އަންހެން މުވައްޒަފެއްގެ ފޫކޮޅުގައި ހިފި ޑީއެމްޑީ ސަސްޕްންޑް ކޮށްފި

ދިވެހިރާއްޖެ ޕްރޮމޯޓު ކުރުމަށް މިމަހު ކުރީކޮޅު ބާލިންއަށްދިޔަ އެމްއެމްޕީއާރުސީގެ ޑެޕިއުޓީ އެމްޑީގެ މަގާމުގައި ހުންނެވި ބައްސާމް އާދަމް އެ ކޯޕަރޭޝަންގެ މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލައެއް ފެންމަތިވެ, އެކަމުގެ ޝަކުވާތައް ކުންފުނީގެ މެނޭޖްމަންޓަށް ހުށަހަޅުމާއި ގުޅިގެން އެމްއެމްޕިއާރުސީން އޭނާ ސަސްޕެންޑް ކޮށްފިއެވެ.

އެމްއެމްޕީއާރުސީގެ ޑެޕިއުޓީ އެމްޑީގެ މަގާމުގައި ހުންނެވި ބައްސާމް އާދަމްއަކީ ރާއްޖެއިން ބޭރުގައި ދިވެހުރާއްޖެ ޕްރޮމޯޓު ކުރުމަށް އުފައްދާފައިވާ ކުންފުނި ކަމުގައިވާ އެމްއެމްޕީއާރުސީގެ ދެވަނައަށް އެންމެ އިސްފަރާތްކަން ފާހަގަ ކޮށްލެވެއެވެ. އައި އޭނާ ގެންދަވަނީ ރާއްޖެ ތަމްސީލު ކުރުމަށް ރާއްޖެއިން ބޭރުގެ އެކި ގައުމުތަކަށް ދަތުރުކޮށް, އެކި ފޯރަމްތަކުގައި ރާއްޖެ ތަމްސީލުވެސް ކުރަމުންނެވެ.

ދިޔަވަރު އޮންލައިން އަށް ކަށަވަރު ކުރެވިފައިވާ ގޮތުގައި އެމްއެމްޕީއާރުސީން މިހާރު އޭނާވަނީ ސައްޕެންޑް ކޮށްފައެވެ. އަދި އޭނާ ސަސްޕެންޑް ކޮށްފައިވަނީ މުއްދަތެއް ނެތްގޮތަށް ކަމަށްވެސް ވަނީ އެނގިފައެވެ.

“ދިޔަވަރު އޮންލައިން”އަށް މައުލޫމާތުދި އެމްއެމްޕީއާރުސީގެ އޮސިޝަލަކު ކިޔައިދިން ގޮތުގައި, ބައްސާމް ޖިންސީ ފުރައްސާރަ ކޮށްފައިވަނީ އެ ކޯޕަރޭޝަންގެ މުވައްޒަފެއް ކަމުގައިވާ, މެނޭޖަރ ސޯޝަލް މީޑިއާގެ މަގާމުގައިހުރި އައިޝަތު ލަތީފްއަށެވެ. އަދި ބާލިން ފެއަރއަށް ދިއުމަށްފަހު އެނބުރި މާލެއައި އައިޝަތު ލަތީފް ތައްޔާރުކުރި “ޓްރިޕް ރިޕޯޓް”ގައި ބައްސާމްގެ ޖިންސީ ފުރައްސާރައިގެ ތަފްސީލް ވަނީ ހިމަނާފައެވެ.

މި ރިޕޯޓުގައި އައިޝަތު ލަތީފް ބުނެފައިވާ ގޮތުގައި ބައްސާމް ވަނީ ގުރޫޕް ފޮޓޯއެއް ނަގަމުން ދިޔައިރު އޭނާގެ ފޫކޮޅުގައި އަތްލާ, ހިފާ ހަދާފައެވެ. އަދި އައިޝަތު ލަތީފްގެ ފޫކޮޅުގައި ހިފުމަށްފަހު, “ހާދަ ޝޭޕް ރީއްޗޭ” ބުނެ, އޭނާ ސޫރައަށް ނިސްބަތްކޮށްވެސް ބައްސާމްވަނީ ޖިންސީ ފުރައްސާރަ ކޮށްފައެވެ. އެހެންނަމަވެސް އެ ޝަކުވާތަަކަށް އެކަށީގެންވާ އިޖާބައެއް މެނޭޖްމަންޓުން ނުދިނުމާއި ގުޅިގެން އައިޝަތު ލަތީފް މިހާރުވަނީ އޭނާގެ ވަޒީފާއިން އިސްތިއުފާވެސް ދީފައެވެ.

މީގެ އިތުރުންވެސް, ބާލިން ފެއަރއަށް ދިޔަ އިތުރު 3 އަންހެން މުވައްޒަފަކުވެސް ވަނީ ބައްސާމް އެކުދިންނަށްވެސް ޖިންސީ ފުރައްސާރަ ކުރިކަމަށް “ޓްރިޕް ރިޕޯޓު”ގައި ލިޔެފައެވެ.

“ދިޔަވަރު އޮންލައިން”އަށް މައުލޫމާތުދިން އޮފިޝަލް ވިދާޅުވީ އެމްއެމްޕީއާރުސީގެ ވަޒީފާގައި މިހާރުވެސް ތިބި މި 3 މުވައްޒަފުންގެ “ޓްރިޕް ރިޕޯޓު”ގައި ބައްސާމްގެ ޖިންސީ ފުރައްސާރައިގެ ވާހަކަތައް ލިޔުމުން އެމްއެމްޕީއާރުސީގެ އެމްޑީ ފާތިމަތު ތައުފީގުވަނީ, ބައްސާމްގެ ޖިންސީ ފުރައްސާރައިގެ ވާހަކަތައް އެ 3 ކުދިން ލިޔުނު ރިޕޯޓުން އުނިކުރުމަށް ވަނީ އަންގާފައެވެ. އެހެންނަމަވެސް އެ 3 ކުދިންވެސް ވަނީ ބައްސާމްގެ ޖިންސީ ފުރައްސާރައިގެ ވާހަކަ ރިޕޯޓުތަކުން އުނިކުރުމަށް ދެކޮޅު ހަދާފައެވެ.

އަދި އެކުދިން ވަޒީފާއިން ކަނޑާލާނެތީ, ރިޕޯޓުތައް އާންމުކުރަން އެކުދިން ޖެހިލުންވާކަމަށްވެސް “ދިޔަވަރު އޮންލައިން”އަށް މައުލޫމާތުދިން އެމްއެމްޕީއާރުސީގެ އޮފިޝަލް ވިދާޅުވެފައިވެއެވެ.

އެމްއެމްޕީއާރުސީގެ ޑީއެމްޑީ އެ ކޯޕަރޭޝަންގެ އެތައް މުވައްޒަފަކަށް ޖިންސީ ފުރައްސާރަކޮށްފައިވާކަން އެކުދިން ޝަކުވާކުރަމުން ދާއިރުވެސް, އެއީ ނުވާކަމަކަށް ހަދައިގެން, ރައީސް މުއިއްޒު އަދިވެސް ހުންނެވީ ކަހާތަން ހިރުވާވެސް ނުލައެވެ. ރައީސް މުއިއްޒުގެ ވެރިކަމުގައި ކުންފުނިތަކުގެ އިސްވެރިންނަށް އެމަނިކުފާނުވަނީ ޖިންސީ ފުރައްސާރަކުރާ ފަރާތްތަކާއި, އަދި ބޮޑެތި ވައްކަން ކޮށްފައިވާ މުޖުރިމުން އައްޔަން ކޮށްފައެވެ.