އިންޑިއާގެ ޑޯނިއަ ބޭނުންކުރުން ހުއްޓާލިފަހުން, ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގެ ރައްކާތެރިކަން ކަށަަވަރު ކުރުމުގެ ގާބިލްކަން އެމްއެންޑީއެފްގަ ނެތް, ރާއްޖޭގެ ގައުމީ ސަލާމަތު އޮތީ ބޮޑު ނުރައްކަލެއްގައި!

އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ޑޯނިއަރ މަތިންދާ ބޯޓު ބޭނުންކުރުން އެމްއެންޑީއެފްއިން ހުއްޓާލިފަހުން, ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގެ އިތުރުން ރާއްޖޭގެ މަސްކަނޑުގައި ދުއްވާ ދިވެހި ކަނޑު އުޅަނދުތަކުގެ ރައްކާތެރިކަންވެސް ކަށަވަރުކަމުގެ ގާބިލްކަން އެމްއެންޑީއެފްގަ ނެތްކަމަށް އެމްއެންޑީއެފްގެ ބައެއް އޮފިޝަލުން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފްގެ އިސް އޮފިޝަލަކު “ދިޔަވަރު އޮންލައިން”އަށް މައުލޫމާތުދިން ގޮތުގައި މުޅި ރާއްޖޭގެ 90,000 އަކަ ކިލޯމީޓަރުގެ ސަރަހައްދުގެ %99 އަކީ ކަނޑު ކަމަށްވުމާއެކު, ރާއްޖޭގެ މުޅި ކަނޑު ރައްކާތެރި ކުރުމުގެ ގާބިލްކަން އެމްއެންޑީއެފްގައި މިހާރު ނެތްކަމުގައެވެ.

މިމައްސަލަ މިހާރު ރާއްޖޭގެ ގައުމީ ސަލާމަތާއި ގުޅުންހުރި ބޮޑު މައްސަލައަކަށް ވެފައިވާކަމަށްވެސް “ދިޔަވަރު އޮންލައިން”އާއި ވާހަކަ ދެއްކެވި އެމްއެންޑީއެފްގެ އޮފިޝަލް ވިދާޅުވެފައި ވެއެވެ.

“ދިޔަވަރު އޮންލައިން”އާއި ވާހަކަ ދެއްކި އެމްއެންޑީއެފްގެ އޮފިޝަލް ވިދާޅުވީ, މީގެކުރިން ކުރިމަތިވާ އެމަޖެންސީ ހާލަތްތަކުގައި, ޑޯނިއާރެ ބޭނުންކޮށްގެން ސާވައިލަންސްގެ ހަރަކާތްތައް ހިންގުމުގެ ގާބިލްކަން އެމްއެންޑީއެފްގައި ހުރިކަމަށެވެ. އެހެންނަމަވެސް މިހާރު މިފަދަ ކޮންމެ ހާދިސާއަކާއި ގުޅިގެންވެސް އެމްއެންޑީއެފްއަށް ބޭނުންކުރާން ޖެހެނީ ކޯސްޓްގާޑުގެ އުޅަނދުތައް ކަމަށާއި, އެއިން އުޅަނދެއްގައި ދުއްވާފައި އެސްއީޒެޑްގެ ބޭރަށް ދަތުރު ކުރެވެނީ އެތައް ގަޑިއިރަކުން ކަމުގައެވެ.

އަދި ރާއްޖޭގެ ކޯސްޓްގާޑުގައި ހުރި ކަނޑު އުޅަނދުތަކަކީ ބާވެފައިހުރި އުޅަނދުތަކެއްކަން ފާހަގަ ކުރައްވަމުން އޮފިޝަލް ވިދާޅުވީ, މިއުޅަނދުތައް ބޭނުންކޮށްގެން, ރާއްޖޭގެ މަސްވެރިންނާއި, އަދި ދިވެހި އުޅަނދުތަކުގެ ސަލާމަތާއި ރައްކާތެރިކަން އެމްއެންޑީއެފްއަށް ކަށަވަރު ނުކުރެވޭކަމަށެވެ.

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވުމަށްފަހު, ޗައިނާއާއި ގުޅުން ބަދަހިކޮށް, ޒަމާނުއްސުރެ ރާއްޖެއިން އިންޑިއާއެކު ދަމަހައްޓަމުން އައި ގުޅުން ކަނޑާލުމާއެކު, އިންޑިއާއިން ދީފަ ހުރި ވައިގެ އުޅަނދުތައް ބޭނުން ކޮށްގެން ރާއްޖޭގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް އެމްއެންޑީއެފްއިން ކުރިޔަށް ގެންދަމުންއައި ސާވައިލަން ހުރިހާ މަސައްކަތެއް މިހާރުވަނީ ހުއްޓުމަކަށް އައިސްފައެވެ.

އެގޮތުން, ބޭރު ގަައުމެއްގެ ސިފައިންކަމަށް ބެލެވޭ ބަޔަކު އިއްޔެ ރާއްޖޭގެ އަސުރުމާ މަސްދޯންޏަށް އެރުމަށްފަހުވެސް, އެދޯނިތައް މަސްވެރިކަން ކުރަމުންދިޔައީ ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގައިކަންވެސް ނުވަތަ ނޫންކަންވެސް އެމްއެންޑީއެފްއިން ބުނެ ދެވިފައެއް ނުވެއެވެ. އަދި އެ ދޯނިތައް ތިބި ސަރަހައްދަށް އެމްއެންޑީއެފްއަށް ދެވުނީވެސް, އެހާދިސާ ނިމި, ދޯންޏަށް އެރިކަމަށްބުނާ ބަޔަކު ދޯނިތައް ދޫކޮށް ދިޔަ ފަހުންނެވެ.

އެއަށްފަހު އެމްއެންޑީއެފްއިން ބުނެފައިވަނީ, ދޯނިތަކަށް އެރީ ކޮން ގައުމެއްގެ ސިފައިންކަން ޔަގީން ކުރެވިފައި ނުވާކަމުގައެވެ.