Screenshot

ވެރިކަމަށް 141 ދުވަސް! އިންޑިޔާ ސިފައިންގެ ބާރުގެ ދަށުގައި އޮތް، އަދި އިންޑިޔާގެ މިލިޓަރީ ބޭސް އޮތް، އުތުރު ތިލަފަޅު އަދިވެސް ދިވެހި ސިފައިންގެ ބާރުގެ ދަށަށް ނުގެނެވިގެން އުޅެނީ ކީއްވެ؟

ވެރިކަމަށް 141 ދުވަހެވެ. އިންޑިޔާ ސިފައިންގެ، މިލިޓަރީ ބޭހެއް ގޮތުގައި އޮތް އުތުރު ތިލަފަޅު، ދިވެހި ސިފައިންގެ ބާރުގެ ދަށަށް ގެނެސް، މިނިވަން ނުކުރެވިގެން މި އުޅެނީ ކީއްވެތޯއެވެ؟ އެތާގައި ތިބި އިންޑިޔާ ސިފައިން ހޯދުމަށް މުއިއްޒުގެ ކޮމާންޑްގެ ދަށުން ދިޔަރެހުގެ ޓާސްކްފޯސްއެއް އެތަނަށް ގޮސް އެތާގައި، އިންޑިޔާ ސިފައިންގެ ފައުޖުގެ އެންމެ އިސް ވެރިޔާ ރޯހިތު ފެނޭތޯ ހިންގި ނުރައްކާތެރި އޮޕަރޭޝަނަށް ފަހު، މުއިއްޒު ހިމޭން ވީތޯއެވެ؟ އިންޑިޔާއިން މުއިއްޒުގެ މައްޗަށް މިއަދު ހިންގަނީ ކޮން ބާރު ވެރިކަމެއް ތޯއެވެ؟

އެތައް ހާސް އިންޑިޔާ ސިފައިންނެއް އެތާގައި ތިބި ކަމަށް ތުހުމަތު ކުރީމު ނޫންތޯއެވެ؟ އެތާގައި ތިބި ސިފައިންގެ ފައުޖުތައް ހިފާ ހައްޔަރު ކޮށް، އެތަން ދިވެހި ސިފައިންގެ ބާރުގެ ދަށަށް ގެންނަން ޖެހެއެވެ. ދިވެހި މިނިވަން ކަމުގެ ހިޔަލަށް ގެނެސް އާޒާދު ކޮށްދޭށެވެ. އުތުރު ތިލަފަޅަކީ އެއްވެސް ޤައުމެއްގެ މިލިޓަރީ ބޭހެއް ހަދަން ޖާގަ ދެވިގެން ވާނެ ތަނެއް ނޫނެވެ. އެއީ ދިވެހި ޖަޒީރާ ރަށެކެވެ. ދިވެހި ޤައުމީ ދިދަ އެތާގައި ވިހުރެން ޖެހެއެވެ. ދިވެހި ރުއް އެ ބިމަށް ހިޔާ ދޭން ޖެހެއެވެ. ދިވެހި ލޭ ހިނގާ ދިވެހި ދަރީން އެ ބިމަށް ނޭވާ ލިޔަ ދޭށެވެ.

ހޯދާނެ ކަމަށް ވައުދުވެ ވަޑައިގެން ވެރިކަމަށް ވަޑައިގެން ދިވެހިންގެ މިނިވަން ކަމާއި އިސްތިޤްލާލަށް ތިހެއްދެވީ ކިހިނަކުން ތޯއެވެ؟ އަޅުވެތި ކަމެއްގެ ތެރެއަށް، ދިވެހި ދޮންވެލި ދިޔަރެހާއި، މިއުޒިކީ ރާޅުތައް ބީއްސާ ރިހި ވެލީގެ އައްސޭރިތަކާއި، ހިތްފަސޭހަ ވާރޯޅިއާއި އެކު ދިޔަވަރު މަޑުވެ އަމާން ވެފައިވާ ދިވެހި ކަނޑުގެ ސަތުހު ހިމެނޭހެން އޮތް އުތުރު ތިލަފަޅު، އިންޑިޔާގެ ބާރުގެ ދަށަށް ތިޔަ ދޫކޮށްލީތޯއެވެ؟

މުއިއްޒުގެ މައްޗަށް އޮތީ ކޮން މަޖުބޫރު ކަމެއްތޯއެވެ. ގްރާމެއްގެ ފިޔާ ކޮޅަކަށައި، ލޮނު ލޮނބޮޔާއި ދެ މިރުހަކަށް މި ޤައުމުގެ އިސްތިޤްލާލް އިންޑިޔާ އަށް ނުވިއްކާނެ ކަމަށް ވައުދުވެ ވަޑައިގެން އެތައް މަލާމާތެއް އެމްޑީޕީއަށް ކޮށްފައި، ވެރިކަމުގެ ތަހުތުގައި ވެޑުވުނު ތަނާއި ހެން، ތި ކުރިމަތިވީ ކޮން މަޖުބޫރު ކަމަކާ ތޯއެވެ؟ އުތުރު ތިލަފަޅުގައި އޮތް އިންޑިޔާގެ މިލިޓަރީ ބޭސް ފަތަހަ ކޮށް ދެއްވާށެވެ. މިނިވަންކަން ހޯދައި ދެއްވާށެވެ.

މާ ދުރަށް އުތުރަށް އޮތް ހަނިމާދޫގެ އެތައް ސަތޭކަ ގެއެއްގައި ވަޒަންވެރިވެ، ތިބި ރޯ އެޖެންޓުންތައް މިއަދު ކޮބައިތޯއެވެ. އިންޑިޔާ ސިފައިން ގިނަކަމުން، މަގެއް މައްޗަށް ދިވެހިން ބިރުން ނުނިކުމެވި، ހަތަރު ކަޅި ހަމަ ކޮށްލަން ނުކެރި، ބިރުވެރި ހާލަތުގައި އެ ރަށުގައި ތިބި ދިވެހިން އަދިވެސް އެތިބީ ސިހުމާއި، ހާސް ކަމުގެ ތެރޭގައި ނޫންތޯއެވެ؟ މިނިވަން ކަމުގެ ރޯދި ހޯދައި، ޤައުމުގެ އިސްތިޤްލާލު ނަގަހައްޓަން ވަޑައިގެން ހުންނެވި ވެރިމީހާ މިއަދު ކޮބައިތޯއެވެ؟ ހަނިމާދޫގެ އެތައް ސަތޭކަ ގެއެއްގައި ތިބި ހަތިޔާރު އެޅި ސިފައިން، ހިފައި ހައްޔަރު ކޮށް ނެރެ ދެއްވާށެވެ. އަޅުވެތި ކަމުގެ ތެރެއަށް ދިވެހި ޖަޒީރާތައް ގޮސްފާނެ ކަމަށް ވިދާޅުވެ، ވެރިކަމަށް ވަޑައިގެން މިނިވަންކަމުގެ ނޫރު ތިޔަ ނިއްވާލީ ދިވެހި ޤައުމު ރޮއްވާފައެވެ.

އުތުރު ތިލަފަޅާއި، ހަނިމާދޫ މިނިވަން ނުކޮށް މަނިކުފާނު ހުޅުމާލެއިން އެތައް ހެކްޓަރެއް ރާޖޫ ކިޔާ ފަރަންޖީ އަކަށް 99 އަހަރަށް ވިއްކާލި އިރު ދިވެހި ބިމަށް ހަމަ އެއްވެސް ކުލުނެއް ނެތީތޯއެވެ؟ ދިވެހި ޤައުމިއްޔަތާއި ދިވެހިން މަނިކުފާނަށް ދިނީ ކޮން އަނިޔާއެއް ތޯއެވެ؟

އުތުރު ތިލަފަޅަކީ އިންޑިޔާ ސިފައިންގެ މިލިޓަރީ މަރުކަޒެއް ނޫނެވެ. ހަނިމާދޫގައި ވެސް އެއްވެސް އިރަކު އިންޑިޔާ ސިފައިންނެއް މިލިޓަރީ ބޭނުމަކު ނެތެވެ. ނަމަވެސް ވެރިކަމަށް އަންނަން ދެއްކީ ބިރުވެރި ވާހަކަ ތަކެކެވެ. މިނިވަން ކަމާއި ދިވެހި ޤައުމުގެ އިސްތިޤްލާލަށް އޮތް އެންމެ ބޮޑު ގޮން ޖެހުމަކީ ހައްދުފަހަނައެޅި ޤައުމިއްޔަތުގެ ފިކުރުގައި ދޮގާއި މަކަރު ހަދައިގެން ވެރިކަމަށް އަންނަ ޤައުމުގެ ގައްދާރުންނެވެ. މިނިވަން ކަމުގެ އަގު ކައްޒާބު މަނިކުފާނު ތި ވެއްޔާއި މޮޑެލީ ދޮގާއި، ފިތުނައިގެ ހުޅު މުޅި ޤައުމުގައި ރޯ ކުރުމަށް ފަހުއެވެ.