ތުރުކީއިން ކާބޯތަކެތި ގެނައުމަށް ނިންމުމަށްފަހު، އިންޑިޔާއަށް ރައީސް މުއިއްޒު ފާޑު ވިދާޅުވެ، ތުރުކީއިން ހަނޑުލާއި، ފުށާއި، ހުރިހާ އެއްޗެއް ލިބޭނެ ކަމަށް ވިދާޅުވިއެވެ. ނަމަވެސް ތުރުކީއިން ރާއްޖެއަށް މުއިއްޒުގެ ވެރިކަމުގައި ކުރިން ނާންނަ އެއްވެސް ޝިޕްމެންޓެއް ނާދެއެވެ. އެސްޓީއޯއަށް އަބަދުވެސް ފުށް ގެންނަނީ އިންޑިޔާ ކުންފުންޏެއް މެދުވެރިކޮށް ތުރުކީއިންނެވެ. އެކަން މިހާރުވެސް ހިނގަމުން ދަނީ އެގޮތަށެވެ.
އަގުހެޔޮކޮށް އުތުރުގެ ރައްޔިތުންނަށް މުދާ ލިބޭނެ ގޮތް ހޯދައިދިނުމުގެ ގޮތުން މޯލްޑިވްސް ޕޯޓް ލިމިޑެޓާއި ކުޅުދުއްފުށީ ޕޯޓް ގުޅިގެން އިންޑިޔާ އިން މި ސަރުކާރުން ގެނައި ފުރަތަމަ ބޯޓް މިއަދު ކުޅުދުއްފުށީގައި ބަނދަރުކޮށްފި އެވެ. މިއީ އެމްޑީޕީގެ ސަރުކާރުން ފެށުމުން އެކަމަށް ޕީޕީއެމް އިން އޭރު ފާޑު ވިދާޅުވި ކަމެކެވެ.
އިންޑިޔާގެ ޓުޓިކޮރިން އިން ކުޅުދުއްފުއްޓަށް އައި ފުރަތަމަ ބޯޓް 127 ޓަނުގެ މުދަލާއެކު ކުޅުދުއްފުށީ ޕޯޓްގައި ބަނދަރުކުރީ 21 ނޮވެމްބަރ 2025 ގައި ގަޑިން 3 ޖެހިއިރު އެވެ.
ކޭޕީއެލްގެ ސީއޯއޯ އާދަމް މުހައްމަދު ވިދާޅުވީ، މިއީ 278 ޓަނުގެ މުދާ އުފުލޭ ކެޕޭސިޓީގެ ބޯޓެއް ކަމަށާއި މިވަގުތަށް ބޯޓްގެ ދަތުރުތައް ޝެޑިއުލްކޮށްފައިވަނީ މަހަކު އެއް ދަތުރުކުރާ ގޮތަށް ކަމަށެވެ.
އެހެންނަމަވެސް މުދާ ލިބެމުންދާ ނިސްބަތަށް ބަލައި ދަތުރު އިތުރުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. މި ބޯޓުގައި ގެނައީ ކޮންސްޓްރަކްޝަން ދާއިރާގެ މުދަލާއި ޕެރިޝަބަލް މުދަލެވެ. އޭގެ ތެރޭގައި ސިމެންތި، ދަގަނޑު ހޮޅި، އަލުވި، ބިސް ފަދަ ތަކެތި ހިމެނެ އެވެ.
ވީބީ ޕްރޮގްރެސް ނަމަކަށް ކިޔާ ބޯޓްގައި މުދާ ގެނައީ އެސްޓީއޯ އާއި އެތުމާ ކުންފުނީގެ މުދާކަމަށް އާދަމް ވިދާޅުވި އެވެ.
ރައީސް މުއިއްޒުގެ ސިޔާސަތުގެ ތެރެއިން ފެށި މި ދަތުރުގައި ދާއިމީކޮށް މުދާ ގެނައުމުގައި ވިޔަފާރިވެރިންގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާނެކަން ކޭޕީއެލުން (ކުޅުދުއްފުށީ ޕޯޓްސް ލިމިޓެޑް) އިން ފާހަގަކުރެ އެވެ.






