ފަގީރުންނާއި މިސްކީނުންނަށް ރޯދަ ވީއްލުން ދިނުމުގެ ނަމުގައި އަނެއްކާވެސް އާ ޖަމިއްޔާއަކުން ފައިސާ ހޯދަން ފަށައިފި, އެއްވެސް އޮޑި ކުރުމެއް ނެތި ހިންގާ މިފަދަ ޖަމިއްޔާތަކާ ފައިސާ ހަވާލު ނުކުރައްވާ!

ދުނިޔޭގެ އެކި ގައުމުތަކުގައި ދިރިއުޅޭ މުސްލިމުންނަށް އެހީވުމުގެ ނަމުގައި, މި ރޯދަމަހާއި ދިމާކޮށް, މުޅިން އާ ޖަމިއްޔާއަކުން ފައިސާ ހޯދުމަށް އިސްތިހާރު ކުރަން ފަށައިފިއެވެ.

“ޚިދުމަތް” ނަމަކަށް ކިޔާ ޖަމިއްޔާއަކު ސޯޝަލް މީޑިއާގައި އިސްތިހާރު ކުރަން ފަށާފައިވަނީ އެއްމަސްދުވަހުގެ ރޯދަ ވީއްލުމަށް ޕެކޭޖްތަކެއް ހެދުމަށްފަހު, ބަންގްލަދޭޝް, ރޮހިންގޔާ ކޭމްޕް, އަފްއާނިސްތާން, ޕާކިސްތާން, އިންޑިއާ, ތަންޒޭނިޔާ އަދި ސީރިޔާގައި ދިރިއުޅޭ ފަގީރުންނާއި މިސްކީނުންނަށް ރޯދަ ވީއްލުން އެޖަމިއްޔާއިން ހަމަޖައްސާދޭކަމަށް ބުނެއެވެ.

މި ޖަމިއްޔާއިން އެކައުންޓު ނަންބަރުތައް އާންމުކޮށް އެ އެކައުންޓްތަކަށް ފައިސާ ޖަމާ ކޮށްދިނުމަށް އިސްތިހާރު ކުރަމުންދާއިރު, މިއީ ކޮން ބައެއްކަމެއް, އަދި މި ޖަމިއްޔާއިން ފައިސާ ޖަމާކުރުމަށްފަހު އެފައިސާ ހޭދަކުރާގޮތް ބެލޭނެ އެއްވެސް ޒިންމާދާރު އުސޫލެއް އެކަށައަޅާފައި އޮތްކަމެއްވެސް އެނގޭކަށް ނެތެވެ.

އަދި ދީނުގެ ނަން ބޭނުންކޮށްގެން މިގޮތަށް ތަފާތު ޖަމިއްޔާތަކުން އެއްކުރާ ފައިސާއަކީ އެއްވެސް އޮޑިޓެއް ކުރެވޭ އުސޫލަކުން ހޭދަކުރާ ފައިސާއެއް ނޫންކަންވެސް ފާހަގަ ކޮށްލެވެއެވެ.

މިފަދަ ޖަމިއްޔާތަކުން އާންމުކޮށް ގެންގުޅޭ އުސޫލަކީ, އާންމު ރައްޔިތުން ދޭ ފައިސާއިން ހޭދަކޮށްގެން ކާނާއާއި ތަކެތި ބެހިކަމަށް ބުނާ ފޮޓޯތަކެއް އާންމު ކުރުމެވެ. އެހެންނަމަވެސް އެފައިސާއިން އެހީދިނުމަށް ހޭދަކުރާ މިންވަރެއް, ނުވަތަ ޚަރަދު ކުރާ ގޮތުގެ އިތުބާރު ހުރި އެއްވެސް މައުލޫމާތެއް މިފަދަ ޖަމިއްުޔާތަކުން ހާމައެއް ނުކުރެއެވެ.

ރާއްޖޭގައި ޖަމިއްޔާތައް ރަޖިސްޓްރީކޮށްގެން, ދުނިޔޭގަ ދިރިއުޅޭ ފަގީރުންނަށް އެހީވުމަށް ކަމަށް ބުނެ ފަންޑު ހުޅުވައި އެތަށް މިލިއަން ރުފިޔާއެއް އާންމުން އަތުން މިފަދަ ޖަމިއްޔާތަކުން ނަގާއިރު, ދުނިޔޭގެ ފަގީރު މުސްލިމުންނަށް އެހީވެވޭނެ އިތުބާރު ހުރި ވަސީލަތްތައް މިއަދު އެބަހުއްޓެވެ. އެގޮތުން ފަލަސްތީނާއި, ސީރިއާ އަދި އަފްއާނިސްތާންގައި ތިބި ފަގީރުންނަށްވެސް ޔޫއެން އަދި ރެޑްކްރެސެންޓް މެދުވެރިކޮށްވެސް މިއަދު އިތުބާރާއެކު އެހީވެވޭނެ އިންތިޒާމްތައް ވަނީ ހަމަޖެހިފައެވެ.

ދާދިފަހުން އިންޓަރނޭޝަނަލް އެއިޑް ކެމްޕޭނުން (އައިއޭސީ) ނަމަކަށް ކިޔާ ޖަމިއްޔާއަކުންވެސް ވަނީ ޣައްޒާގަ ހާލުގައި ޖެހިފައިވާ މުސްލިމުންނަށް އެހީވުމުގެ ނަމުގައި ފަންޑެއް ހުޅުވާ 18 މިލިއަން ރުފިޔާ އެޖަމިއްޔާގެ އެކައުންޓަށް ޖަމާކޮށްފައެވެ. އެހެންނަމަވެސް އެފައިސާ ހޭދަކުރި ގޮތް އެނގޭނެ އެއްވެސް އޮޑިޓެއް އަދި އަދާއިހަމައަށްވެސް އެޖަމިއްޔާއިން ހާމަކޮށްފައެއް ނުވެއެވެ.

ފަހުން މައުލޫމާތު ލިބިފައިވާ ގޮތުގައި އެޖަމިއްޔާގެ އިސްވެރިންގެ އައިލާ މިހާރު ދިރިއުޅެމުންދަނީވެސް މެލޭޝިއާގައެވެ.

މުސްލިމުންނަށް އެހީވުމުގެ ނަމުގައި އަމިއްލަ ޖަމިއްޔާތަކުން ހިންގާ މިފަދަ ފަންޑުތަކަށް ފައިސާ ޖަމާ ނުކުރުމަށް އާންމު ރައްޔިތުން މިހާރު ސަމާލުކަން ދޭން އެބަޖެހެއެވެ. މިއީ ގިނަފަހަރަށް, އެއްވެސް އޮޑިޓް ކުރުމެއް ނެތް, އަމިއްލަ މަސްލަހަތުގައި ހިންގާ ޖަމިއްޔާތަކެވެ. މި ޖަމިއްޔާތަކުން އާންމު ރައްޔިތުން އަތުން އެތައް މިލިއަން ރުފިހާ ނެގުމަށްފަހު, އެފައިސާއިން ހޭދަ ކުރާ މިންވަރެއް, އަދި ހޭދަކުރާ ގޮތުގެ ސާފު މައުލޫމާތު ހާމަނުކޮށް, އާންމު ރައްޔިތުންނަށް ދައްކާލަނީ, އެހީ ބެހިކަމަށް ބުނާ ފޮޓޯތަކެއް އެކަންޏެވެ.

ސަބަބަކީ ކޮން ބަޔަކުކަން ނޭގޭ މިފަދަ ފަރާތްތަކުން ހިންގާ ފަންޑުތަކަށް ފައިސާ ޖަމާނުކޮށް, ޔޫއެންގެ ނިޒާމްތަކާއި އަދި ބައިނަލްއަގުވާމީ މުވައްސަސާތައްވެސް މެދުވެރިކޮށް އިތުބާރާއެކު, ހާލުގައި ޖެހިފައިވާ އެތައް ބަޔަކަށް އެހީވެވޭނެ ނިޒާމްތައް ގާއިމްވެފައި ހުރުމާއެކުއެވެ.