ރާއްޖެއިން ތުރުކީ ސިފައިން ބޭރު ކުރުމަށް ގޮވާލަމުން ދަނިކޮށް، ތުރުކީ އަކީ ރާއްޖޭގެ އެއްބަނޑު އެއްބަފާ ގައުމެއް ކަމަށް ގައްސާން ބުނެފި

ތުރުކީ ސިފައިން ރާއްޖޭގައި ޤާއިމުވެ ތިބުމާމެދު ރައްޔިތުން ކަންބޮޑުވުން ފާޅުކޮށް، އެ ޤައުމުގެ ސިފައިން ބޭރުކުރުމަށް ގޮވާލަމުންދާ ދަނޑިވަޅެއްގައި، ތުރުކީއަކީ ދިވެހިރާއްޖެއާ އެއްބަނޑު އެއްބަފާ ޤައުމެއްކަމަށް ބުނެ ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން ވާހަކަ ދައްކައިފިއެވެ. ތުރުކީ ސިފައިން ރާއްޖެއިން ބޭރު ކުރާ ވާހަކަ ދެއްކުމުން ރައީސް އޮފީހުގައި މަހު މުސާރައަށް މަސައްކަތް ކުރަމުންދާ ޕީއެންސީ އެކްޓިވިސްޓުން ވެސް ގޮވަނީ ހަމަ މިހެންނެވެ. ތުރުކީ އަކީ މުސްލިމް ގައުމެއް ކަމަށާއި، ތުރުކީ ސިފައިން ތިބުން ރަނގަޅު ކަމަށެވެ.

ނަމަވެސް ކޮންމެ ޤައުމެއްގެ ސިފައިން ރާއްޖޭގައި ތިއްބަސް ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލަށް އެއިން އަސަރު ކުރަނީ އެއްވަރަކަށެވެ.

ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުން، ގައްސާން މިފަދައިން ވިދާޅުވެފައިވަނީ، މި އަހަރުގެ ކުރީކޮޅު ތުރުކީން ރާއްޖެއަށް ހަދިޔާކުރި އަސްކަރީ މަނަވަރު ބޭނުންކުރާތަން ފުރަތަމަ ފަހަރަށް ހަވީރު ދައްކާލާނެކަން އިޢުލާނުކުރައްވަމުންނެވެ.

“މިއަދު ހަވީރު އެމްއެންޑީއެފް އިން ދައްކާލާ ހަރަކާތުގެ ތެރޭގައި ދިވެހި ތާރީޚުގައި ރާއްޖެއަށް ލިބިފައިވާ އެންމެ ބޮޑު އަސްކަރީ މަނަވަރު، އެއްބަނޑު އެއްބަފާ ތުރުކީ ވިލާތުން… އެ ޤައުމުގެ ރައީސްއާއި ރައީސުލްޖުމްހޫރިއްޔާއާ އޮތް ގާތް ގުޅުމުގެ ތެރެއިން ހިލޭ އެހީއެއްގެ ގޮތުގައި ހޯއްދަވާފައި އޮތް މަނަވަރާއި އަދި އެހެން އުޅަނދުތައްވެސް ފެނިގެންދާނެ،” ގައްސާން ވިދާޅުވިއެވެ.

ތުރުކީގެ އަސްކަރީ އެހީތައް

މި އަހަރުގެ ކުރީކޮޅު ތުރުކީއިން ހަދިޔާކުރި ޓީސީޖީ ވޮލްކަން (ޕީ-343) އަކީ މިސައިލް ފޮނުވުމުގެ ޤާބިލުކަން ހުރި މަނަވަރެކެވެ. މިއީ 1984 ވަނަ އަހަރުން ފެށިގެން ތުރުކީ ޢަސްކަރިއްޔާއިން ބޭނުންކުރަމުން އައިސްފައިވާ ބާދަގަނޑަށް ވެފައިވާ އުޅެެނދެކެވެ. މި އެޅެނދު ބޭއްވުމުގެ ނަމުގައި ތުރުކީ ސިފައިން ރާއްޖޭގައި ދަނީ ހަރަކާތްތެރިވަމުންނެވެ.

މީގެއިތުރުން، ތުރުކީގެ ބައިކާރު ކުންފުންޏާއެކު 37 މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގެ ދަށުން ރާއްޖެއަށް ފުރަތަމަ ފަހަރަށް ޢަސްކަރީ ޑްރޯންތަކެއް ގެނެސްފައިވަނީ މިދިޔަ އަހަރުގެ ކުރީކޮޅުއެވެ. މިދިޔަ މަހު އެމްއެންޑީއެފްގެ ބޭނުމަށް އިތުރު ތިން ޑްރޯންވެސް ވަނީ އެ ކުންފުނިން ގެނެސްފައެވެ. ގެނެވުނު ޑްރޯންތަކަކީ ބައިރަކްތާރު ޓީބީ-2 މާކާގެ ޑްރޯންތަކެކެވެ. މިއިން ކޮންމެ ޑްރޯން އަކުން މުއިއްޒު ދަނީ އެތައް ޑޮލަރެއްގެ ކަޓު ނަގަމުންނެވެ. އަޝްކަރީ ހޭދައިގެ ބޮޑު ބަޔަކީ ދިމްޔާތަށް ވަންނަ ކޮރަޕްޓް ފައިސާއެވެ.

އައްޑޫގައި ތުރުކީ މިލިޓަރީ ބޭސް ޤާއިމުކުރުން

ރައީސް މުޙައްމަދު މުޢިއްޒު ވަނީ އައްޑޫ ގަމުގައި ތުރުކީއިން 90 މިލިއަން ދީ ގެނެސްފައިވާ ޑްރޯންތައް އުދުއްސުމަށް މިލިޓަރީ ބޭސްއެއް ޤާއިމުކުރުމުގެ މަސައްކަތް ފައްޓަވާފައެވެ. މި ތަކެތި އޮޕަރޭޓްކުރުމަށް ތުރުކީގެ ސިފައިން ގަމުގައި ތިބޭ ގޮތަށް ވަނީ ހަމަޖެހިފައެވެ. މިހާރުވެސް ރާއްޖޭގައި ތުރުކީގެ 10 ސިފައިން ދާއިމީކޮށް ޤާއިމުވެތިބިކަން ފާހަގަކުރެވެއެވެ.

އައްޑޫއަށް ޑްރޯންތަކަކާއި އެކު މިސައިލްތަކެއް ވެސް ތުރުކީއިން ވަނީ ގެނެސްފައެވެ.