ތުރުކީން ކާޑު ނުލިބި، އިންޑިއާގެ ފައިބުޑަށް މުއިއްޒު ވެއްޓި އާދޭސް ކޮށްގެން، ކާޑު ހޯދި އިރު، އިންޑިޔާއާއި ދޭތެރޭ ހެދި ދޮގުތަކަށް މާފަށް އެދޭކަށް މުއިއްޒަކަށް ނުކެރުނު!

ދުނިޔޭގެ އާއްޖު ފާއްޖު ނޭނގި، އެކުވެރި ޤައުމުތަކާއި ޖެހިގަނެގެން، މި ގޮތުން އިންޑިޔާއާއި މެދު އެތައް ދޮގުތަކެއް ހަދައިގެން ވެރިކަމަށް އައިސް، އިންޑިޔާގެ ކިބައިން ކާބޯތަކެއްޗާއި، ހިލައާއި ހިލަވެއްޔަށް އެދި މުއިއްޒު އާދޭސް ކުރާއިރު، މުއިއްޒުގެ ވާ ލަދުހަޔާތުގެ ކަންފުޅެއް ވެސް ހަމަ ނެތީ ބާއޭ ދިވެހި ރައްޔިތުން ހިތަށް އަރައެވެ.

ޤައުމު ހިންގޭނެ ގޮތެއް ނެތިގެން ދުޝްމަނު ވެގެން، މުޅި ސަރުކާރު އިންޑިޔާ ދެކޮޅަށް ޑިފެންސަށް ފައިބާ، ޑެޕިއުޓީ މިނިސްޓަރުން ލައްވާ އިންޑިޔާ ބޮޑު ވަޒީރަށް އެއްޗެހި ގޮވައި، މާފަށް އެދުމަކީ އޭގައި އޮންނަ ޑިޕޮލޮމެޓިކް ގޮތް ކަމަށް ބުނުމުން، އެކަން ނުކުރަން ވެގެން ބުލީ ނުކުރެވޭނެ ކަމަށް ބުނެ ދެއްކިހާ ވަރު މިހާރު ކޮބާތޯއެވެ؟

ހަޤީގަތުގައި މިއަދު އިންޑިޔާގެ ކިބައިން މުއިއްޒު މާފަށް އެދެން ޖެހޭނެއެވެ.

ކާބޯތަކެއްޗަށް އާދޭސް ކޮށްފައި، އެ ތަކެތި ދިނުމުގެ ހުއްދަ ދިނީމާވެސް، މުއިއްޒުގެ މަކަރުވެރި ދޮގުވެރި ހީލަތްތެރި ސަރުކާރުން ޝުކުރުގެ ބަހެއްވެސް ބުނެ ނުލާ ތިއްބާ، އެ ފަދަ އެހީތެރިކަމެއް ފޯރުކޮށް ދިން ކަން ހާމަ ކުރީ އިންޑިޔާ ސަރުކާރުންނެވެ. ރާއްޖޭގެ ފޮރިން މިނިސްޓަރަށް ޓްވީޓެއް ކޮށްލަން އެނގުނީވެސް އެހިސާބުންނެވެ.

ވެރިކަމަށް އައުމަށް ހެދި ދޮގުތަކުން މުއިއްޒަކަށް ސަލާމަތެއް ނުވެވޭނެއެވެ. މުޅި ޤައުމުގެ ހުރިހާ ރައްޔިތުން ކައްޒާބޭ ކިޔާފައި މުއިއްޒަށް އެ ގޮވަނީ އެހެންވެއެވެ. ލަދު ހަޔާތެއް ނެތުމުން، ހެދިހާ ދޮގަށް މާފަށް އެނދެން ނޭނގި، އިތުރަށް ދޮގު ހަދައިގެން ލިބޭނެ ކުރިއެރުމެއް ނޯންނާނެއެވެ.

މުއިއްޒު އަމިއްލަ ދުލުން ބުނި އެތައް ހާސް ސިފައިންނެއް ނެތެވެ. މުއިއްޒު ބުނި ރާޑަރުތައް ނަގައި، ނޫސްވެރިންނަށް އެ ރާޑަރުތައް ދައްކާށެވެ. އުތުރު ތިލަފަޅަށް ދިވެހި ލަޝްކަރުތައް ފޮނުވައި، އެތަން އަނބުރައި ދިވެހި ރާއްޖޭގެ ބާރުގެ ދަށަށް ގެންނާށެވެ.

ހަނިމާދޫގައި އެތައް ހާސް އިންޑިޔާ ސިފައިންނެއް ތިބުމުން، އަދި ކުލަ ހެދުމުގައި އެތައް ހާސް ސިފައިންނެއް އެ ރަށުގައި ވަޒަން ވެރިވެ ތިބި އިރު، އެމީހުން އެތިބި ތަންތަނުން ނެރެ، ދިވެހި ސިފައިން އަލުން އަނބުރައި، ދިވެހި ޤައުމުގެ އިސްތިޤްލާލްގެ ތެރެއަށް ހަނިމާދޫ ވައްދަން ޖެހެއެވެ. މި އިން އެއްވެސް ކަމެއް މުއިއްޒެއް ނުކުރެއެވެ.

ދިވެހިރާއްޖޭގެ މިނިވަންކަން ގެއްލެނީ ކަމަށް ދައްކައި ހެދިހާ ދޮގެއް މިއަދު ކޮބައިތޯއެވެ؟ ވެރިކަމަށް އައުމަށް ދޮގު ހަދައި، ވެރިކަމުގައި ހުރުމަށް ދޮގު ހެދީމާ ތާއީދު ގެއްލި ރައްޔިތުންގެ ނަފްރަތު ނޫން އެއްޗެއް ނުލިބޭނެއެވެ.