ޗައިނާއިން އަންގައިގެން ލ އަތޮޅުން 3 ރަށާއި، އެތާގައި އަޅާ ބަންކަރިން ނާއި، ޓްރާންޝިޕްމަންޓް ޕޯޓާއި، ޔޮޓް މެރީނާއާއި، ކްރޫޒް ޓާމިނަލް 99 އަހަރަށް، ވޯލްޑް ބޭންކުން ބްލެކް ލިސްޓް ކޮށްފައިވާ ޗައިނާގެ ކޮރަޕްޓް ސީ.އޭ.އެމް.ސީ އަށް، ހިލޭ، ހިބަކޮށް ދީފި!

ވޯލްޑް ބޭންކުން ބްލެކް ލިސްޓް ކޮށްފައިވާ އަދި އޭޑީބީ އުސޫލުތަކާއި ޚިލާފު ވެފައިވާ ޗައިނާގެ ކޮރަޕްޓް ސީ.އޭ.އެމް.ސީ އިންޖިނިއަރިންގ އަށް، ޗައިނާއިން އަންގައިގެން ލ އަތޮޅުން ބޮޑު ބައެއް ދީފިއެވެ. މި ގޮތުން އެ އަތޮޅުން 3 ރަށާއި، ސީ.އޭ.އެމް.ސީ އިންޖިނިއަރިންގ އިން ލ. އަތޮޅުގައި އަޅާ، ބަންކަރިން ނާއި، ޓްރާންޝިޕްމަންޓް ޕޯޓާއި، ޔޮޓް މެރީނާއާއި، ކްރޫޒް ޓާމިނަލް 99 އަހަރަށް އެ ކުންފުންޏަށް ދޭން ނިންމައިފިއެވެ.

ލ. އަތޮޅަށް ތަރައްގީ ގެނައުމުގެ ނަމުގައި ސަރުކާރުން، ކެމްޕެއިނަށް ލ. އަތޮޅުގެ ދާއިރާ ތަކަށް ވަޑައިގެން، ސަރުކާރުގެ ޚަރަދުގައި ޝަރަފުވެރި ޚަފުލާއެއް ބާއްވައި، މުއިއްޒުގެ ކެބިނެޓުގެ ވަޒީރެއް ކަމުގައި ވާ މުއްތަލިބު، އާއި، އެމްޕީއެލްގެ އެމްޑީ ވަޖީހު ވަނީ މިކަމާއި ގުޅުން ހުރި އެއްބަސް ވުންތަކުގައި ސޮއެ ކޮށްފައެވެ. އަދި މި އެއްބަސްވުންތައް ސަރުކާރުން ވަނީ ސިއްރު ކޮށްފައެވެ. މުއިއްޒު އަމިއްލަ އަށް މި އެއްބަސް ވުމުގައި ސޮއެ ނުކޮށް، އެހެން ބަޔަކު ލައްވައި ސޮއެ ކޮށް ރާއްޖޭގެ އިޤްތިޞާދުގެ ބޮޑު ބައެއް ޗައިނާއަށް ހިބައިން މި ދިނީ، އެ ފޮޓޯތަކަށް މުއިއްޒު އަރައިފި ނަމަ، އަންނަން އޮތް ޖީލުތަކަށް ލާމު އަތޮޅު ޗައިނާއިން ހިބަކޮށް ދިންކަމުގެ ހުތުރު ލަގަބު މުއިއްޒުގެ ބޮލުގައި އެޅޭނެ ކަން ޔަގީން ވާތީ، އެކަމާއި ވީހާވެސް ދުރުގައި ހުންނެވުމަށެވެ. އެހެން ކަމުން މުއިއްޒު އިންނެވީ މި ހަފުލާ ބައްލަވައި އަތް ޖެހުމަށެވެ.

މުއިއްޒުގެ ޗައިނިއްޔަތުގެ މި ޕްރޮޖެކްޓްގެ ސަބަބުން، ލ. އަތޮޅުގައި ކުރިއަށް އޮތް 99 އަހަރު ޗައިނާގެ ބާރު އިންތިހާއަށް ގަދަ ވެގެން ދާނެއެވެ. އަދި، ގާދޫ މެރިޓައިމް ހަބުގައި ހިމެނޭ ބަންކަރިން ޚިދުމަތާއި، އެހެނިހެން ޚިދުމަތްތަކުން ލ. އަތޮޅު ރައްޔިތަކަށް ލިބޭނެ އެއްވެސް ފައިދާއެއް ނެތްތާގައި، އެ ރަށްރަށުގައި ހުރި، ތެލުގެ ޚިދުމަތްދޭ ކުދި ވިޔަފާރިތައް ހުއްޓިގެން ދާނެއެވެ. ޗައިނާއަކީ އެމީހުންގެ ޤައުމުން ހެޔޮ އަގުގައި، ލޭބަރުންނާއި، މަސައްކަތުގެ ހުނަރުވެރިންނާއި، އެންމެ ކުޑަ މިނުންގޮސް އެޑްމިން މަސައްކަތަށްވެސް އެމީހުންގެ އަމިއްލަ ޤައުމުން މީހުން ގެންނަ ބަޔެކެވެ. އެފްރިކާގައި މި ގޮތަށް އެމީހުން ދިގު މުއްދަތަށް އިންވެސްޓް ކޮށްގެން ހިންގާ އެއްވެސް ޕްރޮޖެކްޓެއްގައި އެފްރިކާގެ އެންމެ ރައްޔިތަކަށްވެސް ވަޒީފާއެއް ދީފައެއް ނުވެއެވެ. އެހެން ކަމުން، ދިވެއްސަކަށް ޗައިނާގެ ސަރުކާރު ހިއްސާ އޮންނަ ކޮރަޕްޓް ކުންފުންޏަކުން އެންމެ ވަޒީފާއެއް ނުދޭނެއެވެ. އަދި ސަރުކާރުން ސީ.އޭ.އެމް.ސީ އިންޖިނިއަރިންގ އަށް ރާއްޖެ ހިބައިން ދިނުމަށް ވި އެއްބަސްވުންތަކުގައި ދިވެހިންނަށް ވަޒީފާ ދޭން ޖެހޭ އެއްވެސް މާއްދާއެއް ހިމަނާފައެއް ނުވެއެވެ.

ދިވެހިރާއްޖޭގައި ހަދާ ޔޮޓް މެރީނާއެއް ޗައިނާގެ އަތްދަށު ވެގެން ދިޔުމަކީ ދިވެހި ޤައުމުގެ ރަންބިސް އަޅާ ކުކުޅު ޗައިނާއަށް ހަދިޔާ ކޮށްލުމެވެ. ދުނިޔޭގައި އެންމެ ބާރަށް ހިނގާ ކުރޫޒް ލައިނާރގެ ފަތުރުވެރިކަމަށް އަދި ރާއްޖެ ރަނގަޅަށް ހޭނުޖެހިގެން އުޅެނިކޮށް، ކުރޫޒް ލައިނަރ ތައް ލ. އަތޮޅަށް ވަނުމާއި، އެ މެރީނާ ބޭނުން ކުރުމުގެ ބާރު ޗައިނާ ސަރުކާރު ހިއްސާ އޮންނަ ކުންފުންޏަކަށް ދިނުމަކީ ސީދާ އެބާރު ޗައިނާ ސަރުކާރަށް ދިނުމެވެ. އަސް ވިއްކިއަސް ލަގަން ނުވިއްކާށޭ މީހުން ބުނަނީ ކަމެއް ވީމައެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް އިތުރަށް ހީނަރުވެ، ޗައިނާއާއި، އިންޑިޔާ އާއި ދެމެދުގެ އޮތް މައްސަލާގައި ރާއްޖެ އާއި މެދު ޗައިނާ ހިތްހަމަ ނުޖެހޭ ކޮންމެ ފަހަރަކު، ރާއްޖޭގައި ދުއްވާ ޔޮޓްތަކާއި، ރާއްޖޭގެ ސަރަހައްދަށް ވަންނަ ކްރޫޒް ލައިނާ ތަކަށް ލ. އަތޮޅަށް ނޭރޭ ގޮތް ވުމަކީ ދިވެހިރާއްޖޭގެ ޤައުމީ އިސްތިޤްލާލާއި މިނިވަންކަން ޗައިނާގެ އަތްދަށަށް ދިޔުން ނޫން ކޮން ކަމެއް ތޯއެވެ. ޤައުމިއްޔަތޭ ކިޔައި، ކުރިއަށް މި ނެރުނީ ޗައިނިއްޔަތެވެ. ދިވެހިންނަށް ލޯތްބެއް ކުލުނެއް، ދިވެހި ދިދައަށް ޒައްރެއްގެ މިންވަރުގެ ލޯތްބެއް ހުރި މީހަކު، ޗައިނާއަށް ލާމެއް މިހެން ހިލޭ ސާބަހަށް ހިބައިން ދޫކޮށް ނުލާނެއެވެ.

އީކޯ ޓުއަރިޒަމް މޮޑެލް އަށް ރިސޯޓް ހެދުމަށް އެއް ރަށާއި، އިތުރު ދެ ރަށެއްވެސް ލ. އަތޮޅުން ސީ.އޭ.އެމް.ސީ އިންޖިނިއަރިންގ އަށް މުއިއްޒު ދީފައިވާކަމަށް ދިޔަވަރަށް މައުލޫމާތު ލިބިފައިވެއެވެ.

މިކަމުގެ ބަދަލުގައި ދިވެހި ރާއްޖެއަށް އެއްވެސް ފައިދާ އެއް ކުރިއަށް އޮތް 99 އަހަރު ވާން ނެތް އިރު، މިއިން ވާހާ ފައިދާއެއް ވާނީ ޗައިނާގެ އިޤްތިޞާދަށެވެ. މި ބަންކަރިން އިން ތެޔޮ ވިއްކީމާ ފައިދާ ވާނީ ޗައިނާއަށެވެ. ޓްރާންސްޝިޕްމެންޓް ޕޯޓުން މުދާ ބާލައި، މުދާ ފޮނުވަން ފެށީމާ، އޭގެ ފައިދާ ލިބޭނީ ޗައިނާ އަށެވެ. އެމްޕީއެލްއަށް މިހާރު ލިބޭ ފައިދާ ދެކުނައަށް ދަށްވުން ނޫން އިތުރު އެއްވެސް ކަމެއް ނުވާނެއެވެ. ކްރޫޒް ޓާމިނަލް އާއި، ޔޮޓް މެރީނާއަކީ ޗައިނާއަށް ރާއްޖޭގެ ފަތުރުވެރިކަމާއި، އިޤްތިޞާދަށް ބޭނުން އިރަކު ބޭނުން ގޮތެއް ހަދާލަން ދެވޭ ހައްދެއް ނެތް ބާރެކެވެ.

ދިވެހި ރައްޔިތުންނާއި ސަރުކާރަށް މި ޕްރޮޖެކްޓުން ފައިދާ ނުވިއަސް، މި ޕްރޮޖެކްޓުން މުއިއްޒު ވަނީ ބިލިއަނަރަކަށް ވެފައެވެ. އެތައް ބިލިއަނުން މުއިއްޒަށް ފައިސާ ލިބޭނެއެވެ. މިއީ އެމްއެމްޕީއާރުސީގެ 300 ހިޔާނާތުގެ ފައިސާއެވެ.

މި ޕްރޮޖެކްޓްގެ ހުރިހާ ފައިދާއެއް 99 އަހަރަށް ޗައިނާއަށް ލިބޭ ގޮތަށް މިފަދަ ބޮޑު މަޝްރޫޢެއް ދޫކޮށްލުމަކީ ޤައުމަށް ވެވޭ އެންމެ ބޮޑު ހިޔާނާތެވެ. ދިވެހިން ނިދާފައި ތިއްބާ ރާއްޖޭގެ ބައެއް ޗައިނާއަށް ހިބައިން ދީ ނިންމީއެވެ.