އޭސީސީ އަށް ޤާނޫނީ ގޮތުން ލިބިދެނީ ކޮރަޕްޝަން ބެލުމުގެ މެންޑޭޓް، ނަމަވެސް އޭސީސީ ކޮރަޕްޓް ތަނަކަށް ހަދައި ފްލެޓާއި، ގޯތި ދޫކުރާ ތަނަކަށް މުއިއްޒު ބަދަލު ކޮށްފި!

ނުހައްޤުން ގޯތި މީހަކަށް ދީފައި ވާނަމަ، އެމީހަށް ގޯތި ދިނީ އެމީހާ ހުށައަޅާފައިވާ މައުލޫމާތު ގަސްތުގައި އޮޅުވައިގެން ކަމަށް އޭސީސީގެ ތަހުގީގަށް ސާފު ވާނަމަ، އެމީހަކާއި މެދު ޖިނާއީ ތަހުޤީގެއް ކުރުމަށް އެ މައްސަލަ ޕީޖީއަށް ފޮނުވަން ޖެހެއެވެ. އެއީ އެ އޮޅުވާލުމުގައި ކޮރަޕްޝަން އެކުލެވިގެން ވާކަމުގެ ހެކި އޮތް ކަމުގައި ވަނީނަމައެވެ. އެނޫން ގޮތަކަށް އޭސީސީއިން ފޯމުތަކެއް ގޯސް ކަމަށް ބުނެ، ގޯތި ހައްޤުވާ މީހެއް ތޯ ނޫންތޯ ބެލުމުގެ މެންޑޭޓަކީ އޭސީސީއާއި ހަވާލުވެފައިވާ މެންޑޭޓެއް ނޫނެވެ. އޭސީސީ މަސައްކަތް ކުރަމުން ދަނީ އެމީހުންނަށް ލިބިފައިވާ ބާރުތަކުގެ ބޭރުން، ބޭއިންސާފުންނެވެ. އަދި ރިޝްވަތު ނަގައިގެން މުއިއްޒުގެ އިރުޝާދުގެ ދަށުންނެވެ.

މިނިސްޓްރީއެއްގެ އިދާރީ މަސައްކަތްތަކެއް އޭސީސީއިން ކުރަމުން ދަނީ، ސަރުކާރު ނުބައްސައި، އޭސީސީ ގުރުބާން ބަކައްޓަކަށް ހަދައިގެން، މުއިއްޒު ބޭނުންވާ ލިސްޓަކަށް ފްލެޓް ދިނުމަށެވެ. ކުރީ ސަރުކާރުން ދޭން ކަނޑައެޅި 4،000 މީހުންގެ ފްލެޓް ލިސްޓް މުރާޖާކޮށް އެ ލިސްޓުން ބަޔަކު އުނިކޮށް ފްލެޓް ދޭން ޖެހޭ މީހުންގެ ލިސްޓެއް ހަދައިދީ، ހައުސިން މިނިސްޓްރީއަށް ވަކި ލިސްޓެއް ފޮނުވުމަކީ އެ ކޮމިޝަންގެ މަސްއޫލިއްޔަތެއް ނޫނެވެ. ނަމަވެސް ސަރުކާރުން ބުނަން ބޭނުން ވަނީ “އެއީ، އޭސީސީއިން ނިންމި ގޮތޭ، މުއިއްޒު ކުރި ކަމެއް ނޫނޭ” މިހެންނެވެ. އޭސީސީ ލައްވައި ބޭއިންސާފުން އަމަލު ކުރުވާ، އޭސީސީ ލައްވައި އެތައް ބައެއްގެ ހައްޤުތައް ނިގުޅައިގަތުމަށް އޭސީސީ ބޭނުން ކުރެވޭވަރަށް އޭސީސީއަށް މުއިއްޒު ވަނީ ރިޝްވަތު ދީފައެވެ.