ދާދި ފަހުން ނިމުނު ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ކާމިޔާބު ކުރި ރާއްޖޭގެ ފުޓްސަލް ޤައުމީ ޓީމު ރާއްޖެ އައުމުން އެފްއޭއެމްގެ އިސް ބައެއް ބޭފުޅުންނާއި އަދި ސްޕޯޓްސް މިނިސްޓްރީގެ ބައެއް ބޭފުޅުންގެ އިތުރުން ފުޓްސަލް ޓީމުގެ ކުޅުންތެރިންގެ އާއިލާގެ މެމްބަރުން އެއަރޕޯޓުން ޓީމަށް މަރުހަބާ މަރުޙަބާ ކިޔާފައި ވާއިރު، ޓީމަށް މަރުހަވާ ވިދާޅުވާން މުއިއްޒު ވަޑައެއް ނުގެންނެވިއެވެ. އެހެންނަނަމަވެސް ފާހަގަ ކޮށްލެވޭގޮތުގައި މުއިއްޒުގެ އިތުރުން އަނބިކަބަލުން ސާޖިދާވެސް ގެންދަވަނީ ރަސްމީ މަސައްކަތްތައް ދޫކޮށް، ޕީއެންސީގެ ޖަގަހަ ހުޅުވުމާއި ސިޔާސީ ހުރިހާ ހަރަކާތަކަށް ވަގުތު ހުސްކޮށް އެ ހަރަކާތްތަކުގައި ބައިވެރިވަމުންނެވެ.
ތައިލެންޑުގައި ކުރިއަށް ދިޔަ މުބާރާތުގެ ޗެމްޕިއަންކަން ރާއްޖެ އިން ހޯދީ ކުޅުނު ހަ މެޗުން ވެސް މޮޅުވެގެންނެވެ. ޕާކިސްތާން، ބަންގްލަދޭޝް، އިންޑިއާ، ނޭޕާލް، ބޫޓާން އަދި ސްރީ ލަންކާ ވާދަ ކުރި މުބާރާތް ރާއްޖެ އިން ކާމިޔާބު ކުރިއިރު، މިއީ ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ބޭއްވި ފުރަތަމަ ފަހަރެވެ.
މުބާރާތުގެ ތައްޓާ އެކު އަންގާރަ ދުވަހުގެ ރޭ ރާއްޖޭގެ ޓީމު މާލެ އައިއިރު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އިން ޓީމަށް މަރުޙަބާ ދެންނެވީ ކުޅިވަރު ވަޒީރު ޢަބްދުالله ރާފިޢު އެވެ. މީގެ އިތުރުން ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް އަޙުމަދު ޠާރިޤު (ޓޮމް) ވެސް ވަނީ ޓީމަށް މަރުޙަބާ ދެންނެވުމަށް ވަޑައިގެންފަ އެވެ.
އެއަށް ފަހު ތައްޓާ އެކު ޓީމު މާލެ އައިއިރު، ރަސްމީ މަރުޙަބާ ދެންނެވުމާއި އުފާ ފާޅު ކުރުން ފެށުނީ ޒުވާނުންގެ މަރުކަޒާ ހަމައިންނެވެ. ޒުވާނުންގެ މަރުކަޒާ ހަމައިން ތައްޓާ އެކު ޓީމު އާޓިފިޝަލް ބީޗަށް އައިއިރު، ޓީމަށް މަރުޙަބާ ދެންނެވުމަށް ގިނަ އަދަދެއްގެ ބަޔަކު ވަނީ އެއްވެފަ އެވެ. އެތަނުގައިވެސް ޓީމަށް މަރުހަބާ ވިދާޅުވާން ސާޖިދާއާއި މުއިއްޒު ވަޑައިގެންފައެއް ނުވެއެވެ.
އާޓިފިޝަލް ބީޗަށް އައުމަށް ފަހު، ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ތަށި ވަނީ ކުޅިވަރު ވަޒީރު ރާފިޢު އާއި އެފްއޭއެމްގެ ރައީސް ޓޮމްއާ ހަވާލު ކޮށްފަ އެވެ. ކުރިން އިންތިޒާމު ކޮށްފައި އޮތީ، އާޓިފިޝަލް ބީޗަށް ޓީމު އައުމާ އެކު، މުއިއްޒު ޓީމަށް މަރުޙަބާ ދަންނަވާ ގޮތަށެވެ. އެހެންނަމަވެސް އެ އިވެންޓުގައި ސާޖިދާ ބައިވެވަޑައިގަންނަވާގޮތަށް ހަމަޖެހިފައި އޮތްކަމެއް ކަށަވަރު ކުރެވިފައެއް ނުވެއެވެ.
އެއަށް ފަހު، ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ތަށި މުއިއްޒުއާ ހަވާލު ކުރުމަށް ފަހު، މުއިއްޒު އެ ހަފްލާގައި ވާހަކަ ދައްކަވާ ގޮތަށް ވެސް އޮތީ ހަމަޖައްސައިފަ އެވެ. ޙަރަކާތް ރޭވިފައި އޮތް ގޮތް ކުޅިވަރު ވުޒާރާ އިން ހާމަކުރިއިރު އެކަންކަން ހިމަނާފައި އޮތް ނަމަވެސް، އެނގިފައިވާ ގޮތުގައި މުއިއްޒު އެ އިވެންޓަށް ވަޑައި ނުގެންނެވީ ސިޔާސީ އެހެން ހަރަކާތެއްގައި ބައިވެރިވެވަޑައިގަތުމަށެވެ.
މިއީ ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ބޭއްވި ފުރަތަމަ ފަހަރެވެ. ރާއްޖެ އަކީ ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ކާމިޔާބު ކުރި ފުރަތަމަ ޤައުމަށް ވާއިރު، މިއީ ބައިނަލްއަޤުވާމީ މައިދާނުގައި ފުޓްސަލް އިން ހޯދި ފުރަތަމަ ތައްޓެވެ. އެހެންކަމުން މިއީ ރާއްޖެ އަށް ހުރިހާ ގޮތަކުން ވެސް ޚާއްސަ ކާމިޔާބީ އެކެވެ.






