ސްޓެލްކޯއަށް އަންގައިގެން ރައްޔިތުންގެ މަޖިލިހުގެ ކަރަންޓު ކަނޑާލާނެކަމުގެ އިންޒާރު ދީފި

މި ސަރުކާރުގެ ބައެއް ވަޒީރުންނަށް ރުހުން ނުދިނުމަށް އިދިކޮޅު ޕާޓީތަކުން ނިންމުމާއި ގުޅިގެން, ސަރުކާރަށް ނިސްބަތްވާ މެމްބަރުން މަޖިލިސް ހުއްޓުވާފައިވަނިކޮށް, ސްޓެލްކޯ މެދުވެރިކޮށް ރައްޔިތުންގެ މަޖިލިހުގެ ކަރަންޓު ކަނޑާލާނެކަމުގެ އިންޒާރު މިސަރުކާރުގެ ސިޔާސީ އިސް ފަރާތްތަކުން ދީދިއެވެ.

މި ސަރުކާރުގެ ސިޔާސީ މަގާމްތަކުގަ ތިބި އެކްޓިވިސްޓުން މި އިންޒާރު ދީފައިވަނީ ޕީއެންސީގެ ސިޔާސީ މުވައްޒަފުން ތިބޭ ވައިބަރ ގުރޫޕެއްގައެވެ.

ވައިބަރ ގުރޫޕުގައި ވާހަކަ ދައްވަމުން މި ސަރުކާރުގެ ސިޔާސީ އިސް އެކްޓިވިސްޓުން ބުނެފައިވަނީ މަޖިލިސް ޖަލްސާ ކުރިޔަށް ނުގެންގޮސް, ސްޓެލްކޯއިން ފޯރުކޮށް ދެމުންދާ ކަރަންޓު ބޭކާރު ކުރަމުންދާ ކަމުގައެވެ.

މިއަދު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި، ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި ބަންޑާރަ ނައިބު އަހުމަދު އުޝާމް އާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަދި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް ރުހުން ނުދޭން ދަ ޑިމޮކްރެޓްސް އިން ވަނީ ނިންމާފައެވެ.

ބަންޑާރަ ނައިބު އަހުމަދު އުޝާމް އާ އެކުގައި މި ސަރުކާރުގެ ތިން ވަޒީރަކަށް ރުހުން ނުދިނުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ތްރީ ލައިން ވިޕެއްވެސް ވަނީ ނެރެފައެވެ.

އަދި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ މިއަދުގެ ބައްދަލުވުމުގައި ނިންމާފައި ވަނީ އުޝާމްގެ އިތުރުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި ހައުސިން މިނސްޓަރު ޑރ. އަލީ ހައިދަރާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުއަށް ރުހުން ނުދިނުމަށެވެ.

މިއަދު ޖަލްސާގައި ބައެއް ވަޒީރުންނަށް ރުހުން ނުދިނުމަށް އިދިކޮޅު ޕާޓީތަކުން ނިންމުމާއި ގުޅިގެން ރައީސް މުއިއްޒުވަނީ ތަގުންނާއި ގޭންގު ސްޓާރުން ފޮނުވައިގެން މަޖިލިސް ދޮށުގައި މުޒާހިރާކޮށް އަދި އެމްޑީޕީގެ ބައެއް މެމްބަރުންނަށް މަރުގެ އިންޒާރުވެސް ދީފައެވެ.