40,000 މީހުން ދިރިއުޅެމުންދާ ހިޔާ ސަރަހައްދުގަ ބޭއްވުނު “ދިވެހީންގެ ރާއްޖެ” ކެމްޕޭން ޖަލްސާއަށް, އެންމެ 200 ވަރަކަށް މީހުން ހާޒިރުވުމުން, ރައީސް މުއިއްޒުގެ ނުރުހުން ލީޑަރޝިޕަށް!

ކުރިން އާންމުކޮށް އިއުލާންކޮށް, އަދި އިސްތިހާރުވެސް ކޮށްގެން ރައީސް މުއިއްޒު ރޭ ހިޔާ ސަރަހައްދުގައި ބޭއްވި ޖަލްސާއަށް އެއްވި މީހުންގެ އަދަދު އާދަޔާ ޚިލާފަށް މަދުވެގެން, ޕީއެންސީގެ ލީޑަރޝިޕަށް ރައީސް މުއިއްޒުގެ ނުރުހުން އަމާޒުވެއްޖެއެވެ.

“ދިޔަވަރު އޮންލައިން” އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރޭ ހިޔާ ޓަވަރުތަކުގެ މެދުގައި އޮންނަ ހުސް ޖާގާގައި ބޭއްވި ޕީއެންސީގެ ކެމްޕޭން ޖަލްސާއަށް އެއްވި މީހުންގެ އަދަދު މަދުވެ, އެކަމުގެ ނުރުހުން ރައީސް މުއިއްޒު ފާޅު ކުރައްވާފައިވަނީ ލީޑަރޝިޕްގެ ބޭފުޅުން ތިއްބަވާ ވަޓްއަސްޕް ގުރޫޕުގައެވެ.

“ދިޔަވަރު އޮންލައިން” އަށް މައުލޫމާތު ދިން ޕީއެންސީގެ އޮފިޝަލު ވިދާޅުވީ, ވަޓްސްއަޕް ގުރޫޕުގެ މިކަމުގެ ކަންބޮޑުވުން ފާޅުކޮށް, މީހުން މަދުކޮށް ޖަލްސާތައް ބާއްވާނަމަ އެކަމުގެ ނޭދެވޭ އަސަރު ކެމްޕޭނަށް ކުރާނެކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ. އަދި ދުރާލާ އިއުލާން ކޮށްގެން ބާއްވާ ޖަލްސާތަކަށް މީހުން މަދުވާންވީ ސަބަބެއް ވިސްނިވަޑައި ނުގަންނަވާކަމަށްވެސް ވަޓްސްއަޕް ގުރޫޕުގައި ރައީސް ވިދާޅުވެފައި ވެއެވެ.

ދައުލަތުގެ މީޑިއާގެ ގާނޫނާ ޚިލާފަށް ޕީއެސްއެމްއިން މިރޭ ލައިވް ކުރި, ހިޔާ ސަރަހައްދުގައި, ރައީސް މުއިއްޒު ބައިވެރިވެވަޑައިގެންނެވި ޖަލްސާއަށް ހާޒިރުވެފައިވަނީ 200 ވަރަކަސް މީހުންނެވެ.

ރޭ ސޯޝަލް މީޑިއާގައި އާންމު ވެފައިވާ ފޮޓޯތަކުންނާއި ވީޑިއޯތަކުން އެގޭ ގޮތުގައި 40,000 އާންމު ރައްޔިތުން ދިރިއުޅެމުންދާ ހިޔާ ސަރަހައްދުގައި ރައީސް މުއިއްޒު ވާހަކަ ދައްކަވަން ފެއްޓެވިއިރުވެސް އެ ސަރަހައްދަށް ޖަމާވެ ތިބީ 200 ވަރަކަށް މީހުންނެވެ.

ހަމަ އެއާއެކު ދައުލަތުގެ މީޑިއާއިން, ޕީއެސްއެމްގެ ގާނޫނާ ޚިލާފަށް, “ދިވެހީންގެ ރާއްޖެ” ނަމުގައި ސަރުކާރުން ކުރިޔަށް ގެންދާ, މަޖިލިސް އިންތިޚާބުގެ ކެމްޕޭން އިވެންޓުތައް ޕީއެސްއެމްއިން ރޭ ވަނީ ލައިވް ކުރަން ފަށާފައެވެ.

އެހެންނަމަވެސް, ޕީއެސްއެމްގެ ގާނޫނުގައި ބުނެފައިވާ ގޮތުން, ސިޔާސީ އިވެންޓްތައް ލައިވްކޮށް, ވަކިފަރާތަކަށް ފައިދާ ލިބޭގޮތަށް އެ ކުންފުނި ހިންގަމުން ދިއުމަކީ ގާނޫނީ ކުށެކެވެ.

އެހެންނަމަވެސް ޕީއެސްއެމްއިން ދަނީ, ރައީސް މުއިއްޒު ބައިވެރިވާ ހުރިހާ ސިޔާސީ އިވެންޓްތައްވެސް ލައިވް ކުރަމުންނެވެ. މިއީ ކުރީގެ އެއްވެސް ވެރިކަމެއްގައި އެ ކުންފުނިން ކޮންފައިވާ ކަމެއް ނޫންކަން ފާހަގަ ކޮށްލެވެއެވެ.

މިއީ, ގާނޫނުން ކަނޑައެޅިގެން މަނާކޮށްފައިވާ, އަދި އެކުންފުނީގެ ވެރިންގެ މައްޗަށް ކޮރަޕްޝަޕްގެ ދައުވާ ކުރެވޭނެ ކުށެއްކަންވެސް ފާހަގަ ކޮށްލެވެއެވެ. އެއީ ދައުލަތުގެ މުދާ ނުހަމަ ގޮތުގައި ބޭނުން ކުރުމަކީ, ކޮރަޕްޝަން ހުއްޓުވުން މަނާކުރާ ގާނޫނުން މަނާކޮށްފައިވާ, އަދި ދައުލަތުގެ މުދަލަށް ޚިޔާނާތްތެރިވެ, މުދަލުގެ ބޭނުން ނުހަމަ ގޮތުގައި, ވަކި ފަރާތަކަށް ފައިދާވާގޮތަށް ބޭނުން ކުރަމުންދާ ފަރާތްތަކުގެ މައްޗަށް ދައުވާ ކުރުމަށް އެގާނޫނުން ފުރުސަތު ލިބިދޭތީއެވެ.