މުއިއްޒު ބުނެގެން މަލްޝާ ހެދި ބޮޑު ދޮގުން އަންގައިދެނީ ޤައުމުގައި ވަޒީފާގެ އަމާން ކަން އެކަކަށްވެސް ނެތް ކަން. 5 އަހަރު ފަހުން ވަޒީފާގެ ބިރުވެރިކަން އިންތިހާއަށް!

ސިޔާސީ މަގާމުތަކަކީ ކޮބައިކަން ޤާނޫނުން އެނގެން އެބައޮތެވެ. އެއީ ރައީސުލްޖުމްހޫރިއްޔާ ޤާނޫނީ ގޮތުން ލިބިގެން ވާ ބާރުގެ ތެރެއިން އައްޔަން ކުރާ މަގާމުތަކެވެ.

އިންޖީނުގޭގެ ޕިއޯނު މަގާމައި، އިންޖީނުގޭގެ މެނޭޖަރު މަގާމަކީ ފެނަކަ ނުވަތަ ސްޓެލްކޯ އިން އިއުލާން ކޮށްގެން އެކަމަށް ނަގާ މަގާމުތަކެވެ. އެއީ ސިޔާސީ މަގާމުތަކެއް ނޫނެނެވެ.

ކުރީގެ ނާއިބުރައީސް ފައިސަލް ނަސީމްއާއެކު އިއްޔެ އއ.މާޅޮހަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު ކުރެއްވި ދަތުރުފުޅުގައި ސްޓެލްކޯގެ މެނޭޖަރ އަހްމަދު ލަތީފް އެބޭފުޅުންނަށް މަރުހަބާކިޔުމަށް ބައްދަލުކުރުމުންމި އަނިޔާވެރި ސަރުކާރުން ވަނީ އޭނާ ވަޒީފާއިން ވަކި ކޮށްފައެވެ. އަދި ލ. މައިބާދޫ ސްޓޭޝަން މެނޭޖަރ ހަސަން ޝައުގީ ވެސް ވަނީ އެއްވެސް ޚައްގަކާނުލާ ވަޒީފާއިން ވަކިކޮއްފައެވެ. މަޖިލީހުގެ މެޖޯރިޓި ނެތި މިވަރުކޮށްލާއިރު، މެޖޯރިޓީ ލިބިއްޖެނަމަ މިސަރުކާރުގެ އަނިޔާވެރިކަން ހައްދުފަހަނައަޅައި ދާނެ ކަމަށް ފައްޔާޒު ޓްވީޓް ކުރެއްވުމުން މުއިއްޒުގެ އެދުމުގެ މަތިން މަލްޝާ ކުރި ޓްވީޓުން ދޭހަ ކޮށްދިނީ، ރާއްޖޭގައި އެއްވެސް ފަރުދަކަށް އެއްވެސް ވަޒީފާއެއްގައި އުޅުމުގެ ސަލާމަތްތެރި ކަމެއް އެއްވެސް މިންވަރަކަށް ނެތްކަމެވެ.

އެ ޓްވީޓުން ރަމްޒުކޮށްދެނީ އަނިޔާވެރިކަން ހުރި މިންވަރެވެ. މިއީ ރައީސް މައުމޫނުގެ އަނިޔާވެރި ޚުދުމުހުތާރު ވެރިކަމަށް ވުރެ އަނިޔާވެރި ވެރި ކަމެއް ކަމެވެ.

ޑެޕިއުޓީ މިނިސްޓަރ މަލްޝާ ޓްވީޓް ކޮށްފައި ވަނީ، “ރަށްރަށުގެ އިންްޖީނުގޭގެ މެނޭޖަރުންނަކީ ސިޔާސީ މަގާމެއް. މިއީ ހަމަ އެންމެނަށް އިނގޭ ކަމެއް. ފައްޔާޒު ކާކަށް ކޯޗެއް އޮޅުވާލަން ތޯ ތިއުޅުއްވަނީ؟ ޕީއެންސީ ސަރުކާރެއްގަ އެއްވެސް ރަށެއްގެ އިންޖީނުގޭ މެނޭޖަރަކަށް އެމްޑީޕީ މީހެއް ހުނަން ޖެހޭ ސަބަބެއް ނުވިސްނޭ.”މިހެންނެވެ.

މުއިއްޒުގެ އަނިޔާވެރި ވެރިކަމަށް ކުރުނީސް ނުކުރާ އެއްވެސް މީހެއްގެ މަޤާމަކީ އޭނާއަށް ހައްޤު ނޫން “ސިޔާސީ” މަގާމެއް ކަމަށް މާނަ ކޮށް، އެތައް ހާސް ރައްޔިތުންނެއް ނިކަމެތި ކޮށްލުމަކީ އަނިޔާވެރި ކަމުގައި ހައްދުފަހަނަ އަޅައި ދިޔުމެވެ.

ބަރަކާތްތެރި މި ރޯދުމަހު މުސްލިމަކަށް ވެހުރެ މުއިއްޒު ފަދައިން ދޮގު ހަދައި، އަނިޔާވެރިކަން އިސްކުރުމުގެ ގޮތުން މިފަދަ ވާހަކަތައް ދެއްކުމަކީ ނުބައި ވެގެންވާ ބޮޑު ފާފައެކެވެ. ނަމަވެސް މުއިއްޒު އަންގާ ގޮތަށް މަލްޝާ ޓްވީޓް ކުރާނެއެވެ. ހެއްދެވި އިލާހާއި، ރޯދައާއި އިސްލާމު ކަމާއި، އިންސާނިއްޔަތު ކަމެއް މުއިއްޒަށް އަދި މަލްޝާއަށް މުހިންމެއް ނޫނެވެ. ރައްޔިތުންނެއްވެސް މުހިންމެއް ނޫނެވެ. އަނިޔާވެރި ދަންމަރުގެ ހުޅު ރޯކުރާ މިފަދަ ނުބައި އިންސާނުންގެ ނުބައި ކަމުން ދިވެހި ރައްޔިތުން ސަލާމަތް ކުރެއްވުމަށް މާތްރަސްކަލާންގެ ހަޒްރަތުގައި ދަންނަވަމެވެ. އާމީން.

ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރި ކޮންމެ މީހަކު އެ ހުރީ ވަޒީފާގެ ބިރުވެރި ކަމުގައެވެ. އެމީހުންގެ ދަރިން ވަޒީފާއިން ވަކިކޮށް ބިކަ ކޮށްފާނެ ކަމަށެވެ. އެމީހުންގެ މައިން ވަޒީފާއިން ވަކި ކޮށްފާނެ ތީއެވެ. ހޭ ޖެހޭ ކުޑަ ކުދިން ތިބީ ބައްޕަ ވަޒީފާއިން ވަކިކޮށްފާނެ ކަމުގެ ބިރުގައެވެ. މަލްޝާ އިތުރު ކުރީ މި ބިރުވެރިކަން އެތައް ގުނައަކަށެވެ. މުއިއްޒު ބޭނުން ވަގުތަކު ބޭނުން މީހަކު ވަޒީފާއިން ވަކި ކުރުން އެއީ ރަނގަޅު ކަމެއް ކަމަށް ދައްކަން އުޅެނީ ހަމަ އަނިޔާވެރިންނެވެ. އަނިޔާ ލިބެމުންދާ ރައްޔިތުންނާއި، ވަޒީފާތަކުން އެއްވެސް ސަބަބެއް ނެތި ވަކި ކުރި މީހުންގެ ދުއާތައް މުއިއްޒުގެ މައްޗަށް ނޯންނާނެ ހަމަ އެއްގޮތެއްވެސް ނެތެވެ.

ސިޔާސީ މަގާމު ނޫން މަގާމަކުން އެއްވެސް މީހަކު ޤާނޫނީ ހަމައަކުން ވަކި ނުކުރެވޭނެއެވެ. މުއިއްޒު ވެރިކަމަށް އައީ ސިޔާސީ މަގާމުތަކުން ނޫން މަގާމަކުން މީހަކު ވަކި ނުކުރާނެ ކަމަށް ވައުދުވެގެން ލިބުނު ވޯޓުންނެވެ. އެކަން މުއިއްޒު އެކުރަނީ ޤާނޫނީ ހަމައިންވެސް ބޭރުންނެވެ. އަދި ވީ ރިޔާސީ ވައުދާއި ޚިލާފަށް ދޮގު ހަދައިގެންނެވެ.