު ޗުއްޓީއަކާ ދިމާކޮށް ކުރިއަށް ގެންދެވުމަކީ އިއްތިފާގެއްތޯ ނުވަތަ ރޭވިގެން ކުރި ކަމެއްތޯއާ މެދު ސުވާލު އުފެދެއެވެ.
ސްޓެލްކޯގެ މާލީ ހާލަތު ދަށްވެ، ލޯކަލް ސަޕްލަޔަރުންނަށް އެތައް މިލިއަން ރުފިޔާއެއް ނުދައްކާ ލަސްވެފައިވާކަން އެނގިފައިވެއެވެ. މީގެ އިތުރުން، ކުންފުނިގެ މާލީ ހާލަތު ދަށްވުމުގެ ސަބަބުން މުވައްޒަފުންނަށް މަގާމުގެ ކުރިއެރުންތައް ނުދީ މަޑުޖައްސާލާފައިވާކަމަށް ވެސް މައުލޫމާތު ލިބެއެވެ. މިފަދަ ދަނޑިވަޅެއްގައި ސީނިއަރ މެނޭޖްމަންޓުގެ ބޭފުޅުން މިގޮތަށް ރަސްމީ ދަތުރުތަކުގައި ބައިވެރިވެ، ބޮޑެތި ހަރަދުތައް ކުރަމުންދިއުމަކީ ކުންފުނީގެ މުވައްޒަފުންނާއި އާންމުންގެ ފާޑުކިޔުން އަމާޒުވެފައިވާ ކަމެކެވެ.
ސިންގަޕޫރަށް ކުރަމުންދާ މި ދަތުރުތަކަކީ، ސްޓެލްކޯގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ (ޑީއެމްޑީ) މުޒްނާގެ ގާތް މީހުން ހިމެނޭ ގޮތަށް، އެމީހުން ހިތްހަމަޖައްސާލައި މަޖާކުރުމުގެ ދަތުރުތަކެއް ކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރެއެވެ. ކޮންމެ މީހަކަށް ޕޮކެޓް މަނީގެ ގޮތުގައި 4000 ޑޮލަރު ކުންފުނިން ދީފައިވާކަމަށް ވެސް މައުލޫމާތު ލިބެއެވެ. މިހާ ބޮޑު އަދަދެއްގެ ފައިސާ، ކުންފުނީގެ މާލީ ހާލަތު ގޯސްވެފައިވާ ދަނޑިވަޅެއްގައި ދަތުރުތަކަށް ހަރަދުކުރަމުން ދިއުމަކީ، ކުންފުނީގެ ހިންގުން ވަނީ އަމާޒު ގެއްލިފައިކަމުގެ އިޝާރާތެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ.
މީގެ ކުރުނިވެސް ކުންފުނީގެ އެޗް އާރް ހެޑް ފަރުހާދު އާނަގެ ދަރިފުޅު ފުޓްބޯޅަ މުބާރަތަކަށް މެލޭޝިޔާއަށް ދާތީވެ ކުންފުނީގެ ރަސްމީ ދަތުރެއްގެ ގޮތަށް ހަދައި ކުންފުނީގެ ފައިސާއިން 5000 ޑޮލަރު ނަގާފައިވެއެވެ. މިމީހުން ޗުއްޓީއަށް ދާންވީމަ ރަސްމީ ދަތުރު ރާވަލައިގެން ކުންފުނީގެ ފައިސާ ތާޅަ އިސް ރާފުކުރަނީެވެ.
މި ދަތުރުގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ (އެމްޑީ) ސަމާހު ވެސް ބައިވެރިވެވަޑައިގަންނަވާކަން ފާހަގަކޮށްލެވެއެވެ. އެމްޑީއަށް އައްޔަން ކުރެވުނުއިރު އޭނާގެ މައިގަނޑު ސިފައެއްގެ ގޮތުގައި އާދަޔާ ހިލާފަށް ސިގިރެޓް އަންދާ ބޭފުޅެއް ކަމަށް ފާހަގަކުރެވޭކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. ކުންފުނީގެ އެންމެ އިސްވެރިޔާގެ ގޮތުގައި ހުންނެވި ބޭފުޅެއްގެ ފަރާތުން މިފަދަ ދަތުރުތަކެއްގައި ބައިވެރިވެ، ކުންފުނީގެ މާލީ ބޮޑެތި ހަރަދުތަކަށް ހިތްވަރު ދިނުމަކީ، ކުންފުނީގެ ހިންގުން ހަރުދަނާކޮށް، ކޮރަޕްޝަން ހުއްޓުވުމަށް އެޅިފައިވާ ހުރަހެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ. މިފަދަ ކަންކަމަކީ ކުންފުނިތަކުގެ ތެރޭގައި ކޮރަޕްޝަން އިންތިހާއަށް އޮތްކަން ހާމަވާ ކަމެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.






