އިޤްތިޞާދީ ހާލަތު ނޭވާހޮޅިއަށް އެޅިފައި ވަނިކޮށް، ޕްރޮޖެކްޓްތައް ހުއްޓާލައި އެފައިސާ ސިޔާސީ ފަރާތްތަކަށް ބެހުމަކީ ޤައުމަށް ވެވޭ ޤައްދާރުވުމެއް! ބޮޑު ހިޔާނާތެއް!

2024 ވަނަ އަހަރުގެ ބަޖެޓުގައި ތަރައްޤީގެ މުހިންމު ގިނަ މަޝްރޫޢުތަކާއި، އުމްރާނީ އަދި ޒަރޫރީ ބޭނުންތައް ހިމެނޭ ގޮތަށް ރަށްރަށުގެ ތަރައްގީއަށް 6.5 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ. ނަމަވެސް 2024 ވަނަ އަހަރުގެ ފެބްރުއަރީ މަސް ނިމުނު އިރު ސަރުކާރުން ރަށްރަށުގައި ހިންގާ މަޝްރޫއުތަކަށް ހޭދަކޮށްފައި ވަނީ އެންމެ 300 މިލިއަން ރުފިޔާ އެވެ. ތަރައްޤީގެ މަސައްކަތްތަކަށް ޚަރަދު ކޮށްފައިވާ މިންވަރު މަދުވުމުން އެއިން ދައްކައިދެނީ، ސަރުކާރުން ރާއްޖޭގެ ތަރައްޤީއަށް ފައިސާ ބަޖެޓް ކޮށްފައި ހުރި ގިނަ ޕްރޮޖެކްޓްތައް ހުއްޓާލާފައި ވާކަމެވެ. ތަރައްޤީ އަށް ރާވާފައިވާ ޕްރޮޖެކްޓްތައް ހުއްޓާލުމަކީ، ޤައުމަށް ވެވޭ ވަރަށް ބޮޑަށް އިހުމާލެކެވެ. އަޅުގަނޑުމެންގެ ރަށްރަށުގެ ޒަރޫރީ ބޭނުންތަކަށް ހިންގަމުންދާ މަޝްރޫޢުތައް އެއްކޮށްހެން ހުއްޓުމަކަށް އައިސްފައި ވުމަކީ ކަންބޮޑުވުން އިންތިހާއަށް އޮތް މައްސަލައެކެވެ.

2023 ވަނަ އަހަރު ފެބްރުއަރީ އާއި ހަމައަށް އޭރުގައި އޮތް އެމްޑީޕީގެ ސަރުކާރުން ވަނީ ތަރައްޤީގެ މަޝްރޫޢުތަކަށް 1.5 ބިލިއަން ރުފިޔާ ޚަރަދު ކޮށްފައެވެ. މި މުއްދަތުގައި 2024 ވަނަ އަހަރު މި ސަރުކާރުން ޕްރޮޖެކްޓްތަކަށް ޚަރަދު ކޮށްފައިވަނީ އެންމެ 300 މިލިއަން ރުފިޔާއެވެ. މިއީ ވަރަށް ކުޑަ މިންވަރެކެވެ.

ރަށްތަކުގެ ތަރައްޤީ ހުއްޓުމުގެ އިތުރުން، މުޅި އިޤްތިޞާދަށް މިކަމުގެ އަސަރު ފޯރާނެއެވެ. މި ކަމުން ހުއްޓިގެން އެދަނީ އިޤްތިޞާދުގައި އެނބުރެމުން ދާ ފައިސާއެވެ. އިޤްތިޞާދުގައި ފައިސާ ދައުރުވާނެ ގޮތް މިގޮތަށް ހުއްޓުވާލުމަކީ އިޤްތިޞާދު ނޭވާހޮޅިއަށް އެޅުމެވެ.

މީގެ އިތުރުން މުއިއްޒުގެ ސަރުކާރުން ހިންގާ ޕްރޮޖެކްޓްތަކުގެ ދުވެލި މަޑުޖެހުމުގެ ސަބަބުން، ރައީސް ޞާލިޙްގެ ސަރުކާރުން، ރަށްތައް ތަރައްޤީ ކޮށް، އަސާސީ ވަސީލަތްތައް އެ ރަށްތަކުގައި ގާއިމު ކުރުމުގައި ހޯއްދަވާފައިވާ ކުރިއެރުން، ހުއްޓިގެން ދާނެއެވެ. މިއީ މުޅި ރާއްޖޭގެ ދުވެލި ހުއްޓިގެންދާ ކަމކެވެ. މިގޮތުން، ރަށްތަކަށް ދޭ އަހަންމިއްޔަތު ކަން ކުޑަ ކުރުމުގެ ނަތީޖާ އަކަށް ވާނީ، ރަށްރަށުގައި ދިރިއުޅޭ މީހުން އިތުރަށް ނިކަމެތިވެ، އެމްޑީޕީ އިން ލާމަރުކަޒީ ކޮށް ގެނައި ތަރައްޤީ ހުއްޓި، މާލޭގައި އޮތް މަރުކަޒީ އިދާރީ ހިންގުމަށް ބަރޯސާވެ، ވެރިއަކަށް ހުންނަ މީހާއަށް ސަލާން ޖަހަންޖެހޭ ސަގާފަތް އަލުން އިއާދަވުމެވެ.

މުއިއްޒު ވަނީ، ވެރިކަމަށް އައުމަށް ވެ ވަޑައިގެންނެވި ވައުދާއި ޚިލާފުވެފައެވެ. މިގޮތުން މި މައުޟޫގައި ފާހަގަކޮށްލަން ޖެހޭ ކަމަކީ ރިޔާސީ އިންތިހާބުގައި ރައީސް ޑރ.މުއިއްޒު ވައުދުވެ ވަޑައިގަތީ އެމްޑީޕީގެ ސަރުކާރުން މިހާރުވެސް ފަށާފައިވާ އެއްވެސް މަޝްރޫޢެއް، ޚާއްޞަކޮށް ކުދި ރަށްރަށުގެ ދިރިއުޅުމާ ގުޅިފައިވާ ތަރައްޤީގެ މުހިންމު މަޝްރޫޢުތައް ހުއްޓާނުލައި ކުރިއަށް ގެންދާނޭ ކަމުގެ ވައުދެވެ. އާދައިގެ މަގުން މުއިއްޒު މިއަދު ވިދާޅުވަމުން ދަނީ، ވީ ވައުދާއި ޚިލާފަށް ތިމަންނާ މަޝްރޫޢުތައް ހިންގާނީ ވަކި ރަށްތަކެއްގައި ކަމަށެވެ. ނަމަވެސް ހަޤީގަތަކީ މިއަދު ރާއްޖޭގެ އެއްވެސް ތަނެއްގައި ކުރިއަށްދާ އެއްވެސް ޕްރޮޖެކްޓެއް ނެތްކަމެވެ. މުޅި ޤައުމުގެ އިޤްތިޞާދީ ބުރު ހުއްޓިފައިވާ ކަމެވެ.

މުއިއްޒުގެ އެންގުމަށް، ހުއްޓާލާފައިވާ މަޝްރޫއުތައް މިހާރުން މިހާރަށް ރަށްރަށުގައި ފަށައިގެން ކުރިއަށް ގެންދިޔުމަކީ، ރާއްޖޭގެ ތަރައްޤީ އަށް ނުހަނު ބޭނުންތެރި ކަމަކަށް ވާއިރު، އެއީ އިޤްތިޞާދީ ބުރު އެނބުރި، ރައްޔިތުން އަތަށް ފައިސާ އަރާނެ ހަމައެކަނި ގޮތްވެސް މެއެވެ. މިކަންކަން ހުއްޓާލައި، އެ ފައިސާއިން، ސިޔާސި ފަރާތްތަކަށް އެކި ގޮތް ގޮތަށް ފަންޑުކޮށް ތަޅާ ބުރުވާލުމަކީ، އިޤްތިޞާދުގެ ނޭވާ ބަންދުކޮށް މުޅި ޤައުމު ހާސްކަމަކަށް ވައްޓާލުމެވެ.

ސިޔާސީ ފަރާތްތަކަށް އެ ފައިސާ ބަހަމުން ދަނީ ބޭނުން ނުވާ ބޮޑެތި މަޤާމުތައް އުފައްދައި، އެތައް ބަޔަކު އެއްފަހަރާ ސިޔާސީ ބޭނުމަށް ޕްރޮމޯޓްކޮށް، އެމީހުންނަށް މުސާރަ ދީގެންނެވެ. ދަނޑުވެރިކަމުގެ ޕްރޮޖެކްޓްތަކަށް ޚަރަދު ކުރުމުގެ ނަމުގައި އާއި، އަންހެނުންނަށް ހާއްސަ ލޯނުތައް ދިނުމުގެ ނަމުގައި ސިޔާސީ ވަކި ބަޔަކަށް އިންތިހާބާއި ދިމާކޮށް އެ ފައިސާ ބަހާލައިގެންނެވެ. މިއީ ސަރުކާރުން ހިންގާ އިޤްތިޞާދީ ބޮޑު ޖަރީމާއެކެވެ. އިޤްތިޞާދީ ހާލަތު ނޭވާހޮޅިއަށް އެޅިފައި ވަނިކޮށް، ޕްރޮޖެކްޓްތައް ހުއްޓާލައި އެފައިސާ، ސިޔާސީ ފަރާތްތަކަށް އެކި ނަންނަމުގައި، ބެހުމަކީ ޤައުމަށް ވެވޭ ޤައްދާރުވުމެކެވެ. ވެވޭ ބޮޑު ހިޔާނާތެކެވެ. މިއީ ދިވެހިންނަށް ގެނެސްދިން ދިވެހިންގެ އިޤްތިޞާދުތޯއެވެ؟