އެމެރިކާ އަކީ ދުނިޔޭގައި މިހާރު ހިނގަމުން އަންނަ ކެޕިޓަލިޒަމް ނުވަތަ ވިޔަފާރީގެ ނިޒާމް ބިނާކުރި ގައުމެވެ. ދެވަނަ ބޮޑު ހަނގުރާމައަށް ފަހު، އެމެރިކާ ގައުމުތަކާ ދެމެދު ވިޔަފާރި ހަލުވި ކުރުމަށާއި ވިޔަފާރީގައި ބޭރު ގައުމުތަކަށް އެޅޭ ހުރަސްތައް ކުޑަކުރުމަށް މަސައްކަތް ކުރިއެވެ. މިއީ ފްރީ ޓްރޭޑް ނުވަތަ މިނިވަން ވިޔަފާރި ސިޔާސަތެވެ. މި ނިޒާމުގައި ކޮންމެ ގައުމަކަށް އެހެން ގައުމުތަކުން ބާވަތްތައް ގަނެ އަދި އެ ގައުމުން އުފައްދާ ބާވަތްތައް ވިއްކަން މިނިވަންކަމާއި އެކު ދޫކޮށްލެވިފައި ހުންނާނެއެވެ. އެމެރިކާ އާއި ޔޫރަޕުގެ ގައުމުތައް މި ނިޒާމު ތަރައްގީ ކުރީ އެމީހުންގެ ވިޔަފާރީގެ ފައިދާ އިތުރުވާނެތީއެވެ. ނަމަވެސް މިހާރު އެމެރިކާގެ ރައީސް ޓްރަމްޕް ގެނައުމަށް ބޭނުންވާ ޓެރިފް ސިޔާސަތަކީ މި ނިޒާމާ ހިލާފު ކަމެކެވެ.
ޓެރިފް މާނަކުރަނީ ބޭރުން އައިސްފައި ހުންނަ ބާވަތްތަކަށް ދައްކަންޖެހޭ ޓެކްސްއަށެވެ. މިސާލަކަށް އެމެރިކާއަށް ކެނެޑާއިން ތެލުގެ ބާވަތްތައް ގެނެސްގެން ވިއްކާނަމަ، އެމެރިކާގެ ސަރުކާރަށް އިތުރު ފައިސާ ދައްކަންޖެހޭނެއެވެ. މި ފައިސާ ދައްކަން ޖެހެނީ އެމެރިކާގެ ވިޔަފާރިވެރިން އެ ޤައުމުގެ ސަރުކާރަށެވެ. މި ފައިސާ ދެއްކުމުގެ ސަބަބުން ބާވަތްތަކުގެ އަގު ބޮޑުވެގެން ދާނެއެވެ. ޓްރަމްޕް ބުނަނީ ކެނެޑާއަށް 25 ޕަސެންޓް، މެކްސިކޯއަށް 25 ޕަސެންޓް، އަދި ޗައިނާއަށް 34 – 60 ޕަސެންޓް ޓެރިފް އެޅުމަށެވެ. މި ސިޔާސަތުގެ ސަބަބުން އެމެރިކާގެ މީހުން ގަންނަ ބާވަތްތަކުގެ އަގު ބޮޑުވާނެއެވެ. ނަމަވެސް ޓްރަމްޕް ބުނަނީ މިއީ އެމެރިކާގެ ވިޔަފާރި ރައްކާތެރި ކުރުމުގެ ގޮތުން ކުރަންޖެހޭ ކަމެއް ކަމަށެވެ. އަސްލު ވާގޮތަކީ އެމެރިކާއަށް މިނިވަން ވިޔަފާރީގެ ސިޔާސަތުން ލިބެމުން އައި ފައިދާތައް މިހާރު ލިބެނީ އިންޑިޔާ ޗައިނާ ފަދަ އިންޑަސްޓްރަލައިޒޭޝަން ފުޅާކޮށް އޮތް ގައުމުތަކަށް ކަމަށް ވުމުން އެކަމުގެ މުހިންމުކަން ހުޅަނގުގެ ގައުމުތަކަށް ކެނޑުނީމާ، ފްރީ-ޓްރޭޑް ނުވަތަ މިނިވަން ވިޔަފާރީގެ މުހިންމުކަން ކެނޑުނީއެވެ.
ކެޕިޓަލިޒަމްގެ އަސްލު އުސޫލަކީ އެންމެން ވިޔަފާރީގައި ވާދަކުރާ ވަރަކަށް ބާވަތްތަކުގެ އަގު ކުޑަވެ، ފެންވަރު ރަނގަޅުވެ، މީހުންނަށް ފައިދާ ލިބޭ ގޮތްވުމެވެ. އެކަމަކު ޓްރަމްޕް ކުރަން އުޅޭ ކަމަކީ ހަމައެކަނި އެމެރިކާގެ އިންޑަސްޓްރީތައް އުފެއްދުމަށް އެހެން ގައުމުތަކުން މުދާ އެތެރެކުރުން ހުއްޓުވުމެވެ. މީގެ އިތުރުން ޓްރަމްޕް ބޭނުންވަނީ ކެނެޑާއާއި ގްރީންލޭންޑް އެމެރިކާގެ ބާރުގެ ދަށަށް ގެނައުމަށެވެ. މިއީ ފިއުޑަލިޒަމް ނުވަތަ ދާއިރާ ފުޅާކުރުމުގެ އިކްތިސާދީ ސިޔާސަތެކެވެ. މިއީ ކުރިން ޔޫރަޕްގައި ހިނގި، ރަށްތައް އަތުލުމާއި ބާރުވެރިވުމުގެ ސިޔާސަތެކެވެ. މި ސިޔާސަތަކީ މިނިވަން ވިޔަފާރިއާ ހިލާފު ސިޔާސަތެކެވެ. ސަރަހައްދުތައް އިތުރުކޮށްގެން ގައުމުގެ މުދާވެރިކަން ވަރުގަދަވެއެވެ. އަދި އެހެން ގައުމުތަކުގެ ވަސީލަތްތައް އެކި ގޮތްގޮތުން ބޭނުން ކުރެއެވެ.
ވިސްނަން ޖެހޭ އެއް ކަމަކީ މިއީ އެމެރިކާ އެބުނާ ކެޕިޓަލިޒަމް ނުވަތަ މިނިވަން ވިޔަފާރީގެ ވާހަކަޔާ ޚިލާފު ކަމެއްކަމެވެ. އެމެރިކާ މިހާރު އެބުނަނީ މިނިވަން ވިޔަފާރި ރަނގަޅީ އެމެރިކާއަށް ފައިދާވާ ދަރަޖައަށް އެކަނި ކަމަށެވެ. އެހެން ގައުމުތަކުން ކުރިއަރަމުން އަންނަ ވަރަކަށް އެމެރިކާއަށް މިނިވަން ވިޔަފާރީގެ ސިޔާސަތު ކަމަކު ނުދެއެވެ. ވިސްނައިލާއިރު، އެމެރިކާ މި ބިނާކުރި ނިޒާމުގައި އެންމެން ވާދަކުރިއަސް އެމެރިކާއަށް ބޭނުންވަނީ އެމީހުން އަބަދުވެސް އެންމެ ކުރީގައި އޮންނަ ގައުމަށް އަބަދުވެސް ވުމެވެ.
މި އަންނަނީ ދުނިޔޭގެ ވިޔަފާރީގެ ނިޒާމު ބަދަލުވަމުން ދާ ދަނޑިވަޅެކެވެ. އެމެރިކާ ބުނަމުން އައި އުސޫލުތަކާ ޚިލާފަށް އެމީހުން އަމަލު ކުރަން ފަށާފައިވުމުން ކުދި ގައުމުތަކަށް މިއީ ވިސްނަންޖެހޭ ކަމެކެވެ. ބޮޑެތި ގައުމުތަކުގެ ވަރުގަދަ ވިޔަފާރި ސިޔާސަތުތަކުގެ މެދުގައި ކުދި ގައުމުތަކަށް ދަތިވާނެކަމަކީ ޔަގީން ކަމެކެވެ. އެމެރިކާ އުފެއްދި ދުނިޔަވީ ނިޒާމު މިހާރު އެމީހުންނަށް ރަނގަޅު ނުވާތީވެ ބަދަލުކުރަން މަސައްކަތް ކުރަމުން އަންނައިރު، އަޅުގަނޑުމެން ފަދަ ކުދި ގައުމުތަކުން މި މައްސަލަތައް ވިސްނައި އަޅުގަނޑުމެންގެ މަސްލަހަތު ރައްކާތެރި ކުރެވޭނެ ގޮތް ހޯދަން ފަށަންޖެހެއެވެ.






