ރޭ ބޭއްވުނު “ކަންގަތި އެވޯޑް 2023” ދިނުމުގެ ޙަފުލާގައި ރައީސް މުއިއްޒު ވާހަކަ ދައްކަވަން ހުންނަވަނިކޮށް, ވާހަކަ ދައްކަވަން ބޭނުން ކުރައްވަމުން ގެންދެވި ޓެލެޕްރޮމްޓަރ މައްސަލަޖެހި, ރައީސްގެ ވާހަކަފުޅު ހުއްޓި, އެތައް އިރެއްވަންދެން ޖަލްސާ މެދުކަނޑާލަންޖެހުނު މައްސަލާގައި, ރައީސް އޮފހުގެ މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޮރ ސްޓްރެޓީޖިކް ކޮމިއުނިކޭޝަން އިބުރާހިމް ޚަލީލްގެ ބަޔާން ނަގައިފިއެވެ.
ރައީސް އޮފީހުގެ އިސް އޮފިޝަލަކު ނަން ހާމަނުކުރުމަށް އެދި “ދިޔަވަރު އޮންލައިން”އަށް މައުލޫމާތު ދިން ގޮތުގައި, ރޭގެ ހަފްލާއަކީ ރައީސް މުއިއްޒު ވަރަށް ބޮޑަށް ލަދުފުޅުގެން ވަޑައިގަންނަވަން މެދުވެރިވީ ޖަލްސާއެއް ކަމަށާއި, އެއްވެސް އެއްޗެއް ނުބައްލަވާ ވާހަކަ ކުރިޔަށް ގެންދެވަން އެނގިވަޑައިނުގެން ރައީސް ހުންނަވަން ޖެހުމަކީ ރައީސް އޮފީހުގެ ކޮމިއުނިކޭޝަން ޑިޕާޓްމަންޓުގެ ވަަރަށް ބޮޑު ފެއިލިއަރއެއްކަމަށް ރައީސް ގަބޫލުފުޅު ކުރައްވާ ކަމުގައެވެ.
އެގޮތުން މުޅި ރާއްޖެއަށް ލައިވް ކުރަމުންދިޔަ ޖަލްސާއެއްގައި, ރައީސްވެ ވާހަކަފުޅު ހުއްޓި, ޖަލްސާ މެދުކަނޑާލަންޖެހި, ޓެކްނިކަލް މައްސަލައެއް ދިމާވެއްޖެކަން ރައީސަށް އަމިއްލަފުޅަށް އިއުލާން ކުރައްވަން ޖެހުމަކީ މީޑިއާގެ ކަންކަމާއި ހަވާލުވެވަޑައިގެން ރައީސް އޮފީހުގައި ތިއްބެވި ބޭފުޅުން ޒިންމާ އުފުއްލަންޖެހޭނެ ކަމެއްކަމަށް ރައީސް ނިންމަވާފައިވާކަމަށްވެސް އޮފިޝަލް ވިދާޅުވެފައި ވެއެވެ.
އެމައްސަލާގައި ރައީސް އޮފީހުގެ މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޮރ ސްޓްރެޓީޖިކް ކޮމިއުނިކޭޝަން އިބުރާހިމް ޚަލީލްގެ ބަޔާން ނަގާފައިވި ނަމަވެސް, އޭނާގެ ދަށުން މަސައްކަތް ކުރާ ފަރާތްތަކާމެދު އެޅި ފިޔަވަޅުތަކެއް އަދި ސާފު ވެފައެއް ނުވެއެވެ.
ފާއިތުވެދިޔަ ތަނުގައި ރައީސް އޮފީހުގެ ކޮމިއުނިކޭޝަން ޑިޕާންޓްމަންޓުގެ ގިނަ ކަންކަމަށް އާންމުންގެ ބޮޑު ފާޑުކިއުމެއް ވަނީ އަމާޒު ވެފައެވެ. އޭގެ ތެރޭގައި އަލަށް ހަމަޖެއްސެވި ރައީސް އޮފީހުގެ ތަރުޖަމާ މުހައްމަދު ޝަހީބަށް ރައީސް އޮފީގާއި ގުޅޭގޮތުން މައުލޫމާތު ފޮރުކޮށްދެއްވަން އެނގިވަޑައި ނުގަތުމާއި, އަދި އޭނާ ނޫސްވެރިންނަށް އިންޒާރުދީ, ރުންކުރުކޮށް ޖަބާދެއްވާ މައްސަލަވެސް ވަނީ ފެންމަތިވެފައެވެ.
އަދި ނާއިބު ރައީސް ނުބައިކޮށް އިނގިރޭސިބަހުން ވާހަކަ ދައްކަވާ ވީޑިއޯއެއްވެސް ރައީސް އޮފީހުގެ ވެބްސައިޓަށް އަޕްލޯޑު ކުރުމާއި ގުޅިގެންވެސް ރައީސް އޮފީހަށްވަނީ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒު ވެފައެވެ.
ރޭ އޮތް “ކަންގަތި އެވޯޑް 2023” އިވެންޓެއްގައި، ރައީސް މުއިއްޒު ވާހަކަ ދައްކަމުން ދަނިކޮށް ޓެލެޕްރޮމްޓަރ ގައި މައްސަލަ ޖެހުމުން، ވާހަކަ ދައްކަން ނޭނގި އަނގަ އޮޅި ވާދަ ދެއްކެވުން ވަނީ ހުއްޓުމަކަށް އައިސްފައެވެ. މިއީ ލަދުވެތި މަންޒަރެއްކަމަށާއި, ގައުމެއްގެ ރައީސެއްގެ ފެންވަރު އެއަށްވުރެ ރަގަޅުވާންޖެހޭނެ ކަމަަށް ގިނަބަޔަކު ދަނީ ބުނަމުންނެވެ.
ރައީސް މުއިއްޒުއަކީ ރަސްމީ ޖަލްސާތަކައި އެއްޗެއް ނުބަލާ ތަގްރީރު ކުރައްވަން އެނގިވަޑައިނުގަންނަވާ ބޭފުޅެއްކަން މީގެކުރިން އެނގިފައެއް ނުވެއެވެ.
މިއީ ރާއްޖޭގައި އަދި ދުނިޔޭގައިވެސް, ގައުމެއްގެ ރައީސެއް ލިޔެފައި އޮތް ލިޔުން ބަލައިގެން ނޫނީ ވާހަކަ ދައްކަން ނޭނގި ހުއްޓުނު ފުރަތަމަ ފަހަރުކަން ފާހަގަ ކޮށްލެވެއެވެ.






