ވޯލްޑް ގަވަމެންޓް ސަމިޓް ތެރޭ އިންޑިޔާއާއި، ޔޫއޭއީ އިން 10 އެއްބަސް ވުމެއްގައި ސޮއެ ކޮށްފި! ރާއްޖެއިން އެއްވެސް އެއްބަސް ވުމެއްގައި މިފަހަރު ސޮއެ ނުކުރޭ!

ވޯލްޑް ގަވަމެންޓް ސަމިޓަށް އިންޑިޔާއިން، ޔޫއޭއީ އަށް ވަޑައިގެން އުޅުއްވާ އިންޑިޔާގެ ބޮޑުވަޒީރު، ޔޫއޭއީ އާއި އެކު 10 އެއްބަސްވުމެއްގައި ސޮއެ ކޮށްފިއެވެ.

މި ގޮތުން ސޮއެ ކޮށްފައިވާ ދާއިރާތަކުގެ ތެރޭގައި، ތިމާވެށްޓާއި ރައްޓެހިކޮށް، ގްރީން ހައިޑްރޮޖަން އިން ކަރަންޓް އުފެއްދުމާއި، މުދާ ސަޕްލައިކުރުމާއި، ލޮޖިސްޓިކް ކަންކަމުގައި ދެ ޤައުމުގެ ދެމެދުގައި އެއްބަސް ވުުމެއްގައި ސޮއެ ކޮށްފައިވެއެވެ. އަދި ޑިޖިޓަލް އިންފްރާސްޓްރަކްޗާގައި އެއްބާރުލުން ދިނުމުގެ އެމްއޯޔޫ އެއްގައިވެސް ސޮއެ ކުރެވުނެވެ. އިންފްރާސްޓްރަކްޗާ އަށް ބޭނުންވާ ފަންނީ ޢިލްމާއި ހުނަރާއި ތަޖުރިބާ ޙިއްޞާކުރުމާއި ގުޅޭ ފްރޭމްވަރކް އެގްރީމެންޓެއްގައި ވެސް ދެ ޤައުމުން ސޮއެ ކުރިއެވެ.

މީގެ އިތުރުން، ގުޖުރާތުގެ ލޯތަލްގައި ހުންނަ ނޭޝަނަލް މެރިޓައިމް ކޮމްޕްލެކްސްއާ ބެހޭ އެމްއޯޔޫ ގައި ސޮއެ ކުރުމުގެ އިތުރުން ޑިޖިޓަލް ޕޭމަންޓް އިންޓަރލިންކް ކުރުމުގެ އެއްބަސްވުމާއި، ބޮޑެތި އުމްރާނީ ތަރައްޤީގެ މަސައްކަތްތައް ކުރުމުގެ އެއްބަސްވުންވެސް އޭގެ ތެރޭގައި ހިމެނެއެވެ.

އެކި ޤައުމުތަކުން، ވޯލްޑް ގަވަމެންޓް ސަމިޓާއި ގުޅިގެން ޔޫއޭއީ އާއި އެކު، ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކުގައި ސޮއެ ކުރަމުން ދާއިރު، ރާއްޖެއާއި ޔޫއޭއީ އާއި ދެމެދު މިފަދަ ތަރައްޤީގެ އެއްވެސް ޕްރޮޖެކްޓެއްގައި ސޮއެ ކޮށްފައެއް ނުވެއެވެ.