ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި، ސިގިރެޓްގެ ވަގު ވިޔަފާރީގައި ފުލުހުންގެ ވެރިން ދަނީ އިސް ދައުރެއް އަދާ ކުރަމުން

ވިލިމާލެ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ބަހައްޓާފައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ކާޓުންތައް ވަގަށް ނަގައިފި އެވެ.

ފުލުހުންގެ މީޑިއާ އިން ބުނެފައިވަނި ވަނީ، މި ފަދަ ކަމެއް ހިނގައިގެން އުޅޭކަން ކަށަވަރު ކޮށްދީފަ އެވެ. ނަމަވެސް މި މައްސަލައާ ގުޅޭ ބައެއް ކަންކަން އަދި އިތުރަށް ކަށަވަރުކުރަން ފުލުހުންނަށް ވަގުތު ބޭނުންވާތީ، އިތުރު ތަފްސީލުތައް ފަހުގެ ވަގުތެއްގައި ހާމަ ކުރާނެ ކަމަށް ފުލުހުންގެ މީޑިއާގެ ފަރާތުން ބުނެފައިވެ އެވެ.

އެނގިފައިވާ ގޮތުގައި، ވަގަށް ނަގާފައިވަނީ މެންޗެސްޓާ ބްރޭންޑުގެ 31 ކާޓުން ސިނގިރޭޓެވެ. މި ސިނގިރޭޓުތަކަކީ ފުލުހުން ތިލަފުށިން ހޯދާފައިވާ ސިނގިރޭޓުތަކެއް ކަމަށް މައުލޫމާތު ލިބިފައިވެ އެވެ. މި ސިނގިރޭޓު ތައް ވިލިމާލެ ޕޮލިސް ސްޓޭޝަން ގައި ބަހައްޓާފައި ހުރީ ފޮށިގަނޑެއްގެ ތެރޭގަ އެވެ.

މި ސިނގިރޭޓުތައް ގެއްލުނުކަން އެނގުނީ އެ ފޮށިގަނޑު ހުޅުވާފައި ހުރުމުން، ފުލުހުން އެ ފޮށިގަނޑު ބަލާ ފާސްކުރުމުންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުން، މި ފޮށިގަނޑު ބަހައްޓާފައި ހުރި ވިލިމާލެ ޕޮލިސްގެ ދެވަނަ ފަންގިފިލާ އަކީ ސީސީޓީވީ ކެމެރާ ވެސް ހަރުކުރެވިފައިވާ ތަނެއް ނޫނެވެ.

މިކަމާއި ގުޅިގެން އެއްވެސް މީހަކު ހައްޔަރު ކުރިކަމުގެ މައުލޫމާތެއް އަދި ލިބިފައެއް ނުވެ އެވެ. ފުލުހުން މި މައްސަލަ ބަލަމުން އަންނަ ކަމަށާއި، މި މައްސަލައާ ގުޅޭ އިތުރު ތަފްސީލުތައް ފަހުން ހާމަކުރާނެ ކަމަށް ފުލުހުންގެ މީޑިއާ އިން ބުނެފައިވެ އެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ގިނަ ސިނގިރޭޓުތަކެއް އަނެއްކާވެސް ގެއްލިފައި ވާއިރު، މީގެ ކުރިން އެމްޕީއެލްގެ ބެލުމުގެ ދަށުގައި ހުއްޓާ ވަގަށް ނެގި 13 މިލިއަން ސިނގިރޭޓުން އެންމެ ސިނގިރޭޓެއް ވެސް ފުލުހުންނަށް ހޯދިފައެއް ނުވެ އެވެ. ގަވައިދާ ހިލާފަށް އެތެރެކޮށްފައި ހުންނަ ސިނގިރޭޓު މިގޮތަށް ދައުލަތުގެ ބެލުމުގެ ދަށުގައި ހުއްޓާ ވަގަށް ނެގުން އާންމު ވުމުން މިކަމުގައި ދައުލަތުގެ އިސް ފަރާތްތަކުގެ ބޮޑު ހިއްސާއެއް ވާކަމަށް ގިނަ ބަޔަކު ފާހަގަކުރެ އެވެ.

ރައީސް މުއިއްޒު ސިނގިރޭޓުގެ އަގު ބޮޑު ކުރީ އެއްވެސް ކަހަލަ އިހްލާސްތެރި ނިޔަތެއް އޮވެގެނެއް ނޫން ކަމަށާއި، އެކަން ކުރީ ސިނގިރޭޓުގެ ވަގު ވިޔަފާރި ކުރުމުގެ ފުރުސަތުތައް އެމަނިކުފާނުގެ އަރިސް ބޭފުޅުންނަށް ފަހި ކޮށްދިނުމުގެ ބޭނުމުގައި ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރެ އެވެ.

އެނގިފައިވާ ގޮތުގައި ރާއްޖޭގައި މިހާރު ފުޅާ ދާއިރާއެއްގައި ކުރަމުންދާ ސިނގިރޭޓްގެ ވަގު ވިޔަފާރީގައި ފުލުހުންގެ އިސްވެރިން ދަނީ ބޮޑު ދައުރެއް އަދާ ކުރަމުންނެވެ. އެގޮތުން ފުލުހުންގެ ބެލުމުގެ ދަށުގައި ހުން ފިފަދަ ތަކެތި ގެއްލުމުގައި ފުލުހުންގެ އެންމެ މަތިން އެކަންކަމަަށް މަގުފަހު ކޮށްދޭކަމަށް އަބަދުވެސް ތުހުމަތު ކުރެވެއެވެ.