ސީރިއާގަ ހުންނަ އިރާނުގެ ކޮންސިއުލޭޓަށް އިސްރާއީލުން ދިން ހަމަލާ ކުށްވެރިކޮށް ފޮރިން މިނިސްޓްރީން ބަޔާން ނެރުނީ އަނިޔާވެރި އިސްރާއިލުގެ ނަން ނުލިޔެ! ބޭނުމަކީ އެމެރިކާއާއި ހުޅަނގުގެ ގައުމުތައް ރުއްސުން!

ސީރިއާގަ ހުންނަ އިރާނުހެ ކޮންސިއުލޭޓަށް އިސްރާއީލުން ދިން ހަމަލާ ކުށްވެރި ކުރުމަށް ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި “އިސްރާއިލުގެ ނަން ނުލިޔެ”، ސަރުކާރުން އެ ހަމަލާ ކުށްވެރި ކޮށްފިއެވެ.

އިސްރާއީލުން ސީރިއާގައި ހުންނަ އެމެރިކާގެ ކޮންސިއުލޭޓށް ދިން ހަމަލާ ކުށްވެރިކޮށް ނެރުނު ބަޔާނުގައި ބުނެފައިވަނީ، ސީރިއާގެ ވެރިރަށް ދިމިޝްގުގައި ހުންނަ އީރާނުގެ ކޮންސިއުލޭޓަށް ދާދި ފަހުން ދިން ހަމަލާ ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

މި ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ޑިޕްލޮމެޓިކް ފެސިލިޓީތަކަށް ހަމަލާ އަމާޒުކުރުމަކީ ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފު ކަމެއް ކަމަށާއި ޑިޕްލޮމެޓިކް އިމްޔުނިޓީގެ އުސޫލުތަކާއި ކޯޅުންތައް ސުލްހަވެރިކަމާއެކު ހައްލުކުރުމަށް ބުރޫއަރާ ކަމެއް ކަމަށެވެ. އަދި ބައިނަލްއަޤްވާމީ މުޢާހަދާތަކާ އެއްގޮތަށް ޑިޕްލޮމެޓިކް ތަންތަނުގެ ހިމާޔަތް ދަމަހައްޓައިދިނުމަކީ މުހިންމު ކަމެއް ކަމުގައިވެސް މި ބަޔާނުގައި ބުނެފައި ވެއެވެ.

އެހެންނަމަވެސް މި ހަމަލާ ދިނީ އިސްރާއީލުން ކަމަށް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައެއް ނުވެއެވެ. ބެލެވޭ ގޮތުގައި ފޮރިން މިނިސްޓްރީން މި ބަޔާނުގައި އިސްރާއީލުގެ ނަން ގެނެސްފައި ނުވަނީ އެމެރިކާ އާއި ހުޅަނގުގެ ގައުމުތައް ރުއްސުމުގެ ގޮތުންނެވެ.

އިސްރާއީލުން ސީރިއާއަށް ދިން ހަމަލާ ކުށްވެރިކޮށް، އިސްރާއީލުގެ ނަން ނުހިމަނާ ބަޔާނެއް ނެރެފައިވާއިރު، އިޒްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުން ގެންދާ ހަމަލާތައް ވަގުތުން ހުއްޓާލަން ގޮވާލާ, އދ. ގެ ސަލާމަތީ މަޖިލީހުން ދާދިފަހުން ފާސްކުރި ގަރާރާ އެއްގޮތަށް އަމަލު ކުރުމަށް އިސްރާއީލަށް ގޮވާލާ ރައީސް މުއިއްޒު ކުރެއްވި ޓުވީޓުގައިވެސް އިސްރާއީލު ސިފައިން ޣައްޒާއަށް ދެމުންދާ ޢުދުވާނީ ހަމަލާތަކަކީ ”ގަތުލު އާންމެއްގެ“ ގޮތުގައި ސިފަކުރައްވަން ފައެއް ނުވެއެވެ.

މި ޓުވީޓުގައި މުއިއްޒު ވިދާޅުވީ، ބައިނަލްއަގުވާމީ މުޖުތަމައުން މަސައްކަތްކުރަންވީ ”ގަތުލު އާންމެއްކަމަށް ބެލެވޭ“ މއެ ހަމަލާތަކަށް ދާއިމީ ނިމުމެއް ގެންނައުމަށް ކަމުގައެވެ.

(an immediate end to the perpetuation of genocidal acts) ރައީސް މުއިއްޒުގެ އިނގިރޭސިބަހުން ކުރެއްވި މިޓުވީޓުގައި ހިމެނޭ އިބާރާތުގައި ވިދާޅުވެފައިވާ ”genocidal acts“ ގެ ދިވެހި ތަރުޖަމާއަކީ, ”ގަތުލު އާންމެއް ކަމަށް ބެލެވޭ ކަންކަން“ މިއެވެ.

ރައީސް މުއިއްޒު ފާހަގަ ކުރެވިފައިވަނީ ދިވެހި ރައްޔިތުންނަށް މުޅިން ތަފާތު މޫނެއް ދައްކަވައިގެން, އެމެރިކާ ރުއްސުމަށް, ފަލަސްތީނުގެ ހައްގުގައި ވަކާލާތު ކުރުމަށް ފަސްޖެހެންމުދާ ބޭފުޅެއްގެ ގޮތުގައެވެ. އެގޮތުން ރާއްޖެއިން ބޭރުގައި ބޭއްވުނު ފޯރަމްތަކަށް ވަޑައިގެން, އެ ފޯރުމްތަކުގައި ވާހަކަ ދައްކަވަމުން މުއިއްޒު ފަލަސްތީނުގެ ހައްގުގައި ވަކާލާތު ކޮށްފައި ނުވާކަން ފާހަގަ ކޮށްލެވެއެވެ. 

އެގޮތުން ފާއިތުވި ކޮޕް28 ސަމިޓުގައި ވާހަކައްދަވަމުންވެސް ރައީސް މުއިއްޒު އިސްރާއީލުގެ އަނިޔާވެރި އަމަލުތައް ކުށްވެރިކޮށްފައެއް ނުވެއެވެ. އަރަބި ގިނަ ވެރިންވަނީ, ކޮޕް28 ސަމިޓުގައި ވާހަކަ ދައްކަވަމުން އިސްރާއީލުން ޢައްޒާއަށް ދެމުންދާ އަނިޔާވެރި ހަމަލާތައް ކުށްވެރި ކޮށްފައެވެ.

އަދި ރައީސްކަމުގެ ހުވާ ކުރެއްވުމަށްފަހު ރައްޔިތުންނާއި މުޚާތަބްކޮށް ދެއްވި ތަގުރީރުގައިވެސް ފަލަސްތީނުގެ ނަންވެސް މުއިއްޒު ވިދާޅުވެފައެއް ނުވެއެވެ. ބެލެވޭ ގޮތުގައި އެ ޚިތާބުގައި މުއިއްޒު ފަލަސްތީނުގެ ނަން ވިދާޅުވެފައި ވުނަވަނީ އެ ރަސްމިއްޔާތުގައި ބޭރުގެ ގައުމުތަކުގެ ޑެލިގޭޓުން ވަޑައިގެން ތިއްބެވި ރަސްމިއްޔާތަކަށް ވާތީއެވެ.

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން ޔަހޫދީން ރާއްޖެއަށް އައުން މަނާކުރަންޖެހޭ ކަމަށް ވިދާޅުވި ނަމަވެސް, ވެރިކަމަށް ވަޑައިގެންނެވުމަށްފަހު ވަނީ އިސްރޭލު މީހުންގެ ޕާސްޕޯޓުތައްވެސް ރާއްޖޭގައި މަނާކުރުމަށް ދެކޮޅު ހައްދަވާފައެވެ. އަދި އިސްރާއީލު މީހުންގެ ޕާސްޕޯޓުތައް މަނާކުރުމަށް ރައްޔިތުން މަޖިލީހުން ގޮވާލާފައިވާތާ އެތައް މަހެއް ވެގެން ދާއިރުވެސް, ފޮރިން މިނިސްޓްރިން އެމައްސަލާގައި ޖަވާބުދާރީވުމަށް, އެކި އުޒުރުތައް ދައްކައިގެން މަޖިލީހަށްވެސް ހާޒިރުވެފައެއް ނުވެއެވެ.