ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ގެއްލުނު ސިނގިރެޓްގެ މައްސަލަ ބަލާނެކަމަށް ބުނެ ހަދަނީ ދޮގު، ސިގިރެޓްގެ ވަގު ވިޔަފާރީގައި ފަހަތުގައި ތިބީ ފުލުހުންގެ އިސް ވެރިން

ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި، 31 ކާޓަން ސިނގިރޭޓު ގެއްލިފައިވާއިރު، ރައްޔިތުން އެ މުއައްސަސާއަށް ކުރާ އިތުބާރު ގެއްލުވާލަން އެއްވެސް ފުލަހަކަށް ފުރުސަތެއް ނުދޭނެ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ފުލުހުން މިއަދު ވަނީ، އެ މުއައްސަސާގެ ބެލުމުގެ ދަށުގައި ހުރި 31 ކާޓަން ސިނގިރޭޓު ގެއްލުނު މައްސަލަތަކެއް ބަލަމުން އަންނަ ކަމަށް ބުނެފައެވެ.

އޭގެ ތެރޭގައި ހިމެނެނީ، ގަވައިދާ ޚިލާފަށް އެތެރެކުރި ކަމަށް ތުހުމަތުކުރެވިގެން ވިލިމާލެ ޕޮލިސް ސްޓޭޝަންފެ ބެލުމުގެ ދަށުގައި ހުރި 32 ކާޓަންގެ ތެރެއިން ހަ ކާޓަން ސިނގިރޭޓު ވަނީ ގެއްލިފައެވެ.

އެ ތަކެތި ގެއްލިފައިވާކަން ފުލުހުންނަށް އެނގުނީ، މިދިޔަ ހަފުތާގެ ބުދަ ދުވަހެވެ.

މީގެ އިތުރުން، މިދިޔަ އަހަރުގެ ޑިސެމްބަރު 23ގައި ދެ ބިދޭސީއެއްގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި، 25 ކާޓަން ސިނގިރޭޓު މަދުވެފައިވާކަން ފާހަގަވެފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ. އެ ކާޓަންތައް ވެސް ހުރީ ވިލިމާލެ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައެވެ.

އެ މައްސަލަތަކާ ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ވަނީ، ދެ މައްސަލައިގެ ފުރިހަމަ ތަހުގީގެއް ހިންގަމުން އަންނަ ކަމަށެވެ.

އެގޮތުން، އެ މުއައްސަސާގެ އަޚުލާގީ މިންގަނޑުތަކާއި އަސާސީ އުސޫލުތަކާ ޚިލާފު އެފަދަ ކޮންމެ ކަމަކީ ތަހުގީގު ކުރުމަށް ފަހުގައި، ގާނޫނީ ފިޔަވަޅު އަޅާނެ ކަންކަން ކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ.

ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނަ ތަކެތި ގެއްލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމެއް ކަށް ބުނެ، އެ ބަޔާނުގައި ވަނީ، އެ ކަމަކީ ފުލުހުންގެ ފަރާތުން ފެންނަން ޖެހޭ އަޚުލާގާއި މަސައްކަތުގެ ރޫހާ ޚިލާފު ކަންކަމުގެ ގޮތުގައި ސިފަކޮށްފައެވެ.

ވީމާ މި ކަމުގައި ބައިވެރިވާ ފަރާތް ނުވަތަ ފަރާތްތައް ދެނެގަނެ، އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ކުރަން ޖެހޭ އެންމެހާ ކަންކަން މި ޚިދުމަތުން ކުރާނަން. މި މުއައްސަސާގެ ހުރުމަތް ކުޑަކޮށް، އާންމު ރައްޔިތުން ފުލުހުންނަށް ކުރާ އިތުބާރު ގެއްލުވާލަން އެއްވެސް މުވައްޒަފަކަށް ފުލުހުންގެ ޚިދުމަތުން ފުރުސަތެއް ނުދޭނަން

ފުލުހުންގެ ބަޔާން

އޭގެއިތުރަށް، އެ މުއައްސަސާގެ ޚިދުމަތްތައް ބައްޓަން ކުރަމުން ދަނީ، ހުރިހާ ފުލުހުންނަކީ ނަޒާހަތްތެރިކަން ހިފަހައްޓައި، ސާބިތުކަމާ އެކީ ދެމިތިބެ އިޚުލާސްތެރި ޚިދުމަތްތަކެއް ރައްޔިތުންނަށް ފޯރުކޮށްދޭ ބަޔަކަށް ހެދުމުގެ އަމާޒުގައިކަން ބަޔާނުގައި ފާހަގަކުރިއެވެ.

ފުލުހުން އެ ފަދައިން ބުނިއިރު، ސިނގިރޭޓު ވަގަށް އެތެރެކުރުމާއި، ވަގަށް ނެގުމުގެ ބޮޑެތި މައްސަލަތަކެއް ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ވަނީ ފެންމަތިވެފައެވެ.

އޭގެ ތެރޭގައި، ކަސްޓަމްސްއިން ހިފެހެއްޓުމަށް ފަހު އެމްޕީއެލްގެ ބެލުމުގައި ދަށުގައި ބަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގެ ސިނގިރޭޓު ވަގަށް ނެގި މައްސަލައެއް ހިމެނެއެވެ. އެ މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރޭގައި އެ ދެ މުއައްސަސާގައި މަސައްކަތް ކުރާ މީހުން ހިމެނެއެވެ.

އޭގެ އިތުރުން، ސެޕްޓެމްބަރު 15، 2019ގައި މައްސަލައަކާ ގުޅިގެން ފުލުހުން ހިފެހެއްޓި 30،000 ޑޮލަރު ގެއްލުނު މައްސަލައެއްވެސް އެ މުއައްސަސާއިން ތަހުގީގު ކުރަމުންދެއެވެ. އެ ފައިސާ ގެއްލުނުކަން ފުލުހުން ހާމަކުރީ މިދިޔަ އޮގަސްޓު މަހުގެ 14ވަނަ ދުވަހެވެ. ނަމަވެސް، އެ ފައިސާތަކަށް ވީ ގޮތް މިހާތަނަށް ވެސް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ރައީސް މުއިއްޒު ސިނގިރޭޓުގެ އަގު ބޮޑު ކުރީ އެއްވެސް ކަހަލަ އިހްލާސްތެރި ނިޔަތެއް އޮވެގެނެއް ނޫން ކަމަށާއި، އެކަން ކުރީ ސިނގިރޭޓުގެ ވަގު ވިޔަފާރި ކުރުމުގެ ފުރުސަތުތައް އެމަނިކުފާނުގެ އަރިސް ބޭފުޅުންނަށް ފަހި ކޮށްދިނުމުގެ ބޭނުމުގައި ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރެ އެވެ.

އެނގިފައިވާ ގޮތުގައި ރާއްޖޭގައި މިހާރު ފުޅާ ދާއިރާއެއްގައި ކުރަމުންދާ ސިނގިރޭޓްގެ ވަގު ވިޔަފާރީގައި ފުލުހުންގެ އިސްވެރިން ދަނީ ބޮޑު ދައުރެއް އަދާ ކުރަމުންނެވެ. އެގޮތުން ފުލުހުންގެ ބެލުމުގެ ދަށުގައި ހުން ފިފަދަ ތަކެތި ގެއްލުމުގައި ފުލުހުންގެ އެންމެ މަތިން އެކަންކަމަަށް މަގުފަހު ކޮށްދޭކަމަށް އަބަދުވެސް ތުހުމަތު ކުރެވެއެވެ. މީގެ ކުރިން ދަ ހޯކްސްއިން ވަގަށް ރާއްޖެ އެތެރެކުރި ސިގިރެޓް އެތެރެކުރުމުގައި މިހާރުގެ ޕޮލިސް ކޮމިޝަނަރ ނަވީންގެ ދައުރު އޮތްކަމަށް އެމައްސަލައާއި ގުޅުންހުރި ފަރާތްތަކުން ބުނެފައި ވެއެވެ.