ތިލަމާލެ ބްރިޖް، ރައީސް ސޯލިހްގެ ނަން، ފަހުރުވެރި ކަމާއި އެކު ދިވެހި ތާރީޙްގައި ރަން އަކުރުން ފެވިގެންދާނެ މަޝްރޫއެއް!

ތިލަމާލެ ބްރިޖުގެ މަސައްކަތް ހިނގާތާ 5 އަހަރެއް އަދި ނުވެއެވެ. ތިލަމާލެ ބުރިޖުގެ މަސައްކަތަކީ 22 އޮގަސްޓް 2022 ވަނަ އަހަރު އޭގެ އަމަލީ މަސައްކަތް ފެށުނު ޕްރޮޖެކްޓެކެވެ. 2023 ވަނަ އަހަރު އިންތިހާބާއި ހަމައަށް ދިޔައިރު މާލެ އާއި، ވިލި މާލެ އާއި، ތިލަފުށްޓާއި, ގުޅީފަޅު ގުޅުވާލުމަށް ފެށުނު ގްރޭޓަރ މާލެ ކަނެކްޓިވިޓީ މި ޕްރޮޖެކްޓުގެ މަސައްކަތަށް އެންމެ އަހަރެއްވެސް ނުވެއެވެ. ނަމަވެސް ޕްރޮޖެކްޓް ހިނގާތާ 5 އަހަރު ވެއްޖެ ކަމަށާއި، ޕްރޮޖެކްޓް ނުނިމި ދިގުލައިގެން ދަނީ ރައީސް ސޯލިހްގެ ސަރުކާރާއި، އެ މަސައްކަތް ކުރާ އިންޑިޔާ ކުންފުނީގެ ނާގާބިލް ކަމުން ކަމަށް ބުނެ، ރައީސް މުއިއްޒާއީ އޭނާއަށް ތާޢީދު ކުރައްވާ ފަރާތްތަކުން ދިޔައީ ކަނޑައެޅިގެން އިންތިހާބަށް ދޮގު ހަދައި އެ ދޮގު ފަތުރަމުންނެވެ.

ޑިސެމްބަރ 2019 އިން ފެށިގެން، ކޮވިޑްގެ އާލަމީ ވަބާގައި ދުނިޔޭގެ މާކެޓްތައް ބަންދުކޮށް، ސަޕްލައި ޗެއިން އަށް އައި ދަތި ކަމުގައި، ކޮންސްޓްރަކްޝަން މެޓީރިއަލްސްގެ އަގު ބޮޑުވެ، ތަކެތި ހޯދުމަށް ދަތިވިއެވެ. ކޮވިޑްގެ ތެރޭގައި މިފަދަ ޕްރޮޖެކްޓެއް ދުނިޔޭގެ ޤައުމުތަކުގައި ހިންގުމަށް ހުރި ހުރިހާ ގޮންޖެހުންތައް ހަމަ ރާއްޖެއަށް ވެސް ހުއްޓެވެ. އެހެންކަމުން 2022 ވަނަ އަހަރަކީ މި ޕްރޮޖެކްޓް ފެށެމަށް ހާލަތު ތަންދިން ވަގުތެވެ. 2021 ގެ ފަހުކޮޅުގައި ޕްރޮޖެކްޓްގައި ސޮއެ ކޮށް އޭރު ކުރަމުން ދިޔައީ މަސައްކަތްށް ބޭނުންވާ ސާވޭއާއި ދިރާސާތަކެވެ. 11 މޭއި 2023 އަކީ ކޮވިޑް ހާލަތު ނިމުނު ކަމަށް ޑަބްލިއުއެޗްއޯއިން އެންގި ތާރީހެވެ.

ތިލަމާލެ ބްރިޖްގެ މަސައްކަތް – މިއީ ރައީސް ސޯލިހްގެ ކެގަސީ

ޕްރޮޖެކްޓްގެ %70 މަސައްކަތް ނިންމުން އޮތީ ތިލަފުށީގައެވެ. މޫދާއި ގުޅިފައި ވަނީ އެންމެ 30 ޕަސެންޓް މަސައްކަތެވެ. ބްރިޖް ފެނުން މައްޗަށް ހިއްލޭ އިރު ބްރިޖްގެ %90 މަސައްކަތް އޮންނާނީ ނިމިފައެވެ. މި ހުރިހާ މަސައްކަތެއް އޭރުވެސް ދިޔައީ ބާރު ސްޕީޑްގައެވެ. މިހާރުވެސް، އެ ޕްރޮޖެކްޓްގެ މަސައްކަތް އެދަނީ ހަމަ ރައީސް ސޯލިހްގެ ސަރުކާރުގައި އެމަސައްކަތް ކުރިއަށް ދިޔަ ސްޕީޑްގައެވެ.

ބްރިޖްގެ މަސައްކަތުގެ ކޮލިޓީއާއި މެދު، ސުވާލު އުފައްދައިގެން ރައްޔިތުންގެ ހިތްތަކުގައި ފިތުނަ އުފެއްދީވެސް ހަމަ މުއިއްޒެވެ. މުއިއްޒުގެ ކެމްޕެއިން ޓީމުން ރައްޔިތުންނަށް ބްރިޖްގެ މަސައްކަތުގެ ފެންވަރު ދަށް ކަމަށް ދައިކައިގެން ވޯޓު ހޯދި އިރު، ބްރިޖްގެ މަސައްކަތުގެ ފެންވަރު ޔަގީން ކުރުމަށް އައްޔަންކޮށްފައި ވަނީ، ހުޅުމާލޭގެ ބްރިޖްގެ މަސައްކަތުގެ ފެންވަރު ބެލި ކުންފުންޏެވެ. އެންމެފަހުން މުއިއްޒު ވެރިކަމާއި ހަވާލުވެ، މުއިއްޒުގެ ފަރާތުން މަސައްކަތް ހިނގަމުންދާ ގޮތް ބެލުމަށް ކޮންސްޓްރަކްޝަން މިނިސްޓްރ ޑރ މުއްތަލިބު ސައިޓަށް ޒިޔާރަތް ކުރުމަށް ފަހު، އަދި މަސައްކަތުގެ ކޮލިޓީ ރިޕޯޓްތައް ބެލުމަށްފަހު، މަސައްކަތުގެ ފެންވަރާއި މެދު ކަންބޮޑުވުމެއް ނެތްކަމަށް މީޑިޔާގައި އަމިއްލަފުޅަށް ވިދާޅުވާން ޖެހުނެވެ. ދޮގުން ކުރި ނުލިބި، ހެދިހާ ދޮގުތައް ބޭޒާރުވީ އަމިއްލަ ވަޒީރުގެ ދުލުންނެވެ.

މުއިއްޒުގެ މި ދޮގުތަކުގެ މަޤްޞަދަކަށް ވީ އުތުރު ތިލަފަޅުންނާއި، ގުޅީފަޅުން ގޯތި ލިބޭ މީހުން މާޔޫސް ކޮށްލުމެވެ. އެއީ މުސްތަޤްބަލެއް ނެތް ތަނެއް ކަން ދެއްކުމެވެ. މުއިއްޒުގެ މި ދޮގުތައް ވިއްކައިގެން ވެރިކަމަށް އައިސް މި ޕްރޮޖެކެޓްތަކަށް އިސްކަން ނުދީ ފެށީ ފުށިދިއްގަރު ފަޅުގެ މަސައްކަތެވެ.

ކަނޑު އަޑިއަށް ދާ ބައިބައި ތިލަފުށީގައި ދަނީ ތައްޔާރު ކުރަމުން

އެފްކޮންސް އިން މި ބްރިޖް މަސައްކަތް ކުރާ އުސްލޫބާއި ހުޅުމާލެ ބްރިޖްގެ ސްޓައިލާއި ތަފާތެއް ވެއެވެ. ހުޅުމާލެ ބްރިޖް އެޅީ އެމަސައްކަތަށް ވަގުތީ ފާލަމެއް ކަނޑުގައި އަޅައިގެންނެވެ. ދިވެހިންނަށް އެ މަންޒަރު ފެނި، ފެނުން މައްޗަށް ބްރިޖް ހިއްލާލީ ކަމަށް ހީވިއެވެ. އެ ގޮތަށް ފެނުން މައްޗަށް ބްރިޖް ނުހިއްލޭކަމަށް ބުނެ ދޮގު ވާހަކަ މުއިއްޒުގެ ޓީމުން ފެތުރި އިރު އެފަދަ ވަގުތީ ފާލަމެއް އަޅައިގެން ތަނބުތައް ޖެހުމުގެ މަސައްކަތް ކުރުމުގެ އެއްވެސް ވިސްނުމެއް ތިލަމާލެ ބްރިޖް އަޅާ ކުންފުނީގެ ނެތެވެ. އެ ކުންފުނީގެ ވިސްނުމަކީ ފްލޯޓިން ޕްލެޓްފޯމްތަކެއް ބޭނުންކޮށްގެން ކަނޑު އަޑީގައި ދާއިމީ ތަނބުތައް ޖަހައި ނިންމާލުމެވެ. އެއީ ވަގުތީ ފާލަމެއް އަޅައިގެން ފަރަށް ލިބިދާނެ އިއާދަނުކުރެވޭ ވަރުގެ ގެއްލުމަށް ވިސްނައިފައެވެ.

މިއަދުވެސް، އޭރުވެސް، ބްރިޖްގެ މަސައްކަތް އަވަސް ކުރުމަށް، 48 އިންޖިނިއަރުން ކޮންމެ ދުވަހަކު މަސައްކަތް ކުރަމުން ދެއެވެ. ރެއާއި ދުވާލު، ހަތް ސައިޓުގައި އެއް ފަހަރާ، 2400 ހާ މީހުން ދަނީ އޭރުވެސް، މިހާރުވެސް މަސައްކަތް ކުރަމުނެނެވެ. މަސައްކަތާއި ގުޅޭ ގޮތުން ގެންނަން ޖެހޭ ޓެކްނިކަލް މީހުން އޭރުވެސް މިހާރުވެސް ދަނީ ގެންނަމުންނެވެ.

މި ޕްރޮޖެކްޓްގެ މަސައްކަތް އަވަސް ވުމާއި، ލަސްވުމުގައި މުއިއްޒުގެ ސަރުކާރުގެ އެއްވެސް ދައުރެއް ނުވެއެވެ. އޮތީ އެފްކޮންގެ މަސައްކަތެވެ. މަސައްކަތް ދިގުލާނަމަ އޭގެ ގެއްލުންވެސް އޮތީ އެފްކޮން އަށެވެ. ޕްރޮޖެކްޓް ފެށި، އޭގައި ހުރި ދަތިތައް ދެނެގަތުމުގެ މަރުހަލާ ހޭރިޔާ ކޮށް، ރައީސް ސޯލިހްގެ ސަރުކާރުގެ ފަހު ދުވަސްތަކުގައި، ބްރިޖްގެ މަސައްކަތް މެކުހަށް ޖަހާލިއެވެ. ދެން ދާނީ އެ ސްޕީޑްގައެވެ. އެހެންކަމުން މިއީ މުއްތަލިބު ބޭނުންވެގެން އަވަސްވެ، ލަސްވާ ކަހަލަ ޕްރޮޖެކްޓެއް ނޫނެވެ.

1.39 ކިލޯ މީޓަރުގެ ހުޅުމާލެ ބްރިޖް މުއިއްޒަށް ނިންމާލަން 2 އަހަރާއި، 8 މަސްދުވަސް ނެގިއެވެ. ތިލަމާލެ ބްރިޖަކީ 6.9 ކިލޯ މީޓަރުގެ ދިގު ބުރިޖެކެވެ. ހުޅުމާލެ ބްރިޖަށް ވުރެ 5 ގުނަ ބޮޑު ތިލަމާލެ ބްރިޖް ނިންމުމަށް ދީފައިވަނީ ހަމަ 2 އަހަރާއި 8 މަސް ދުވަހެވެ. ނަމަވެސް އަހަރެއް ނުވަނީ ބްރިޖް ނުނިމޭ ކަމަށް ބުނެ ދެއްކީ މަކަރު ވެރި މަންޒަރެކެވެ. ހެދީ ދޮގެވެ.

މި މަޝްރޫއަށް 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ހަރަދުވެއެވެ. އެއީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ދޭ 400 މިލިއަން ޑޮލަރާއި އިންޑިއާގެ ސަރުކާރުން ހިލޭ އެހީގެ ގޮތުގައި ދޭ 100 މިލިއަން ޑޮލަރެވެ. މުއިއްޒަށް ހަޖަމް ނުވެގެން އުޅެނީ މިކަމެވެ. ޤައުމުގެ ތަރައްޤީއަށް ދުނިޔެއަށް ހުޅުވާލެވިފައިވާ ޚާރިޖީ ސިޔާސަތުގެ ތެރެއިން ރައީސް ސޯލިހްގެ ސަރުކާރުގައި ދިވެހި ޤައުމާއި ރައްޔިތުންނަށް ލިބުނު މަންފާއެވެ.