ސަރުކާރުގެ ވެރިން އިކޮނޮމީ ކުލާހުގައި ދަތުރު ކުރައްވާގޮތަށް މުއިއްޒު ނިންމަވާފައި ވަނިކޮށް, އަދުރޭގެ ދަރިފުޅާއި ސްޓޭޓް މިނިސްޓަރ ބިސްނަސް ކުލާހުގައި ބާރލިންއަށް! ޓިކެޓަށް އެކަނިވެސް 144,000 ރުފިޔާ ޚަރަދުވާނެ!

ރައީސްއާއި ނާއިބު ރައީސް ފަސްޓު ކުލާހުގައި ދަތުރު ނުކުރެއްވުމަށާއި, އަދި ސަރުކާރުގެ ހުރިހާ އިސް އޮފިޝަލުންވެސް އިކޮނޮމީ ކުލާހުގައި ދަތުރު ކުރައްވާގޮތަށް ރައީސް މުއިއްޒު ނިންމަވާފައި ވަނިކޮށް, ޓުއަރިޒަމް މިނިސްޓަރުކަމުގައި ހުންނެވި, ރައީސް މުއިއްޒުގެ ޚާއްސަ މުޝީރު އަބުދުއްރަހިމްގެ ދަރިފުޅު އިބްރާހިމް ފައިސަލްއާއި ޓުއަރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ނާޒިމް މުޙައްމަދު ބިޒްނަސް ކުލާހުގައި މިއަދު ހެނދުނު ބާލިން ފެއަރއަށް ޖާމަނީގެ ބާލިންއަށް ފުރައިވަޑައިގެންފިއެވެ.

މި ދެބޭފުޅުންވެސް ބާލިން ފެއަރއަށް ފުރާވަޑައިގެންނެވީ މިއަދު ހެނދުނު ޤަތަރު އެއަރވޭސްއިންނެވެ. ,މިއިން ކޮންމެ ބޭފުޅެއްގެ ޓިކެޓަށް 72,000 ދިވެހި ރުފިޔާ ޚަރަދު ވާނެއެވެ.

ވެރިކަމުގެ ހުވާ ކުރެއްވުމަށްފަހު, ތުރުކީއަށާއި އެމިރޭޓްސްއަށް ކުރެއްވި ދަތުރުފުޅަށްފަހު އެނބުރި ވަޑައިގެން އެއާޕޯޓުގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ފާއިތުވި ޑިސެމްބަރުމަހުގެ 3 ވަނަ ދުވަހު ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނާއި ނާއިބު ރައީސްގެ ދަތުރުފުޅުތަކުގެ މަޤުޞަދަކީ ދައުލަތުގެ ފައިސާއިން ޚަރަދުކުރެއްވުން ނޫންކަމަށެވެ. ނަމަވެސް އެމަނިކުފާނާ ނާއިބު ރައީސްގެ ދަތުރުފުޅުތަކުގެ މަޤުޞަދަކީ ރައްޔިތުންނަށް ރަނގަޅު ނަފާވަނިވި ކަންތައްތަކެއް ހާސިލުކުރުން ކަމުގައި ރައީސް ވިދާޅުވިއެވެ.

އަޅުގަނޑު ބޭނުމެއް ނޫން ފަސްޓު ކުލާހުގައި ދަތުރުކުރާކަށް. ބިޒްނަސް ކުލާހަށްވުރެ މައްޗަށް ދާކަށް ބޭނުމެއް ނޫން. ނައިބުރައީސްވެސް ބޭނުމެއް ނޫން.

ފާއިތުވި ޑިސެމްބަރުމަހުގެ 3 ވަނަ ދުވަހު ވެލާނާ އިންޓަރނޭބަނަލް އެއަރޕޯޓުގައި ނޫސްވެރިނާ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވިއެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއްޒު ވިދާޅުވެފައިވަނީ ސަރުކާރުގެ އޮފިޝަލުންވެސް ފަސްޓު ކުލާހުގައާއި ބިޒްނަސް ކުލާހުގަ ދަތުރު ނުކުރައްވާނެ ކަމުގައެވެ.

އަދި ރައީސް މުއިއްޒުގެ މި ނިންމެވުމަށް އިހުތިރާމްކުރުމުގެ ގޮތުން, ޗައިނާއަށް ރައީސް މުއިއްޒު ކުރެއްވި ދަތުރުފުޅުގައި ސަރުކާރުގެ ވަޒީރުންވެސް ދަތުރު ކުރައްވާފައިވަނީ އިކޮނޮމީ ކުލާހުގައެވެ. އެކަން ޔަގީން ކޮށްދިނުމުގެ ގޮތުން އެ ދަތުރުގައި ބައިވެރިވި ރައީސް އޮފީހުގެ މިނިސްޓަރ ޚަލީލްވަނީ ދައުލަތުގެ ވަޒީރުން އިކޮނޮމީ ކުލާހުގައި ދަތުރުކުރެއްވި ވީޑިއޯވެސް އާންމު ކޮށްފައެވެ.

“ދިޔަވަރު އޮންލައިން”އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ބާލިން ފެއަރއަށް އަދުރޭގެ ދަރިފުޅު ފައިސަލްއާއި ސްޓޭޓް މިނިސްޓަރ ނާޒިމްގެ އިތުރުން 6 ބޭފުޅަކު ވަޑައިގެންނަވާނެއެވެ. އެ ބޭފުޅުން ދަތުރު ކުރައްވަނީ ޓާކިޝް އެއަރލައިނުންނެވެ.

ބާލިން ފެއަރއަށް ޓުއަރިޒަމް މިނިސްޓްރީން އެކަނިވެސް 8 ބޭފުޅުންގެ ވަފުދެއް ފުރާފައިވާއިރު, ސަރުކާރުން ވަނީ ޚަރަދު ކުޑަކުރުމަށް ސަރުކާރުގެ އޮފީސްތަކަށް އަންގާ ސާކިއުލާއެއްވެސް ފޮނުވާފައެވެ. އެ ސާކިއުލާގައިވަނީ ސަރުކާރުގެ އެއްވެސް އޮފީހަކަށް އާ މުވައްޒަފަކު ނަގައިގެން ނުވާނެކަމަށާއި, އެއްވެސް މުވައްޒަފެއްގެ މުސާރަވެސް ބޮޑު ކޮށްގެން ނުވާނެ ކަމުގައެވެ.

އެހެންނަމަވެސް މުވައްޒަފުންގެ މުސާރައިގެ ކުރިއެރުން ހިފެހެއްޓުމަށްފަހު, ދަނީ ރާއްޖެއިން ބޭރަށާއި އަތޮޅުތަކަށް ބޮޑެތި ވަފުދުތަކާއެކު ދަތުރުކޮށް ދައުލަތުގެ މާލިއްޔަތުން ބޮޑެތި ޚަރަދުތަކެއް ކުރައްވަމުންނެވެ.