100 މިލިއަން ރުފިޔާގެ ރިޝްވަތު ނެގުމަށްފަހު, ރާޖޫއަށް މުއިއްޒު ހުޅުމާލޭއިން ދިން ބިން ވިއްކަން އިސްތިހާރު ކޮށްފި, ފައިސާގެ ދަހިވެތިކަމުގަ ދިވެހީންގެ ބިން މުއިއްޒު މިވަނީ ބޭރު ބަޔަކަށް މިލްކު ކޮށްދީފަ, މިއީ ގައުމަށް ވެވޭ އެންމެ ބޮޑު ޚިޔާނާތް!

ރައީސް މުއިއްޒުގެ ސަރުކާރުން ކުރިޔަށް ގެންދާ، ތަރައްގީގެ އެންމެ ބޮޑު މަޝްރޫއުކަމުގައިވާ ރަސްމާލެ މަޝްރޫޢު އެންމެ 8 މަސްތެރޭ ހިއްކާ ނިންމާނޭކަމަށް ވިދާޅުވެ އެހެންނަމަވެސް މިހާރު ހުއްޓިފައިވާ މި މަޝްރޫއު ކުރިޔަށް ގެންދިއުމަށް ސްރީލަންކާގެ މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (ސީއެމްސީސީ) ކުންފުނީގެ އެމްޑީ ސެވެރާޖް މަނިވަންނަންއަށް މުއިއްޒި ދިން ބިން ވިއްލުމަށް އޭނާ ހުޅުމާލޭގައި އިސްތިހާރު ކުރަން ފަށައިފިއެވެ.

އެގޮތުން ރާޖޫ މިހާރުވަނީ, ހުޅުމާލޭގައި އޭނާއަށް މުއިއްޒު ދިން ބިން ވަކިކޮށް ފެންސް ޖެހުމަށްފަހު, އެބިމުން ބިން ގަތުމަށް ބޭނުންވާ ފަރާތްތަކުން ގުޅަންޖެހޭ ނަމްބަރު ވެސް ފޭންނާނެ ހެން އިސްތިހާރު ބޯޑެއް ބަހައްޓާފައެވެ. އަދި އެބޯޑުގައި ޖަހާފައިވާ ބަނީ “land for sale”, “ބިން ގަންނާނެބާ!” މިހެންނެވެ.

މިއީ ދިވެހި ތާރީޚުގައިވެސް ބޭރު ބަޔަކަށް ދިވެހިންގެ ބިން މިލްކު ކޮށްދީގެން, ދިވެހީންގެ ބިމުގައި ދިވެހީންގެ ކުރިމަތީގައި ބޭރުބަޔަކު “ގަންނާނެބާ!” އެޅުވި ފުރަތަމަ ފަހަރެވެ.

8 މަސްދުވަހުގެ ތެރޭގައި ހިއްކާ ނިންމާނެކަމަށް ވައުދުވެ, މީގެ 4 މަސްކުރިން މުއިއްޒު ފެށި ފުށި ދިއްގަރުފަޅުގެ ބިންހިއްކުން މިހާރުވަނީ ހުއްޓިފައެވެ. އެގޮތުން އެ މަޝްރޫއު އިތުރަށް ކުރިޔަށް ގެންދިއުމަށްޓަކާ, ފުށިދިއްގަރު ފަޅު ހިއްކުމަށް ބްރޯކަރެއްގެ ދައުރު އަދާކުރަމުންދާ, ސްރީލަންކާގެ މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (ސީއެމްސީސީ) ކުންފުނީގެ އެމްޑީ ސެވެރާޖް މަނިވަންނަންއަށް ހުޅުމާލެއިން މިހާރު ދޭން ނިންމާފައިވާ 10 ހެކްޓަރު ބިމަށްވުރެ އެތައް ގުނައެއް ބޮޑު ބިމެއް ދިނުމަށް އެޗްޑީސީން ވަނީ ނިންމާފައެވެ.

”ދިޔަވަރު އޮންލައިން“އަށް މައުލޫމާތު އެޗްޑީސީގެ އިސް އޮފިޝަލަކު ވިދާޅުވީ ފުށިދިއްގަރު ފަޅު ހިއްކުމަށް އެއްބަސްވި ގޮތަށް އެމަޝްރޫއު ކުރިޔަށް ނުދާކަމަށާއި, މަޝްރޫޢު މިހާރު އޮތީ ހުއްޓިފައި ކަމުގައެވެ. އަދި އޭނާ ވިދާޅުވީ ބިން ހިއްކުމުގެ މަޝްރޫއު ފާއިތުވި ޑިސެމްބަރުމަހު ފެށީވެސް, ސީއެމްސީއާއެކީ ފުރިހަމަ އެއްބަސްވުމަކަށް އާދެވިގެން ނޫން ކަމަށާއި, އޭރު މަޝްރޫއު ފަށާފައިވަނީ ހަމައެކަނި ހަފްތާ14ގެ ތެރޭގައި އެމަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުނުކަން ދެއްކުމުގެ ގޮތުންކަމުގައެވެ.

ފުށި ދިއްގަރު ފަޅު ހިއްކުމުގެ މަޝްރޫއު ފެށުމަށްފަހު ރައީސް މުއިއްޒު ވިދާޅުވެފައިވަނީ ދެން އެމަޝްރޫއަށް ދައުލަތުގެ ބަޖެޓުން ޚަރަދު ނުކުރައްވާނެ ކަމުގައެވެ. އެއަށްފަހު އެޗްޑީސީން ބުނެފައިވަނީ އެ މަޝްރޫއަށް ހުރިހާ ޚަރަދެއްވެސް ކުރާނީ ބިން ހިއްކާދޭ ކުންފުވި ކަމަށްވާ ސީއެމްސީސީ ކުންފުނިން ކަމަށާއި, އޭގެ ބަދަލުގައި އެ ކުންފުންޏަށް ހުޅުމާލެއިން 10 ހެކްޓަރ އަދި ހިއްކާ ބިމުން 60 ހެކްޓަރު ދޭނެ ކަމުގައެވެ.

”ދިޔަވަރު އޮންލައިން“އަށް މައުލޫމާތު ދިން އެޗްޑީސީގެ އޮފިޝަލް ވިދާޅުވީ ރާޖުއަށް ފުށި ދިއްގަރު ފަޅު ހިއްކިގެން މެނުވީ އެތަނުން ހިއްކޭ ބިމުން ވިޔަފާރި ކޮށްގެން ފައިސާ ހޯދައިގެން މަޝްރޫއު ކުރިޔަށް ގެންދެވެން ނެތްކަމުގައެވެ. އެހެންކަމުން މިހާރު އެޗްޑީސީން ނިންމާފައިވަނީ ރާޖުއަށް ހުޅުމާލެއިން އިތުރު 20 ހެކްޓަރުގެ ބިން ދިނުމަށް ކަމުގައިވެސް އޮފިޝަލް ވިދާޅުވިއެވެ. އެގޮތުން ހުޅުމާލޭ ފޭސް 2 އިން އިތުރު 5 ހެކްޓަރުގެ ބިމާއި, ހުޅުމާލޭ ފޭސް 3 އިން ރާޖުއަށް އިތުރު 15 ހެކްޓަރުގެ ބިން ދިނުމަށް އެޗްޑީސީން މިހާރު ނިންމާފައިވާކަމަށް އޮފިޝަލް ވިދާޅުވިއެވެ.

މި ބިންތައް ރާޖުއަށް ލިބުމުން, ފުށިދިއްގަރު ފަޅު ހިއްކުމުގެ ބަދަލެއްގެ ގޮތުން, ރައީސް މުއިއްޒުގެ އެންގުމަށް އެޗްޑީސީން ސީއެމްސީސީއަށް ދޭ ބިމުގެ ޖުމަލް ސައިޒް 30 ހެކްޓަރަށް އިތުރުވެގެންދާނެއެވެ.

މިއީ ހުޅުމާލެއިން 23,000 ރައްޔިތުންނަށް ދީފައިވާ ހުރިހާ ގޯތިތަކެއްގެ ބިން އެކޮށްލުމުން އަންނަވަރުގެ ބޮޑު ބިމެއްކަން ފާހަގަ ކޮށްލެވެއެވެ.

އެހެންނަމަވެސް މި ބިން ވިއްކައިގެން ލިބޭ ފައިސާއިން އެފަޅު ހިއްކުމަށްޓަކާ, ސީއެމްސީސީ ކުންފުނިން މިހާރު މިވަނީ އެބިން ވިއްކަން އިއުލާން ކޮށްފައެވެ.

މުއިއްޒު ވެރިކަމަށް އައުމަށްފަހު، ސަރުކާރުތެރޭގައި އިންތިހާއަށް ކޮރަޕްޝަން އިތުރުވެ، މަޖިލިސް މެމްމަބަރުން ކަޅުފައިސާ ދީގެން ގަތުމަށާއި، މަޖިލިސް އިންތިހާބު ކޮންމެހެންވެސް ނެގުމަށްޓަކައި، ސަރުކާރުން ދަނީ ކުންފުނިތަކުގެ އެސެޓްތައް ބޭރުގެ އިންވެސްޓަރުންނަށް ބަހައިގެން އިންތިހާއަށް ފައިސާ ނަގަމުންނެވެ.

އެގޮތުން ސީއެމްސީސީ ކުންފުނިން ވަނީ ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބަށް ސަރުކާރަށް 100 މިލިއަން ރުފިޔާ ދިނުމަށް އެއްބަސްވެފައެވެ. އޭގެ އިތުތަށް ރައީސް މުއިއްޒުއަށް ސީދާގޮތުން ލިބޭ ފައިސާގެ ސީދާ އަދަދު އަދި ޔަގީން ކުރެވިފައި ނުވި ނަމަވެސް, ބައެއް މަސްދަރުތައް ބުނެފައިވާ ގޮތުގައި މި ޕްރޮޖެކްޓުން ރައީސް މުއިއްޒުއަށް ސީދާ ގޮތެއްގައި 20 މިލިއަނަށްވުރެ ގިނަ ރުފިޔާލިބޭގޮތަށް ވަނީ ހަމަޖެހިފައެވެ.