ޑީޕީ ވޯލްޑަށް މާލޭ ބަނދަރު ވިއްކާލަން ނިންމައި، ރިޝްވަތު ބަލައި މުއިއްޒު ސިންގަޕޫރުގައި

ޑުބާއީ ޕޯޓްސް ވޯލްޑް (ޑިޕީ ވޯލްޑް) އަށް މާލޭގެ ބަނދަރު ވިއްކާލަން ނިންމައި، އެއިން ލިބޭ ރިޝްވަތުގެ ފައިސާ ބަލައި މުއިއްޒު ސިންގަޕޫރުގައި ހުންނެވި ކަމުގެ މައުލޫމާތު ދިޔަވަރު ނޫހަށް ލިބިއްޖެއެވެ.

ޑުބާއީ ވޯލްޑް އަކީ ރާއްޖޭގެ މައި ބަނދަރު މީގެ ކުރިންވެސް ބޭނުންވެގެން، އެ ބަނދަރު ހޯދުމުގެ މަސައްކަތް ކޮށްފައިވާ ކުންފުންޏެކެވެ. ރައީސް ޔާމީން އަދި ރައީސް ސޯލިހު ވެސް ވަނީ ބޭރުގެ ބަޔަކަށް ރާއްޖޭގެ މައި ބަދަރު ވިއްކާލުމަކީ ގޯހެއް ކަމަށް ބުނެ އެކަން ނުކުރުމަށް ނިންމާފައެވެ.

ޑީލް ނިންމައި ސިންގަޕޫރުގައި މުއިއްޒު އާއި ބައްދަލު ކުރުމަށް ޒަމީރު ނިންމާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. ރިޝްވަތުގެ ގޮތުގައި ނަގާ ޑޮލަރު ޖަމާ ކުރަނީ މުއިއްޒުގެ ސިންގަޕޫރުގެ އެކައުންޓަކަށެވެ.

ޑުބާއީ ވޯލްޑާއި އެކު މުއިއްޒުގެ ސަރުކާރުން ހަދާ އެއްބަސްވުމުގައި ވާ ގޮތުން މައި ބަނދަރު ޑުބާއީ ވޯލްޑަށް ވިއްކާލުމަށް ފަހު، އެއްވެސް އިތުރު ބަނދަރެއް ރާއްޖޭގައި ހިންގުމުގެ ހުއްދައެއް ދައުލަތަށް އަދި އެހެން ބަޔަކަށް ވެސް ދެން ނުލިބޭނެއެވެ. އެއްބަސް ވުމުގައި ވާގޮތުން އެ ސޮވެރިންގ ރައިޓް ގެއްލޭނެއެވެ. މިއާއި އެކު އުތުރުގައި ބަންކަރިން ޚިދުމަތާއި އެކު ހެދުމަށް ނިންމާފައިވާ ޕޯޓުވެސް ހުއްޓޭނެއެވެ.

މިކަމުގެ ސަބަބުން ދިވެހިރާއްޖެއަށް ލިބޭނެ ގެއްލުން އެތައް ސަތޭކަ ބިލިއަން ޑޮލަރަށް އަރާނެކަމަށް އިޤްތިޞާދީ މާހިރުން ލަފާދެއެވެ.

ދުނިޔޭގެ އެއްވެސް ޤައުމެއްގައި އެބައެއްގެ މައި ބަނދަރު ބަޔަކަށް ދޫކޮށް ނުލެއެވެ. އިންޑިޔާގެ ކޮޗިންގ ޕޯޓް އޮޕަރޭޓް ކުރަނީ ވެސް ޑީޕީ ވޯލްޑުންނެވެ. ނަމަވެސް އިންޑިޔާއަކުންވެސް އެމީހުންގެ މައި ޤައުމީ ބަނދަރު ޑީޕީ ވޯލްޑް އަކަށް ނުދެއެވެ.

މާލޭ ބަނދަރު ވިއްކާލުމާއި، އެއަރޕޯޓް ވިއްކާލުމާއި އެއްވެސް ތަފާތެއް ނެތެވެ. ދެތަނަކީވެސް ރާއްޖޭގެ މައި ދޮރާއްޓެވެ.