ދިވެހި އަސްކަރިއްޔާގެ ގާބިލުކަން އިތުރުކުރުމުގެ ނަމުގައި ތުރުކީ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި “ދަރުމަވަންތަ” މަނަވަރުގެ ހަގީގީ ހާލަތު ސަރުކާރުން ރައްޔިތުންނަށް ދައްކާ މަންޒަރާއި މުޅިން ތަފާތުކަމަށް ދިޔަވަރު ނޫހަށް މައުލޫމާތު ލިބިއްޖެއެވެ. މި ނޫހަށް އެނގިފައިވާ ގޮތުގައި، އިންޑިއާ ކަނޑުގެ ރައްކާތެރިކަން ދެމެހެއްޓުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސަރުކާރުން ސިފަކުރި މި މަނަވަރު އޮތީ ވަރަށް ބާވެ، ބޮޑެތި މަރާމާތުތަކެއް ކުރަންޖެހިފައެވެ. މިދިޔަ ޖުމްހޫރީ ދުވަހުގައި މަނަވަރު ދައްކާލުން ފިޔަވައި، އެއްވެސް އޮޕަރޭޝަނެއްގައި ނުވަތަ ދަތުރެއްގައި މި މަނަވަރު ބޭނުންކޮށްފައި ނުވާކަން މައުލޫމާތު ލިބޭ ގޮތުގައި ކަށަވަރުވެއެވެ.
މައުލޫމާތު ލިބޭ ގޮތުގައި، އުޅަނދު ބޭނުން ނުކުރެވޭ މައިގަނޑު ސަބަބަކީ މުހިންމު އާލާތްތައް ހަލާކުވެފައި ހުރުމެވެ. އޭގެތެރޭގައި އެއް އިންޖީނާއި ޖަނަރޭޓަރުތަކާއި ބަންކަރިން ޓޭންކުތައް ހިމެނެއެވެ. “މިފަދަ މައްސަލަތައް ހުރެގެން ގެނައި ގޮތަށް ހުޅުމާލޭގައި އަޅާފައި އެ އޮންނަނީ. އަދި ހަމައެކަނި ކުރަންޖެހިފައިވާ މަސައްކަތަކީ އުޅަނދު މަރާމާތުކުރުން” މިކަމާ ގުޅޭގޮތުން މައުލޫމާތު ދިން ފަރާތަކުން ބުނެފައިވެއެވެ. މި މަރާމާތުތަކަށް ބޮޑު ހަރަދެއް ހިނގާނެ ކަމަށް ވެސް ބުނެއެވެ.
މި އުޅަނދު އޮޕަރޭޓް ކޮށް މަރާމާތް ކުރުމަކީ ރާއްޖޭގެ ތިބި ސިފައިންގެ އެއްވެސް ފަރާތްކަަށް އެނގޭ ކަމެއް ނޫނެވެ. އެހެން ކަމުން އެކަން ކުރުމުގެ ނަމުގައި ތުރުކީގެ ސިފައިން ރާއްޖޭގައި ވަނީ ގާއިމު ވެފައެވެ.
މި މަނަވަރަކީ 1981 ވަނަ އަހަރުގެ މެއި މަހު ތުރުކީގެ އަސްކަރިއްޔާގައި ބޭނުންކުރަން ފެށި، އުމުރުން 44 އަހަރު ވެފައިވާ އުޅަނދެކެވެ. “ޓީސީޖީ ވޮލްކަން” (ޑޯގަން ކްލާސް) ގެ ނަމުން ނަން ދީފައިވާ މި މަނަވަރު ރާއްޖެއަށް ހަދިޔާކުރުމުގެ ކުރިން، މި އަހަރުގެ މާޗު މަހުގެ ތެރޭގައި ތުރުކީން ވަނީ އެ އުޅަނދު ރީ-ކްލެސިފައިކޮށް، ހަމައެކަނި ތަމްރީނުތަކަށް ބޭނުންކުރާ އުޅަނދެއްގެ ގޮތުގައި ހަމަޖައްސާފައެވެ. މަނަވަރު ހިލޭ ލިބުނު ނަމަވެސް، މިސައިލްތަކެއް ތުރުކީ ސަރުކާރުން ފޯރުކޮށްދީފައެއް ނުވެއެވެ.






