ފައިސަލް ޓޫރިޒަމް މިނިސްޓަރު ކަމުން ވަކި ކުރަން އެއްބަސްވީ، ހާދީ ހަސަން ރަސްގެފާނުގެ ދަރި ވެރިކަމުން ބޭލިހެން

ޓުއަރިޒަމް މިނިސްޓަރު ކަމުގައި ހުންނެވި އަބްދުއްރަހީމްގެ ދަރިފުޅު، ފައިސަލް އެ މަގާމުން ވަކި ކުރުމަށް މުއިއްޒު އާއި، އަބްދުއްރަހީމް އެއްބަސް ވުމަކަށް އައިސްފިއެވެ. ދިޔަވަރު ނޫހަށް ރައީސް މުއިއްޒުގެ އަރިސް ފަރާތަކުން ޔަގީން ކޮށްދީފައި ވާ ގޮތުގައި، އަބްދުއް ރަހީމް (އަދުރޭ) ވަނީ އޭނާގެ ދަރި ފައިސަލް މަގާމުން ވަކި ކުރުން އެންމެ ރަނގަޅު ކަމަށް އެއްބަސްވެ، އެއިން ޑީލެއް ހަދާފައެވެ.

ފައިސަލްގެ މަގާމުން ވަކި ކޮށް، އޭގެ ބަދަލެއްގެ ގޮތުގައި، އަބްދުއް ރަހީމަށް (އަދުރޭ) އަށް މަޖިލީސް ރައީސްކަން ކަށަވަރު ކޮށް ދިނުމަށް މުއިއްޒުއާއި އެކު އަދުރޭ އެއްބަސް ވެފައި ވާއިރު، މިއީ ދިވެހި ފަހުގެ ތާރިހުގައި، ބައްޕައެއްގެ ސިޔާސީ ބާރުވެރިކަމަށްޓަކައި، ދަރިއަކު ހަސަން ހާދީ ފަދައިން ގުރުބާން ކޮށްލި ފުރަތަމަ ފަހަރެވެ.

ހަސަން ހާދީ ރަސްގެފާނު، ވެރިކަމުން އަމިއްލަ ފުޅަށް މުސްކުޅިވެ ވަޑައިގެން، ދަރިފުޅަށް ވެރިކަން ދީފައި، ވެރިކަން ހިނގާތަން ފެންނަން ފެށީމާ، އަނެއްކާވެސް ބާރުވެރިކަން ބޭނުން ވެގެން، ވެރިކަން ކުރާ ހިތްޕުޅުވެގެން، ދަރިފުޅު އަތުން ވެރިކަން އަތުލައި، ވެރިކަމަށް ވަޑައިގެންނެވިއެވެ. އަދުރޭއަށް ވެސް ވީ އެހާކަންހާ ވަރެވެ. ދަރިފުޅު ސިޔާސީ މައިދާނުގައި ބާރުވެރި ކުރުވުމަށް ބޮޑު މަގާމު ދިނުމަށް ފަހު، އިތުރަށް ބޭރުވެރި ވުމަށް ބޭނުން ކޮށްލީ އަމިއްލަ ދަރިފުޅެވެ. ދަރިފުޅުގެ ނާގާބިލް ކަމުން ބޮޑު މަންފާއެއް ހާސިލް ކޮށް މަޖިލީސް ރައީސްކަން ހޯދަން ކަތިލާ ގުރުބާން ކަންބަޅިއަކަށް ދަރިފުޅު ހެދުމަކީ ބާރުތައް ބޭނުން ވެގެން މީހަކު ފެން ބޮވައިގަތަސް ބޮޑުވަރެވެ.

އަބްދުއްރަހީމް އަށް މަޖިލީސް ރައީސްކަން ނުލިބޭނަމަ، ދެން އެފުރުޞަތު އޮތީ ޖަންގިޔާ ނާޒިމަށެވެ. ޖަންގިޔާ ނާޒިމަށް މަޖިލީސް ރައީސްކަން ލިބުމަކީ، އެމްޑީޕީއަށް މަޖިލީސް މެޖޯރިޓީ ލިބުމަށް ވުރެ މުއިއްޒަށް ނުރައްކާތެރިކަން ބޮޑު ކަމެކެވެ. ކަން މިހެން އޮތް ޖަންގިޔާ ނާޒިމަށް އެ ފުރުޞަތު ނުދިނުމުގެ ހަމައެކަނި ބޭނުމުގައިވެސް، އަދުރޭއަށް މަޖިލީސް ރައީސްކަން ދިނުން މުއިއްޒަށް އައުލާކަން ބޮޑެވެ. މިކަން މިހެން އޮއްވާ އެކަމަށްޓަކައި، އަދުރޭގެ ދަރި ގުރުބާން ކުރުމުގެ ހަޤީގީ ބޭނުމެއް ނެތެވެ.

ޓުއަރިޒަމް މިނިސްޓަރ, އޭނާގެ މަގާމުން ދުރުކުރާނަމަ ކުރަންވީ އޭނާގެ ނާޤާބިލް ކަމުންނެވެ. ނަމަވެސް، އޭނާގެ ނާގާބިލް ކަމަކީ މުއިއްޒަށް އެއްވެސް އިރެއްގައި އޮޅިފައިވާ ކަމެއް ނޫނެވެ. ޤާބިލު މީހަކު މި އިންޑަސްޓްރީގެ މިނިސްޓަރު ކަމަށް ގެނައުން މުއިއްޒަކަށް ކޮންމެހެން މުހިންމެއް ނޫނެވެ. މުއިއްޒަށް މުހިންމީ ރައްޔިތުންގެ ފާޑު ކިޔުމުން ސަލާމަތް ވުމެވެ. އެކަމަށްޓަކައި، އަބްދުއްރަހީމްގެ ދަރިފުޅު ގުރުބާން ކުރުމަށް، އަބްދުއްރަހީމް އާއި އެކު ޑީލް ހަދާއިރު، އަބްދުއްރަހީމަށް މަޖިލީސް ރައީސް ކަން ނުދީ، ނާޒިމަށް މަޖިލީސް ރައީސް ކަން ދިނުމަކީ ފަހަރެއްގައި މުއިއްޒުގެ ވެރިކަމުގެ ނިމުން ކަމުގައި ވުމަކީވެސް އެކަށީގެންވާ ކަމެކެވެ.