ޔާމިން މިނިވަން ކުރަން ޖޭއެސްސީގައި އެދޭވާހަކަ ޝިޔާމް ސިފަކުރީ ކޯޓުތަކަށް ފޯރުވާ ނުފޫޒެއްގެ ގޮތުގައި! ރައީސް ޔާމިން މިނިވަން ކުރަން އެއްވެސް މަސައްކަތެއް ކުރުމާ ޕީއެންސީގެ އިސް ބޭފުޅުން ދެކޮޅު!

ރައީސް ޔާމިންގެ ޝަރީއަތް ލަސްވެގެން ދިއުމާއެކު, އެމައްސަލަ އަވަސްކުރުމަށް ޖޭއެސްސީގައި އެދިލައްވާނެކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވުމުން ޕީއެންސީގެ އިސް ބޭފުޅުން އެކަމާ ދެކޮޅު ހައްދަފައިފިއެވެ.

އައްޑޫ ސިޓީގައި ބޭއްވި ކެމްޕެއިން ބައްދަލުވުމެއްގައި މަޖިލިހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު ކަން ވެސް ކުރައްވާ އަސްލަމް ވިދާޅުވީ ޔާމީންގެ ޝަރީއަތުގެ އަޑުއެހުމެއް ނުބާއްވާތާ ގިނަ ދުވަސްތަކެއް ވުމުން ދޭހަ ވަނީ ސަރުކާރުން އެ މައްސަލައިގެ ތެރެއަށް ނުފޫޒު ފޯރުވައި އަތް ބާނަމުންދާ މިންވަރު ކަމަށެވެ. ޔާމީންގެ ޝަރީއަތެއް އެންމެ ފަހުން ބޭއްވީ މިދިޔަ ހަތަރު މަސް ދުވަސް ފަހުން ކަމަށް ވެސް އަސްލަމްގެ ވާހަކައިގައި ފާހަގަ ކުރެއްވިއެވެ.

ރައީސް ޔާމިން މިވަންކުރުމަށް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވުމުން, ޕީއެންސީގެ އިސް ބޭފުޅުން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓުތަކުގައި އެކަން ސިފަ ކޮށްފައިވަނީ އަސްލަމް ޖޭއެސްސީއަށް ފޯރުވާ ނުފޫޒެއްގެ ގޮތުގައެވެ.

އެގޮތުން އަސްލަމްގެ ވާހަކަތަކަށް ފާޑު ވިދާޅުވަމުން މުއިއްޒުގެ ސަރުކާރުގެ ފިޝަރީޒް މިނިސްޓަރ ޝިޔާމް ވިދާޅުވީ ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު އަސްލަމް ހުންނެވީ “ފުއްގަނޑެއް” މޮޑޭހެން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ހިސޯރުކޮށްގެން ކަމަށެވެ. އަދި އޭނާ ވިދާޅުވީ އަސްލަމްގެ ބޭނުމަކީ ކޯޓުތަކަށް ނުފޫޒު ފޯރުވުން ކަމުގައެވެ.

ޝިޔާމްގެ އިތުރުންވެސް ސަރުކާރުގެ އެހެން ބައެއް ވަޒީރުންވެސް ވަނީ ރައީސް ޔާމިނިވަން ކުރުމަށް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވެ އަސްލަމް ދެއްކެވި ވާހަކަތަކަށް ރައްދު ދީ ނުރުހުން ފާޅު ކޮށްފައެވެ.

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ރައީސް ޔާމިން މިނިވަން ކުރާނެކަމަށް ދޮގު ވައުދުވެ، ރައީސް ޔާމިންގެ ނަންޖެހި ހުސް ގޮނޑި ރިޔާސީ ކެމްޕޭންގައި ރައްޔިތުންނަށް ދައްކައިގެންނެވެ.

އެގޮތުން, ނިމިދިޔަ ރިޔާސީ ކެމްޕޭންގައި މުއިއްޒު ރަށްރަށަށް ވަޑައިގެން ބޭއްވި ހުރިހާ ކެމްޕޭން ޖަލްސާއެއްގަވެސް, ޝަރަފްވެރި މެހުމާން އިންނަވާ ގޮނޑިކޮޅު ހުސްކޮށް ބަހައްޓާފައިވަނީ އެ ގޮނޑިކޮޅުގައި ރައީސް ޔާމިންގެ ނަން ޖަހާފައެވެ. އޭރު ރައީސް ޔާމިން އޮންނެވީ ޖަލުގައެވެ.

އަދި އެއިން ކޮންމެ ޖަލްސާއެއްގަވެސް މުއިއްޒު ދެއްކެވި ވާހަކަ ފައްޓަވާފައިވަނީ ވެރިކަން ލިބިއްޖެނަމަ އެންމެ ފުރަތަމަ ދުވަހުވެސް ރައީސް ޔާމިން މިނިވަންކުރާނެކަމަށް ވައުދާއި އަހުދާއި ހުވާ ކުރައްވަމުންނެވެ.

އެހެންނަމަވެސް ވެރިކަން ލިބުމާއެކު މުއިއްޒުވަނީ މިވައުދުތަކަށް ޚިޔާނާތްތެރިވެ, ކޯޓުތަކަށް އަތް ބާނާގައިގެން ރައީސް ޔާމިންގެ ޝަރީއަތް ހުއްޓުވާފައެވެ.

ރައީސް ޔާމިން މިނިވަންކުރުމަށް މަސައްކަތް ކުރައްވާނެކަމަށް އަސްލަމް ވިދާޅުވުމުން, ޕީއެންސީގެ އިސްވެރިން މިއަދު ކުރެއްވި އެކްސް ޕޯސްޓުތަކުން ދޭހަވެގެން ދިޔައީ ރައީސް ޔާމިން މިނިވަން ކުރުމަށް އެއްވެސް ފަރާތަކުން މަސައްކަތް ކުރުމަކީ އެއިން އެއްވެސް ބޭފުޅަކު އެދޭކަމެއް ނޫން ކަމުގައެވެ.