މިހާރު ނޫހުން އަދުރޭގެ ދަރީގެ އިމޭޖް ރީތިކުރުމަށް، މޮޑެލް ކުރުވައި ނަގާފައިވާ ފޮޓޯއެއް

އަދުރޭގެ ދަރި ނުކިޔަވާ ހުރުމުން، އިނގިރޭސި ނޭނގި ރާއްޖެ ލަދުގަންނަވަމުން ދާ ވާހަކަ ރައްޔިތުން ދެއްކުމުން، ރައްޔިތުން އޭނާ ބުލީ ކުރަނީ ކަމަށް ބުނެފި

މި ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރުގެ މަގާމާ ހަވާލުވެވަޑައިގެން ދެއްވި ފުރަތަމަ ސްޕީޗާ އެކު، އަދުރޭގެ ދަރި އަށް ކުރިމަތިވީ ފާޑުކިއުމެވެ. ސަބަބެއް ތަކެއް ނެތިއެއް ނޫނެވެ. މަގާމު ގަނޑު ލިބުނީ އަދުރޭގެ ފިރިހެން ދަރިއަށް ވުމުންނެވެ. ދެއްކި ވާހަކައިން، މުޅި ރާއްޖެ ސިހިގެން ދިޔައީ، މީނާއަށް ގްރޭޑް 5ގެ އިނގިރޭސި ފެންވަރު ލިބިފައި ނެތުމާއި، ދިވެހިން ދެތިން ބަސްވެސް ރަނގަޅަށް ބުނަން ނޭނގޭކަން ހާމަ ވުމުންނެވެ. ޤައުމުގެ ގިނަ ބަޔަކަށް މީނާ އެނގިފައި އޮތީ ކަޓަރު ހިފައިގެން މީހުންނަށް ބިރު ދައްކަން އުޅޭ ޑްރަގް ބޯ ޕާޓޭއެއް ގޮތަށެވެ.

ސޯޝަލް މީޑިޔާގައި އެހެން ވަޒީރުންނަށް ނުކުރާ މަލާމާތް އޭނާއަށް ރައްދުވީ ހެޔޮކޮށެވެ. ހެދުން އަޅަންވީ ގޮތުން ފެށިގެން، ބަސްމަގު ގެންގުޅެންވީ ގޮތް ވެސް މީނާއަކަށް ނޭނގެއެވެ، އިނގިރޭސި ބަހުން ކޮށާ މަށައިގެން ދިން ސްޕީޗަކުން އިތުރަށް މީނާވީ ބޮޑު ޖޯކަކަށެވެ.

ދިވެހިން ކަންބޮޑުވީ ސީރިއަސް ކަމަކާއި އެވެ. އިނގިރޭސިން ލިޔެފައި ހުރި ލިޔުމެއް ބަލާލަން ނޭނގޭ، ތައްޔާރު ކޮށްފައިވާ ރިޕޯޓެއްގައި ޕްރޮޖެކްޓް ކުރާ ހިސާބެއް ކިޔަން ނޭނގޭ، ދާއިރާގެ އެއްވެސް އިލްމެއް ނެތްތާގައި، އާންމު އިލްމެއް ހޯދާފައި ނެތް، ފޭކް ސެޓްފިކެޓް ގަނޑެއް ގަނެގެން އުޅޭ މީހެއްކަން ރާއްޖެ އެންމެންނަށް އެނގޭ މީހަކަށް ޤައުމުގެ އެންމެ ބޮޑު އިންޑަސްޓްރީގެ ވަޒީރުކަން މުއިއްޒު ހަވާލު ކުރުމެވެ. މިއީ ޤައުމުގެ އިޤްތިޞާދާއި ކުރިމަގަށް މުއިއްޒުގެ އެއްވެސް ސީރިއަސް ކަމެއް ނެތްކަން ހާމަވެގެން ދިޔަ ކަމެކެވެ.

ނަމަވެސް މި ކަންބޮޑުވުމަކަށް ބެލުމެއް ނެތެވެ. ރައީސް އޮފީހުންނާއި، އެ މިނިސްޓްރީއިންނާއި، އެމްއެމްޕީއާރުސީ ގައި ތިބިހާ ޕީއާރު ބައެއް ގެނެސް މަސައްކަތް ކުރަމުން ދިޔާއި، އަދުރޭގެ ދަރީގެ ގެއްލިފައިވާ އިމޭޖް ރަނގަޅު ކުރުމަށެވެ. ހެޔަންބޯއިން ފެށިގެން މިހާރު ނޫހުން އޭނާ ދަނީ ޕްރޮމޯޓް ކުރަމުންނެވެ. ޕީއެސްއެމް އިން އެތައް ޕްރޮގްރާމެއްގައި އެތައް މަސައްކަތެއް ކޮށްފައިވަނީ ސީދާ އަދުރޭގެ އެންގުމަށެވެ. އަދުރޭގެ ދަރީގެ ނެތް އަބުރެއް ހޯދައި ދިނުމަށް ސަންގު ޓީވީއިން ވެސް ވަރަށް މަސައްކަތް ކޮށްދީފިއެވެ.

ނަމަވެސް ރައްޔިތުންގެ ލޮލުގައި އަދުން އެޅުވޭނީ ކިހާ ވަރަކަށް ހެއްޔެވެ. މާދަމާ ޕޯޑިއަމަކަށް އެރިއަސް ވާނީ ހަމަ އޮރިޔާމެވެ. އެހެން ކަމުން “މިހާރު” ނޫހުން އިންޓަވިއުކޮށް، ބުލީގެ ވިކްޓިމް އަކަށް އަދުރޭގެ ދަރި ހެދިއަސް، ހަޤީގަތަކީ ވިކްޓިމް ވެފައި ތިބީ ރައްޔިތުން ކަމެވެ. ނާގާބިލު މީހުންން މިނިސްޓަރުކަން ދީ އެމީހުން ގާބިލުކަމަށް ދައްކަން 3 ފަރާތުން ފުށްޖެހިއަސް، އެވާނީ އެއަށެވެ.

“އަޅުގަނޑު އެކަން [ޓްރޯލްކުރުން] ވަރަށް ޕޮޒިޓިވްކޮށް ނަގަނީ. އެއީ ދިވެހިރާއްޖޭގެ މިނިސްޓަރުކަމަށް ދިވެހިން ބޭނުން ވަނީ މި ދާއިރާއަށް ވަރަށް ގާބިލް، ޗޭންޖެއް ގެނެވޭނެ މީހެއް. އިރާދަކުރެއްވިއްޔާ އެކަން އަޅުގަނޑު ޔަގީންކޮށްދޭނަން. އެ އެނާޖީ ހުންނާނެ،” ދެ ޖުމްލަ ދޭތެރެއަށް އިނގިރޭސި ބަސް ވައްދައިގެން ސްކްރިޕްޓް ކޮށްފައިވާ އިންޓަވިއުގައި ވިކްޓިމްގެ ކާޑު ކުޅެމުން އަދުރޭގެ ދަރި މިހާރު ނޫހަށް ކިޔައިދިނެވެ.

ދުވަހަކު ވެސް ރާއްޖޭގެ ކެބިނެޓް މިނިސްޓަރަކަށް ބުލީ ނުކުރާ ވަރަށް އަޅުގަނޑަށް ބުލީ ކުރި. ޕާސަނަލް ލެވެލްއެއްގައި އެބަހުރި ފާޑުކިޔައިފަ. އަޅުގަނޑު ހުންނަ ގޮތާއި ލައިފައި ހުންނަ އެއްޗިއްސާއި އަޅުގަނޑު އަންހެނުން އައިވީއެފް ހަދާ ވާހަކައަށް ދާންދެން އެބަ ކިޔާ.

އަދުރޭގެ ދަރި މިހާރު ނިއުސް އަށް އިތުރަށް، ވިކްޓިމް އަށް ވެގެން ކިޔައި ދިނެވެ.

އަދުރޭގެ ދަރިއަށް ފަހުމު ނުވެގެން އުޅެނީ، އޭނާއަށް ލިބިފައިވާ މިނިސްޓަރުކަމަކީ އޭނާއަށް ގާބިލު ކަމެއް ނޫން ކަމެވެ. އަދުރޭގެ ދަރިއަށް ނޭނގޭ ކަމަކީ، ރައްޔިތުންގެ ހުރިހާވެސް ޝަކުވާއަކީ އެއީ ކަމެވެ. އަދުރޭގެ ދަރިއަށް ނޭނގިގެން އުޅޭ ކަމީ، ރައްޔިތުންގެ ޓެކްސް ފައިސާއިން މުސާރަ ނަގައިގެން މަގާމަށް ކުފޫ ހަމަ ނުވާ، ތަންދޮރު ނުދަންނަ މީހެއް އައުމުން ރައްޔިތުންގެ ހިތްހަމަ ނުޖެހުމާއި، ނުރުހުން އެކަމާއި މެދު ހުންނާނެ ކަމެވެ. ރުޅިވެސް އަންނާނެކަމެވެ. ރައްޔިތުންގެ ހައްޤުތަކަށް މި މޭރުމުން އަރައިގަތުމަކީ ރައްޔިތުންނާއި ޕާސަނަލް ވުމެވެ. އެހެންކަމުން، ވިކްޓިމް ކާޑު ކުޅެން ނެޕޯބޭބީ ދެލޯ ފުރާ ރުއީމާ އެވާނީ އިތުރު ޖޯކަކަށެވެ.

މިހާރަށް އަދުރޭގެ ދަރި ދީފައިވާ އިންޓަވިއު ކިޔައި ނިންމާލި އިރު، ޓުއަރިޒަމް އިންޑަސްޓްރީއަށް، އޭނާ ގެންނާނެ އާކަމެއް، ބަދަލެއް ބުނެދެވިފައެއް ނެތެވެ. އަބްދުއްރަހީމްގެ ދަރި ގޭގައި ނިދާފައި އޮތަސް، ދުނިޔޭގެ އާބާދީ އަށް އަންނަ ބަދަލާއި، މީހުން މުއްސަނދި ވަމުން އަންނަ ރޭޓުން ރާއްޖެއަށް 2 މިލިއަން ފަތުރުވެރިން މިއަހަރު ނިމެންވާއިރަށް އަންނާނެއެވެ. އެކަމަކަށް ނެޕޯބޭބީ އެއް ދިވެހިންނެއް ބޭނުމެއް ނުވެއެވެ.