ޗައިނާއިން ރާއްޖެއަށް ފައިދާ ވާހެން އެހީ އެއް ނުވާނެ: އެމެރިކާ

ޗައިނާއިން ރާއްޖެއަށް ފައިދާ ވާހެން އެހީ ނުވާނެ ކަމަށް، އެމެރިކާގެ އެސިސްޓެންޓް ސެކްރެޓަރީ އޮފް ސްޓޭޓް ފޮ ސައުތު އެންޑް ސެންޓްރަލް އޭޝިއަން ‌‏އެފެއާޒް ޑޮނަލްޑް ލޫ ވިދާޅު ވެއްޖެއެވެ.

ޔުނައިޓެޑް ސްޓޭޓްސް އިންސްޓިޓިއުޓް ފޯ ޕީސްގައި ބޭއްވި އިންޑޯ-ޕެސިފިކް ގުޅުމާ ބެހޭ ޕެނަލް ޑިސްކަޝަނެއްގައި ލޫ ވިދާޅުވީ, ޗައިނާއިން ރާއްޖޭގެ މައްޗަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރާ ކަމަށާއި، އަދި ޗައިނާ ރާއްޖޭ އަށް ފައިދާ ކުރާފަދަ ބައިވެރި އަކަށް ވާނީ، ރާއްޖޭގެ ޕާރޓްނާ ގައުމުތަކުން، ރާއްޖެއަށް އެހީތަކާއި އިންވެސްޓްމެންޓްތައް ގެނެސްގެން ވާދަ ވެރި މާހައުލެއް އުފައްދައިގެން ކަމަށެވެ. ވާދަވެރި މާހައުލެއް ނެތް ނަމަ، ޗައިނާއިން ރާއްޖެއަށް ލޯނު ދޭނީ، ފައިދާ ނުވާ ޕްރޮޖެކްޓް ތަކަށް ކަމަށާއި، އަދި ދެމެހެއްޓެނިވި ގޮތުގައި ދަރަނި ނުބެލެހެއްޓޭނެ ފަދަ ގޮތަކަށް ކަމަށެވެ.

ރާއްޖެއިން ވަނީ އިންޑިޔާއާއި އޮތް ގުޅުން ކަނޑާލާފައެވެ. މީގެ ނަތީޖާއެއް ގޮތުން މިހާރު ރާއްޖެ ވަނީ ޗައިނާގެ ފައިބުޑަށް ވެއްޓިފައެވެ. ދާދި ފަހުން ޗައިނާ އަށް މުއިއްޒު ވަޑައިގެން 12 ފިހާރަ އަށް ބޭނުންވާ ހަތަރު ފާރު ހުޅުމާލޭގައި އަޅަން 50 މިލިއަން ޑޮލަރަށް ޗައިނާ ކުންފުންޏަކާއި ދިވެހި ސަރުކާރުން ވަނީ ސޮއި ކޮށްފައެވެ.

މިވަގުތުވެސް ރާއްޖެ އެންމެ ބޮޑަށް ދަރާފައިވަނީ ޗައިނާއަށެވެ. އިންޑިޔާ އާއި އަޅާ ބަލާއިރު ދެގުނަ އަށް ވުރެ ބޮޑޫ އަދަދެއް ޗައިނާއަށް ދައްކަން ޖެހިފައިވާ ދަރަނީގެތެރޭގައި ހިމެނެއެވެ. ޗައިނާއިން ރާއްޖެ ދަރަނީގެ ދަންތުރައަކަށް ވައްޓާލާފައިވާއިރު، ސަރުކާރުން ދަނީ އަދިވެސް ޗައިނާއިން ލޯނު ހޯދުމަށް މަސައްކަތް ކުރަމުންނެވެ.

ރާއްޖެ ބަނގުރޫޓުވެ، މަސްވެރިންނަށް ފައިސާ ދޭނެ ގޮތެއް ނެތިގެން އުޅޭ އިރު، މުއިއްޒުގެ ފަރާތުން ފެންނަނީ ސިޔާސީ މަގާމުތައް އިތުރުކުރަމުންދާ މަންޒަރެވެ.