ޕާކިސްތާނުގެ އެންމެ އާބާދީ ބޮޑު އަވަށް ކަމުގައިވާ ޕަންޖާބުގައި ފުލުހުން ހިންގާ “އެންކައުންޓަރ” ތަކުގައި މީހުން މެރުން ބޮޑުތަނުން އިތުރުވެފައިވާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ޕާކިސްތާން (އެޗް.އާރ.ސީ.ޕީ) ގެ ރިޕޯޓެއްގައި ބުނެފިއެވެ. ޗީފް މިނިސްޓަރ މަރްޔަމް ނަވާޒް ޝަރީފްގެ ބެއްލެވުމުގެ ދަށުން 2025 ވަނަ އަހަރުގެ އެޕްރީލް މަހު އުފެއްދި ކްރައިމް ކޮންޓްރޯލް ޑިޕާޓްމަންޓް (ސީ.ސީ.ޑީ) ގެ އޮޕަރޭޝަންތަކުގައި އެ އަހަރުގެ ޑިސެމްބަރު މަހާ ހަމައަށް 670 އެންކައުންޓަރެއްގައި މަދުވެގެން 924 މީހުން މަރާލާފައިވެއެވެ. މިއީ އޭގެ ކުރީ އަހަރު ޕަންޖާބާއި ސިންދު ދެ އަވަށް އެއްކޮށްލައިގެން ރެކޯޑް ކުރެވުނު ޢަދަދުގެ ދެ ގުނައަށް ވުރެ ވެސް ބޮޑު ޢަދަދެކެވެ.
މި މައްސަލަ އިތުރަށް ހޫނުވެގެން ދިޔައީ ބައެއް ޢާއިލާތަކުން ކުރި ސީރިއަސް ތުހުމަތުތަކާ ގުޅިގެންނެވެ. ބަހާވަލްޕޫރުގެ ޒުބައިދާ ބީބީގެ ޢާއިލާ ފަދަ ޢާއިލާތަކުން ބުނާ ގޮތުގައި، ފުލުހުން އެމީހުންގެ ގާތް ތިމާގެ މީހުން ހައްޔަރުކުރުމަށްފަހު، ވަކި ވަކިން މަރާލީއެވެ. މަރާލެވުނު މީހުންގެ އެއްވެސް ކުށުގެ ރެކޯޑެއް ނެތް ކަމަށާއި، ޤާނޫނީ ފިޔަވަޅު އެޅުމަށް މަސައްކަތް ކުރުމުން ޢާއިލާތަކަށް ބިރު ދައްކައި ހިމޭންކުރުވި ކަމަށް ވެސް އެ ޢާއިލާތަކުން ތުހުމަތު ކުރެއެވެ.
އެޗް.އާރ.ސީ.ޕީގެ ރިޕޯޓުގައި ފާހަގަކުރާ ގޮތުގައި، މި ހާދިސާތަކާއި ބެހޭ ގޮތުން ފުލުހުން ދޭ ބަޔާންތަކުގައި އެއް ގޮތަކަށް އެއް ވާހަކަތަކެެއް ހިމަނާފައިވެއެވެ. ކޮންމެ ފަހަރަކު ވެސް ލިޔެފައިވަނީ: ތުހުމަތު ކުރެވޭ މީހުން ފުރަތަމަ ބަޑި ޖެހި ކަމަށާއި، ފުލުހުން ދިފާޢުގައި ރައްދު ދިނީ ކަމަށާއި، ބައިވެރިން އަނދިރީގައި ފިލީ ކަމަށާއި، މަރުވުމުގެ ކުރިން އެމީހުން ކޮށްފައިވާ ކުށްތައް އިޢުތިރާފްވީ ކަމަށް ބުނެއެވެ. މި އެއްގޮތް ބަހުރުވައިން ދޭހަވަނީ މި ހާދިސާތަކަކީ ސްޓޭޖްކޮށް ރާވައިގެން ހިންގާފައިވާ ކަމެއް ކަމުގައި ބެލެވޭ ކަމަށް އެ ކޮމިޝަނުން ބުނެއެވެ.
އިންސާނީ ޙައްޤުތަކުގެ ޤާނޫނީ ވަކީލުންނާއި މިނިވަން ޕެނަލްތަކުން އިންޒާރު ދެނީ، ތަޙުޤީޤާއި ޝަރީޢަތުގެ ޤާނޫނީ މަރުޙަލާ ފުރިހަމަ ނުކޮށް މީހުން މެރުމަކީ ޤާނޫނުގެ ވެރިކަން ނެތިކޮށްލުން ކަމަށެވެ. މިފަދަ ޢަމަލުތައް ޢާންމުކޮށް ބަލައިގަންނަ ޘަޤާފަތެއް އުފެދިއްޖެ ނަމަ، ދައުލަތުގެ ފެންވަރުގައި ހިންގާ އަނިޔާ ނިޒާމީ ގޮތެއްގައި ބިންވަޅު ނެގި، ޤާނޫނު އަސާސީން ލިބިދޭ ޙިމާޔަތްތައް ބަލިކަށިވެގެން ހިނގައިދާނެ ކަމުގެ ބިރު ބޮޑެވެ. ޕާކިސްތާނުގެ އެންމެ ބޮޑު އަވަށުގައި ހިނގަމުންދާ މި ކަންކަމާ މެދު ބައިނަލްއަޤުވާމީ މުޖުތަމަޢުގެ ސަމާލުކަން ވެސް މިހާރު ދަނީ އިތުރުވަމުންނެވެ.
ޕާކިސްތާނަކީ އެޤައުމުގައި އޮތް ރައްޔިތުންގެ ވެރިކަން ފުރޮޅާލައިގެން މިލިޓަރީއިން ރައްޔިތުންނާއި (އެތައް މިލިއަން މުސްލިމުންނަކާއި) ދެކޮޅަށް ވެރިކަން ހިންގަމުންދާ އަނިޔާވެރި ވެރިކަމެއް އޮތް ޤައުމެކެވެ. ޕާކިސްތާނުން މީގެ ކުރިން އޮތް އަސްކަރީ ވެރިކަމުގައި ވަނީ އެ ޤައުމުގެ އަންހެން ކަބަލެއް ކަމަށްވާ އާފިޔާ އެމެރިކާގެ ސީއައިއޭއަށް ޓެރަރިސްޓެއް ކަމަށް އެމެރިކާއިން ބުނުމުން ހައްޔަރުކޮށް ވިއްކާލާފައެވެ. އޭނާގެ އެންމެ ތުއްތު ދަރިފުޅު މަރާލުމަށްފަހު އެހެން ދަރިންވެސް އެމެރިކާގެ ސީއައިއޭއިން ޕާކިސްތާނުގެ ފުލުހުންގެ އެހީގައި ވަގަށް ނެގިއެވެ. އެއްވެސް ކުށެއް ނެތި ޑރ. އާފިޔާ މިހާރުވެސް އޮތީ އެމެރިކާގެ ޖަލުގައެވެ. އޭނާ އެނބުރި ޕާކިސްތާނަށް ނުގެނެވިގެން އުޅެނީ ޕާކިސްތާނުގައި އޮތް އަނިޔާވެރި މިލިޓަރީ ވެރިކަމުގެ ސަބަބުންނެވެ.





