ރިޕޯޓު: ގައުމު ބަގުރޫޓުވެ, އައިއެމްއެފްގެ ހަރުކަށި “ބޭންކްރަޕްސީ ޕްރޮގްރާމް”އަށް ދާން ރާއްޖެއަށް މަޖުބޫރުވީ, ޚާރިޖީ ސިޔާސަތު ފެއިލް ވެގެން!

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމަށްފަހު, އިގްތިސާދީގޮތުން ނުރަގަޅު އެތައް ބަދަލުތަކެއް ގައުމަށް ވަނީ ގެންނަވާފައެވެ. އެންމެ ފުރަތަމަވެސް އިސްކަން ދެއްވީ ބޮޑެތި ޕްރޮޖެކްޓްއް ފެއްޓެވުމަށެވެ. އާންމު ރައްޔިތުންގެ ހާލަތު ރަގަޅު ކުރުމަށް, އަދި ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް އެެއްވެސް ވަރެއްގެ އިސްކަމެއް ދެއްވާފައެއް ނުވެއެވެ.

އެގޮތުން އެންމެ ފުރަތަމަވެސް, ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް 25 މިލިއަން ޕަސެންޖަރުން ގެންނާނޭކަމުގެ ހުވަފެން ދައްކަވަން ފެއްޓެވިއެވެ. އެހެންނަމަވެސް މިއީ ކުރިޔަށް އޮތް 50 އަހަރާއި ހަމައަށް ދާއިރުވެސް އެވއެއަރަޕޯޓަށް ކުރިމަތިވާނެ ޑިމާންޑެއް ނޫންކަން ފާހަގަ ކޮށްލެވެއެވެ.

އޭގެ އިތުރަށް ”ރަސްމާލޭ“ގެ ނަމުގައި ބޮޑު ފަޅެއް ހިއްކަން ފެއްޓެވީއެވެ. އަދި މާލެއާއި ”ރަސްމާލެ“އާ ދެމެދު ކަނޑު އަޑީގެ ޓަނަލެއް އަޅުއްވާނެކަމުގެ ވާހަކައަށް ދަންދެން ދައްކަވަން ފެއްޓެވީއެވެ. މާލީގޮތުން ފީސިބަލް ނޫން އެތައް ހުވަފެންތަކެއްގެ ވާހަކަ ރައްޔިތުންނާއި ހަމައަށް ތިލަކޮށް, ދައްކަވަން ފެއްޓެވިއިރު, މިއިން އެއްވެސް މަޝްރޫއަކީ އޭގެ ޒާރުގައި އާމްދަނީއެއް ގައުމަށް ހޯދާ ދޭނެ މަޝްރޫއެއް ނޫންކަން ފާހަގަ ކޮށްލާން ޖެހެއެވެ.

އޭގެ ބަދަލުގައި އާ ރިސޯޓުތަކެއް ކުރިޔަށް އޮތް 3 އަހަރު ދުވަހުގެ ތެރޭގައިވެސް ވުޖޫދު ކުރެވޭނެ އެއްވެސް ޕްލޭންއެއް ފެންނާކަށް ނެތެވެ. ދައުލަތުގެ ވަޒީރުން ދައްކަވަނީ ހުސް ވާހަކައެވެ. އާ ރިސޯޓުތައް ހުޅުވާނެކަމަށް ވިދާޅުވެ ދައްކަވަނީ ހުސް ވާހަކަތަކެވެ. ފަތުރުވެރިކަމާ ބެހޭ ވުޒާރާއަށް އައްޔަން ކުރެއްވީ އިނގިރޭސިބަހުން ލިޔަންކިޔަން ނުދަންނަ, އިންޑަސްޓްރީ އާ ބޭފުޅެވެ.

އެބޭފުޅާގެ ވަޒީރުކަމުގެ ޝަރުތަކަށްވީ, އެއީ ރައީސް މުއިއްޒުގެ އިސް މުޝީރު އަބުދުއްރަހީމްގެ އުފަން ދަރިއަކަށް ވުން އެކަންޏެވެ.

އޭގެ އިތުރުން, ރާއްޖޭގައި ޑޮލަރުގެ ކަޅުބާޒާރުގައި މިއިން ޒަމާނަކުވެސް އަގު އުފުލިގެން ނުދާވަރަށް އަގު އުފުލިގެން ދިއުމުން އިކޮނޮމިކް މިނިސްޓަރ މީޑިއާއަށް ދެއްވަނީ އިންޓަވިއުއެކެވެ.

ވިދާޅުވަނި 3 މަސް ތެރޭ ޑޮލަރުގެ މައްސަލަ ހައްލުވާނެކަމަށެވެ. އެއްވެސް ޕްލޭނެއް, ކުރައްވާނެ ކަމެއްގެ ވާހަކަ ވިދާޅުވާކަށް އެގިވަޑައެއް ނުގަންނަވައެވެ. މާލީ ވަޒީރު 3 މަހުގެ ތެރޭގައި ޑޮލަރުގެ މައްސަލަ ހައްލުވާނެކަމަށް ވިދާޅުވީވެސް, ބޭންކު އޮފް މޯލްޑިވްސްއަށް ޑޮލަރުގެ ތާށިކަން ކުރިމަތިވެ, އެބޭންކުގެ ކާޑުތަކުން ޑޮލަރު ނެގޭ މިންވަރު ލިމިޓް ކުރުމަށް ނިންމިކަން މީޑިއާތަކަށް ތިލަ ވުމާ ހަމައިންނެވެ.

އެންމެ ބޮޑު ސަބަބަކީ ޚާރިޖީ ސިޔާސަތު ފެއިލްވުން?

ރާއްޖެ މާލީގޮތުން ބަގުރޫޓުވާން މެދުވެރިވީ އިގްތިސާދީ އެތައް ސަބަބެއް ހުރިނަމަވެސް މިހުރިހާ ސަބަބަކަށްވުރެވެސް ސީރިއަސް މައްސަލައެއްގެ ގޮތުގައި ފެންނާން އޮތީ, ރާއްޖޭގެ ޚާރިޖީ ސިޔާސަތެވެ. އެއްވެސް ޝައްކެއް ނެތްގޮތުގައި, ބޭރުގެ މާލީ އިދާރާތަކާއި އަދި ގައުމުތަކުން މާލީ އެހީތެރިކަން ހޯދުމުގައި އެންމެ އިސް ދައުރެއް އަދާކުރާ, ދައުލަތުގެ އެންމެ މުހިންމު ވުޒާރާއަކީ ޚާރިޖީ ވުޒާރާއެވެ.

އޭގެ އެންމެ ބޮޑު މިސާލެއް ފެނިގެން ދިޔައީ ރައީސް ސާލިހުގެ ވެރިކަމުގައި, ކޯވިޑް ކާރިސާގެ ތެރޭގައި އޭރުގެ ޚާރިޖިއްޔާއިން އަދާކުރި މުހިންމު ދައުރެވެ. ރާއްޖޭގެ އިގްތިސާދު އިނދަޖެހިގެންދިޔަ އެ ޙައްސާސް ދަނޑިވަޅުގައި, ބޭރުގެ މާލީ އިދާރާތަކާއި, ގައުމުތަކުން މާލީ އެހީތެރިކަން ހޯދުމުގައި އޭރު ޚާރިޖިއްޔާއިން އަދާކުރި ދައުރުގެ ނަތީޖާއެއްގެ ގޮތުން ދިވެހިރާޖެ ”ބަޑަށް ނުޖެހި“ ސަލާމަތް ވީއެވެ.

އެހެންނަމަވެސް މިއަދު ރައީސް މުއިއްޒުގެ ވެރިކަމަށް 3 މަސް ފުރިގެންދިޔައިރު, ގައުމުގެ ޚާރިޖީ ސިސާސަތު އޮތީ ބޮޑުތަލުން ފެއިލް ވެފައެވެ. އެންމެ އަވައްޓެރި އިންޑިއާއާއެކު އާދައިގެ ޚާރިޖީ ގުޅުމެއް ނުދެމެހެއްޓުނެވެ. ގައުމުގެ ވަލިއްޔުލްއަމުރުވެސް އިންޑިއާގެ ބޮޑުވަޒީރަށް އިންޒާރު ދެއްވަނީއެވެ.

ގައުމުގެ ހެޑް އޮފް ސްޓޭޓުން ނިކުންނަވާ ދުނިޔޭގެ ގައުމުތަކަށް އިންޒާރުދީ, އަނެއްގައުމުގެ ހެޑް އޮފް ސްޓޭޓް ބަދުނާމުވާގޮތަށް އެބީދައިން ވާހަކަ ދެއްކުމަކީ “އައިބު” ކަމެއްކަމަށް ރައީސް މުއިއްޒުއަށް ފަހުމް ކޮށްދޭން މި ސަރުކާރުގެ ޚާރިޖީ ވަޒީަރަށް އެނގިއެއް ނުލެއްވިއެވެ.

އޭގެވެސް އިތުރަށް, ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ ސަބަބުން ދުނިޔޭގެ ބޮޑު ދެބާރުގެ ގޮތުގައި ސިފަކުރެވޭ އިންޑިއާއި ޗައިނާވަނީ ހަނގުރާމައިގެ ތުންފަތްމައްޗަށް އައިސްފައެވެ. އަދި ރާއްޖޭގަ މިހާރު އޮތް ސަރުކާރަކީ ޗައިނާގެ ގޮނޑިކޮއްކޮ ސަރުކާރެއްކަމުގައި އެހެން ގައުމުތަކަށް ވަޒަން ކުރެއްވި, ހުޅަނގުގެ ގައުމުތަކާ ރާއްޖެއާއި އޮތް ގުޅުންވެސް ހީނަރު ވެއްޖެއެވެ. ޚަރިޖީ ސިޔސާތަށް އޮތް އިތުބާރު ގެއްލިއްޖެއެވެ.

އޭގެ ނަތީޖާއަކަށް ވެގެންދަނީ, އިންވެސްޓަރުންގެ އިތުބާރު ގެއްލި, ލާހޫރޭ ޚާރިޖީ ސިޔާސަތެއް އޮތް ގައުމަކަށް މާލީ އެހީތެރިން ފޯރުކޮށްދިނުމަށް ގައުމުތަކުންވެސް ދެކޮޅު ހެދުމެވެ. މާލީ އެހީތެރިކަން ފޯރުކޮށް ދިނުމަށް ފަސް ޖެހުމެވެ.

އެއްވެސް ޝައްކެއް ނެތް ގޮތުގައި ރައީސް މުއިއްޒު މިވަނީ މިގައުމު ބަނގުރޫޓު ކޮށްލާފައެވެ. އޮތީ އެންމެ 3 މަސްދުވަހުގެ ތެރޭގައި ފެއިލްވެފައި އޮތް ޚާރިޖީ ސިޔާސަތެކެވެ. މާލީގޮތުން ގައުމު އިދަޖެހިގެންދާއިރު, ގައުމުގެ ރައްޔިތުންގެ %70 ފަގީރުކަމާއި ކުރިމަތިލާން ޖެހޭނެއެވެ.

ސަރުކާރުގެ މަތި ފަޑީގައި ތިބި އިސްވެރިން, މަގާމުގެ ދަހިވެރިކަމުގައި, ގައުމު ބަގުރޫޓު ނުވާކަމަށް ބުނަމުންދާނެއެވެ. މޮޅެތި ވާހަކަވެސް ދައްކާނެއެވެ. ސްރީލަންގެ ރައީސް ކަމުގައި ހުންނެވި ގޮޓާބޭވެސް, ރައްޔިތުން އޭނާ ތަޅާ ރޯނާ ގަންނުވާލާ, ގައުމުން ބޭރަށް ފޮނުވާލިއިރުވެސް ކިޔުއްވަމުންގެންދެވީ އެލަވައެވެ.

ހަމަ އެއް ރާގެކެވެ. އެހެންނަމަވެސް އެންމެ ރައްކާތެރި ގޮތަކީ މިހަގީގަތް ގަބޫލުކޮށް ވަގުތު ފާއިތު ވުމުގެ ކުރިން ރައްޔިތުން ސަލާމަތީގޮތުން އެޅެންހުރި ހުރި ފިޔަވަޅުތަކެއް އެޅުމެވެ. އެއީ ރައީސް މުއިއްޒު އަޒުލް ކުރުން ކަމަށްވިޔަސް މިއަދު މިވަނީ އެފިޔަވަޅުވެސް އަޅަން މަޖުބޫރު ވެފައެވެ.