ޗައިނާއާއި އެކު ސޮއެ ކުރި މިލިޓަރީ އެގްރިމެންޓްތަކުގައި، އެ އެގްރިމެންޓްތައް ނިމޭނެ ތާރީހެއް ނެތް! މިއީ ރާއްޖެ އޮތްހާ ދުވަހަކު ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލަށް އޭގެ އަސަރު ކުރާނެ އެއްބަސްވުންތަކެއް!

ޗައިނާއާއި އެކު ދިވެހި ރާއްޖެއިން ސޮއެ ކުރި އެއްބަސްވުންތަކުގައި އެ އެއްބަސްވުންތައް ނިމުމަމަކަށް އަންނާނެ ތާރީޚެއް ނުވަތަ މުހުލަތެއް ހިމަނާފައި ނެތް ކަމަށާއި، އެއްބަސްވުމުގައި ވަނީ ޗައިނާއިން ރާއްޖޭގައި ހިންގާ މިލިޓަރީ “އެހީތެރިކަން” ނިމެންދެން އެގްރިމެންޓް ދެމި އޮންނާނެ ކަމަށެވެ.

ވަކި މުހުލަތެއް ނެތި، އެއްބަސްވުން ހަދާފައިވުމުން އޭގެ އަސަރު ރާއްޖޭގެ މިނިވަން ކަމާއި އިސްތިޤްލާލަށް ކުރާނެ އެވެ. ދިޔަވަރު ނޫހަށް މި މައުލޫމާތު ލިބިފައިވަނީ މި އެއްބަސްވުންތައް ކިޔާފައިވާ ފަރާތަކަށެވެ.

މި ފަދައިން ދޭދޭ ޤައުމުތަކުގެ މެދުގައި އާންމުކޮށް އެއްބަސްވުން ހަދާފައި ނުހުރެއެވެ. އަބަދުވެސް އެއްބަސްވުން ނިމޭނެ ތާރީހެއް އޮންނާނެ އެވެ. އަދި އެއްބަސްވުން އާ ކުރަން ބޭނުންވާ ހާލަތެއްގައި އަމަލު ކުރާނެ ގޮތެއް އޮންނާނެއެވެ.

މި އެއްބަސްވުމުގައި މި އެއްބަސްވުން ބާތިލު ކުރެވޭނެ ގޮތެއް އެއްބަސްވުމުގައި ހިމަނާފައި ނުވާ ކަމަށާއި، އަދި އެއްބަސްވުން ނިމޭނެ ތާރީހެއް ނުދީ، ރާއްޖޭގައި ހިންގާ މިލިޓަރީ “އެހީތެރިކަން” އެއްބަސްވުން ދެމިއޮންނާނެ ކަމަށް އޮތް އޮތުމަކީ، އެތައް ސަތޭކަ އަހަރަކަށް ރާއްޖޭގެ ޚާރިޖީ އަދި މިލިޓަރީ ސިޔާސަތަށް އޭގެ ނުރަނގަޅު އަސަރު ފޯރާނޭ ކަމެކެވެ.

އިންޑިޔާ އާއި އެކު ހަދާފައިވާ އެއްބަސްވުންތަކަކީ ރާއްޖޭގެ މިނިވަންކަމަށް އޭގެ އަސަރު ކުރާހެން ހަދާފައިވާ އެއްބަސްވުންތަކެއް ކަމަށް ބުނެ ވެރިކަމަށް އައުމަށްފަހު، ރާއްޖޭގެ މިނިވަންކަމަށް ބުރު އަރާފަދަ އެއްވެސް ކަމެއް އެއްވެސް އެއްބަސްވުމެއްގައި ނެތުމުން، އޭގެ އެއްވެސް އެއްބަސްވުމެއް ސަރުކާރުން ހާމަކޮށްފައި ނުވެއެވެ.

އެއާއި ޚިލާފަށް ޗައިނާއެކު މުއިއްޒު ސޮއެ ކުރަމުންދާ މިލިޓަރީ އެއްބަސްވުންތަކަކީ ރާއްޖެއަށް އޭގެ ނުރައްކާތެރިކަށް އޮތް އެއްބަސްވުން ތަކެކެވެ. އަދި ރާއްޖޭގެ ސަލާމަތާއި، މިނިވަންކަމާއި އިސްތިޤްލާލު މުއިއްޒު މިވަނީ ބޭރުގެ މުސްލިމުންގެ އަދުއްވުންތަކެއްގެ އަތްމައްޗަށް ދޫކޮށްލާފައެވެ.