ކައުންސިލް އިންތިޚާބު ނިމުމާއެކު އަބުދުއްރަހީމް މަޖިލިސް ރައީސްކަމުން ދުރުކޮށް، ފަލާހު މަޖިލިސް ރައީސްކަމަށް އައްޔަން ކުރަން ނިންމާފައިވާކަމަށް “ދިޔަވަރު އޮންލައިން”އަށް މައުލުމާތު ލިބިއްޖެއެވެ. “ދިޔަވަރު އޮންލައިން”އާއި މައުލޫމާތު ހިއްސާކުރި ޕީއެންސީގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި ކައުންސިލް އިންތިޚާބު ނިމުމާއެކު މަޖިލިސް ރައީސްކަމުން އިސްތިއުފާ ދެއްވުމަށް އަބުދުއްރަހީމަށް މުއިއްޒު އަންގަވާނެއެވެ. އަދި މަޖިލިސް ރައީސްކަމުން އަބުދުއްރަހީމް އިސްތިއުފާ ނުދެއްވައިފިނަމަ، އިތުބާރު ނެތްކަމުގެ ވޯޓެއްނަގާ އަބުދުއްރަހީމް މަޖިލިސް ރައީސްކަމުން ދުރުކުރުމަށްވެސް ވަނީ ނިންމާފައެވެ.
ހަމަ އެއާއެކު، އަންނަ އެޕްރިލްމަހު ބޭއްވުމަށް ހަމަޖައްސާފައިވާ ކައުންސިލް އިންތިޚާބުގެ އެއްވެސް ކަމަކާވެސް އަބުދުއްރަހީމްއާ ނުބެއްސުމަށްވެސް މުއިއްޒު ވަނީ އަންގަވާފައެވެ. ޕީއެންސީގެ ކައުންސިލް އިންތިޚާބުގެ މެނޭޖަރަކަށް އައްޔަން ކޮށްފައިވަނީވެސް އިނގުރައިދޫ ދާއިރާގެ މެމްބަރު އިބުރާހިމް ފަލާހުއެވެ.
އަބުދުއްރަހީމްއަކި މިސަރުކާރު ވެރިކަމަށް ގެނައުމަށް އެންމެ ބޮޑަށް މަސައްކަތް ކުރެއްވި އެއް ފަރާތެވެ. އެހެންނަމަވެސް ވެރިކަމަށް ވަޑައިގެންނެވުމާއެކު މުއިއްޒުވަނީ އަބުދުއްރަހީމް ބާކީކޮށް، އޭނާގެ ދަރިފުޅު ފައިސަލް ކެބިނެޓުންވެސް ވަކިކޮށްފައެވެ. އެހެންނަމަވެސް ފަލާހުއަކީ ގާސިމް އިބުރާހިމް ގާތުގަ މަސައްކަތް ކުރައްވަމުން އައި ފަރާތެކެވެ. އޭނާ ޕީޕީއެމްއާއި ގުޅުނީ ފާއިތުވި ރައްޔިތުންގެ މަޖިލިހުގެ ޓިކެޓްގެ ބޭނުމުގައިކަން ފާހަގަ ކޮށްލެވެއެވެ.






